ތެހްރާން (19 މެއި) - އިޒްރޭލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާއެކު އީރާނުން ވާކަމަށް އެ ގައުމުގެ ގުދުސް ފޯސްގެ ވެރިޔާ މޭޖާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އީރާނުގެ ޓީވީތަކުން ދެއްކި ހިތާބެއްގައި އޭނާ ވިދާޅުވީ އިޒްރޭލުގެ ޒަޔަނިސްޓް ދައުލަތާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގައި އީރާނުން އޮންނާނީ ފަލަސްތީނުގެ ފަހަތުގައި ކަމަށެވެ.

"މި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ރައްޔިތުން ވަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދާފައި،" ސަލާމީ ވިދާޅުވި އެވެ.

މެދު އިރުމަތީގެ އެންމެ ބާރު ގަދަ ގައުމު ކަމުގައި ބެލެވޭ އީރާނަކީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް ތާއީދު ކުރާ ގައުމެކެވެ. އިޒްރޭލަކީ ސައްހަ ދައުލަތެއްގެ ގޮތުގައި އީރާނުން ގަބޫލެއްނުކުރެ އެވެ.

ހަމަލާތަކަށް ބަދަލެއް ނައިސް ކުރިއަށް ދާއިރު އިޒްރޭލުން ބުދަ ދުވަހު ބުނެފައި ވަނީ ފަލަސްތީނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލަން އަދި ގަސްދު ނުކުރާކަމަށާއި ހުއްޓާލާނެ ދުވަހެއް އަދި ނިންމާފައި ނުވާކަމަށެވެ. -- އަލް އަރަބިއްޔާ