ގިނަ އާއިލާތަކުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކުޑަ ކުދިންނަށް މޭވާއާއި ތަރުކާރީ ކާން ދިނުމެވެ. ތަރުކާރީއަކީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ބާވަތްތަކެއް ނަމަވެސް، ކުދިން ގިނަ ފަހަރަށް ތަރުކާރީ ކެއުމަށް ދެކޮޅު ހަދަ އެވެ.

ކުޑަ ކުދިންނަށް ތަރުކާރީ ކާން ބާރުއަޅައި އެކަމަށް ހާނުވަން ނަފްސާނީ އަދި ކާނާގެ މާހިރުން ލަފާ ދެއްވާފައިވާ 6 ކަމެއްވެ އެވެ:

1. ތަކުރާރުކޮށް ކާން ދިނުން

ކުއްޖަކު ފުރަތަމަ ފަހަރަށް ތަރުކާރީ ކާން ދެކޮޅު ހެދުމަކީ މާޔޫސްވާންޖެހޭ ސަބަބެއް ނޫނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާ ކާނާއެއް ކުއްޖާއަށް ކަމުދިޔުމަށްޓަކައި އެކި ފަހަރު މަތިން އެ ކާނާ އެ ކުއްޖާއަށް ދައްކައި، މަދު މަދުން ކާންދޭން ޖެހިދާނެ އެވެ. ކެތްތެރިކަމާއެކު ތަކުރާރުކޮށް ހުށަޅައިދިނުމުން ކުދިންގެ ވިސްނުން ބަދަލުވެ އެވެ.

2. ކެއުމުގެ ކުރިން ތަރުކާރީ ދިނުން

ކުދިން ވަރަށް ބޮޑަށް ބަނޑުހައިވެފައި ހުންނަ ވަގުތު އާއްމު ކެއުމުގެ ކުރިން ތަރުކާރީ ތަށްޓެއް (މިސާލަކަށް ކުދިކޮށް ކޮށާފައި ހުންނަ ކެރެޓް ނުވަތަ ކިއުކަމްބާ ފަދަ ތަކެތި) މޭޒުމަތީގައި ބެހެއްޓުމުން، ކުދިން ބަނޑުހައިވެފައި ތިބޭ ވަގުތު އެ ކެއުމުގެ ފުރުސަތު ބޮޑެވެ.

3. ތަށީގައި ތަރުކާރީ ހިމަނާ މިންވަރު އިތުރު ކުރުން

ކެއުމުގައި ހިމެނޭ އެހެން ބާވަތްތަކާ އަޅައިބަލާއިރު ތަރުކާރީ ހިމަނާ މިންވަރު އިތުރު ކުރުމަކީ ވެސް އެހީ އެކެވެ. މީގެ އިތުރުން ކުދިންނަށް ކަމުދާ ކާނާތަކުގެ ތެރެއަށް ތަރުކާރީ ކުދިކޮށް ކޮށައިގެން (މިސާލަކަށް ސޯސްގަނޑުތަކަށް ނުވަތަ ޕާސްތާއަށް) އެއްކޮށްލުމަކީވެސް ފަސޭހައިން ތަރުކާރީ ދެވިދާނެ ގޮތެކެވެ.

4. ތަރުކާރީ ފެންނަ ގޮތް ތަފާތުކޮށް އެކި ގޮތްގޮތަށް ކޮށުން

ކުދިން ކާޒާނާތަކަށް ބަލާގޮތް ތަފާތެވެ. ތަރުކާރީ ތަފާތު ޑިޒައިންތަކަށް، ކުދިކުދި ބައްޓަންތަކަށް ކޮށައިގެން ނުވަތަ ތަފާތު ކުލަކުލައިގެ ތަރުކާރީ އެއްކޮށްގެން ހުށަހެޅުމުން ކުދިންގެ ޝައުގުވެރިކަން އިތުރުވެ އެވެ. ތަރުކާރީއާއެކު ކުދިން ފާހަގަކުރާ ރަހަމީރު ޑިޕް ފަދަ ތަކެތި ބޭނުން ކުރުމަކީ ވެސް މޮޅު ގޮތެކެވެ.

5. އާއިލާއާއެކު އެކުގައި ކެއުން

ކުދިންގެ ކެއުމުގެ އާދަތަކަށް އެންމެ ބޮޑު އަސަރެ އްކުރަނީ މައިންބަފައިންނާއި އާއިލާ މީހުން އަމަލުކުރާ ގޮތުންނެވެ. އާއިލާ އެކުގައި ކާ މޭޒުދޮށުގައި ތިބެ، މައިންބަފައިން އުފަލާއެކު ތަރުކާރީ ކާ މަންޒަރު ފެނުމުން ކުދިންވެސް އެކަމަށް ލޯބިޖެހެ އެވެ. ހަފްތާއަކު މަދުވެގެން ތިންފަހަރު އާއިލާ އެކުގައި ކެއުމަކީ ކުދިންގެ ސިއްޙަތަށް ވަރަށް ފައިދާހުރި ކަމެކެވެ.

6. އުފާވެރި އަދި މަޖާ މާހައުލެއް އުފެއްދުން

ކުދިންނަށް މަޖުބޫރު ކޮށްގެން ތަރުކާރީ ދިނުމަކީ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އޭގެ ބަދަލުގައި ތަރުކާރީއާ މެދު ކުދިންނަށް އޮންނަ ބިރުވެރިކަން ނައްތާލުމަށްޓަކައި، ކާބޯތަކެއްޗާ އެކު ކުޅެލުމުގެ ފުރުސަތު ދޭށެވެ. މިސާލަކަށް ތަރުކާރީގެ ވަސްބެލުމާއި، އޭގެ ޓެކްސްޗާއަށް ބެލުން ފަދަ ކަންކަން ކުރުވާށެވެ. ކައްކާއިރު ކުދިންގެ ބައިވެރިވުން ހޯދުމަކީ ވެސް ކުދިން އަމިއްލައަށް ތަރުކާރީ ކެއުމަށް ޝައުގުވެރި ކުރުވާ ކަމެކެވެ.