ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޕާރުސަލްކޮށްގެން ބޭރުކުރަން އުޅުނު ދިވެހި ދެ ފިރިހެނަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ބެންކޮކްގެ މެޓްރޮޕޮލިޓަން ޕޮލިސް ޑިވިޝަން 1 އިން ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އަދި 34 އަހަރުގެ މުހައްމަދު ވިސާމް އެވެ. އެ މީހުން އަތުލައިގަތްއިރު 2.37 ކިލޯގެ ކްރިސްޓަލް މެތް (އައިސް) އަދި 10 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށް ތައިލެންޑުގެ ނޫސްތަކުން ރިޕޯޓުކުރެ އެވެ.

މި އޮޕަރޭޝަން ފުލުހުން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު ޕްރަތުނަމް ސަރަހައްދުގެ ކާގޯ ކުންފުންޏެއްގެ މުވައްޒަފަކަށް، ޝައްކުކުރެވޭ ބޮޑެތި ޕާރުސަލްތަކަކުން އާދަޔާ ހިލާފު ވަހެއް ދުވާތީ އެ ތަކެއްޗާ ހަވާލުނުވެ ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެންނެވެ. އެއަށްފަހު ފުލުހުން ހިންގި ހާއްސަ ހަރަކާތެއްގައި މި ދެ މީހުން ހޯދައި ހައްޔަރުކުރީ ރަޗަތޭވީ ޑިސްޓްރިކްޓްގެ ސޮއި ޕެޗަބުރީ 11 ގައި ހުރި އިމާރާތެއްގެ ތިރިން، އެހެން ޑެލިވަރީ ކުންފުންޏަކަށް ފޮނުވުމަށްޓަކައި ޓުކްޓުކް އަކަށް ޕާރުސަލްތައް އަރުވަން އުޅެނިކޮށެވެ.

ފުލުހުން އެތަން ފާސްކުރިއިރު، ޝިޕިންއަށް ބޭނުންކުރާ ބޮޑު ފަސް ފޮށި ފެނިފައިވެއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރެއިން ކްރިސްޓަލް މެތް ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް އަށް ތައްޓެއްގެ ތެރޭގަ އެވެ. އޭގެ ކޮންމެ ތައްޓެއްގައި 200 އާއި 300 ގްރާމާ ދެމެދުގެ މިންވަރަކަށް މެތް ހުއްޓެވެ. އަދި 10 ކިލޯގެ ކެނަބިސް ފޮރުވާފައި ހުރީ ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައި ވަރަށް ބާރަށް ބަންދުކޮށްފަ އެވެ.

ހައްޔަރުކުރި ދެ މީހުން ފަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާއިރު، އެ މީހުންގެ މައްޗަށް ވަނީ ހުއްދަނެތި ކެޓަގަރީ އެކެއްގެ މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރަން އުޅުމުގެ ދައުވާ އުފުލާފަ އެވެ. ތައިލެންޑުގެ ގާނޫނު ބުނާގޮތުން މިފަދަ ކުށްތަކަށް އުމުރުދުވަހުގެ ޖަލު ހުކުމެއް ނުވަތަ މަރުގެ އަދަބު ވެސް ކަނޑައެޅިދާނެ އެވެ.

ފުލުހުންގެ ތަހުގީގުގައި މި ދެ މީހުން ވަނީ އެ ތަކެއްޗަކީ އިންޑިއާއަށް ފޮނުވަން ރައްޓެއްސަކު ހަވާލުކުރި އެއްޗެހިތަކެއް ކަމަށާއި، އެތެރޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ބުނެ ކުށަށް އިންކާރުކޮށްފަ އެވެ. ނަމަވެސް، ފުލުހުން އެ ވާހަކަތައް ގަބޫލުނުކޮށް، ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގައަކާ މިކަމާ ގުޅުން އޮތް މިންވަރު ބެލުމަށް އިތުރު ތަހުގީގުތައް ދަނީ ހިންގަމުންނެވެ.

ފަހަކަށް އައިސް ބޭރު ގައުމުތަކުން މަސްތުވާތަކެއްޗާއެކު ދިވެހިން ހައްޔަރުވާ މިންވަރު އިތުރުވަމުންދާއިރު، މިދިޔަ މަހު ވެސް ތައިލެންޑުން ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު 20 އަހަރަށް ޖަލަށް ލުމަށް ވިއެޓްނާމްގެ ކޯޓަކުން ވަނީ ހުކުމްކޮށްފަ އެވެ.