އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިންޑިއާއަށް ވަޑައިގެންފި އެވެ.

އެ ދަތުރުފުޅަކީ އެމްޑީޕީގެ ފަސްވަނަ ކޮންގްރެސް ނިންމުމަށްފަހު ކުރެއްވި ދަތުރެކެވެ. އެގޮތުން ފައްޔާޒް އިންޑިއާއަށް ފުރާވަޑައިގަތީ މާލެއިން ކަމަށްވާއިރު، ނަޝީދު ވަޑައިގަތީ ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މި ދަތުރާ ގުޅޭ އެއްވެސް މައުލޫމާތެއް އެމްޑީޕީން އަދި ހާމައެއްނުކުރެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސް އިން ވަނީ ޕާޓީގެ ރައީސްގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ޗެއާޕާސަން ކަމަށް ހަމަޖައްސާފަ އެވެ. އެ ބަދަލަކީ ޕާޓީގެ އެތެރޭގެ ކަންކަން ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް އެ ޕާޓީން ބުނެ އެވެ.

ރައީސް ނަޝީދާއި ފައްޔާޒަކީ ސިޔާސީ ގޮތުން ގާތުން މަސައްކަތްކުރައްވަމުން ގެންދާ ދެ ބޭފުޅުންނެވެ.