ގއ. ވިލިނގިލީގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިފައިވާތީ އެރަށުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރެފައިވާ އެންގުމުގައި ވަނީ މިއަދުން ރޭގަނޑު 6:00 އިން ފަތިހު 4:00 އަށް ވިލިނގިލީގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ.

ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އެރަށުގައި ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެއްގެއަށް އަނެއްގެއަށް ޒިޔާރަތް ކުރުމާއި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ހުރިހާ ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށާއި ސެލޫނުތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވެސް ވަނީ އަންގާފަ އެވެ.

ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވެސް އަންގާފައިވެ އެވެ.

ފިހާރަތަކުން ޚިދުމަތްދޭއިރު، އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ. އަދި ހޮޓާތަކާއި، ކެފޭ، ރެސްޓޯރަންޓުތަކަށް ހާޒިރުވެ ޚިދުމަތްދިނުން މަނާކޮށް، ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.

މީގެއިތުރުން ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ލ. ގަން، ގދ. ތިނަދޫ، ފ. ނިލަންދޫ، އދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވެސް ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.