ކަށީގެ ދުޅަހެޔޮކަމަކީ އިންސާނާގެ ހަޔާތުގެ ކޮންމެ މަރުހަލާއެއްގައި ވެސް މުހިންމު ކަމެކެވެ. ނަމަވެސް، އުމުރުގެ މެދުތެރެއާއި އެއަށްފަހުގެ އަހަރުތަކުގައި، ކަށިތައް ވަރުގަދަކުރުމަށްޓަކައި ކާނާއާއި ކަސްރަތަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު އެވެ. އުމުރުން ދުވަސްވާއިރު ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް އެންމެ ރަނގަޅު ކާނާތަކަކީ ކޮބާ؟

ކަށިތައް ބަލިކަށިވުމުންނާއި ކަށީގެ ބަލިތަކުން ރައްކާތެރިކޮށްދޭ މުހިންމު މާއްދާއެއް ކަމަށްވާ ކެލްސިއަމް ގިނައިން އެކުލެވޭ ކާނާތައް މި ލިސްޓުގެ ކުރީގައި ހިމެނެ އެވެ. ނަމަވެސް މީގެ މާނައަކީ ހަމައެކަނި ކިރުގެ ބާވަތްތަކުން ފުއްދާލުމެއް ނޫނެވެ. ކަށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކާނާއާ ބެހޭ މާހިރުން އިރުޝާދުދޭ ބައެއް މުހިންމު ބާވަތްތައް ތިރީގައި އެވަނީ އެވެ.

ކަށީގެ ދުޅަހެޔޮކަން

އަހަރެމެންގެ ކަށިތައް އުފެދިފައިވަނީ ކޮލަޖަން ކިޔާ ޕްރޮޓީނަކާއި ތަފާތު ގިނަ މިނަރަލްތަކާއި ވިޓަމިންތަކުންނެވެ. މީގެ ތެރެއިން އެންމެ މުހިންމީ ކެލްސިއަމް އެވެ. މިއީ ފޮސްފޭޓާ އެކުވެގެން މުޅި ހަށިގަނޑަށް އެހީތެރިވެދޭ އަދި ގުނަވަންތައް ރައްކާތެރިކޮށްދޭ ވަރުގަދަ އޮނިގަނޑެއް އުފައްދައިދޭ މާއްދާ އެވެ. އަދި ކަށިތަކަކީ ކެލްސިއަމް، ފޮސްފަރަސް އަދި ވިޓަމިން-ޑީ ރައްކާކުރާ ގުދަނެކެވެ. ހަށިގަނޑަށް ބޭނުންވާ ހާލަތްތަކުގައި ކަށިތަކުން މި މާއްދާތައް ދޫކުރެ އެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ކެލްސިއަމް އާއި ފޮސްފަރަސްއަކީ ކަށިތަކަށް ވަރުގަދަކަން ގެނެސްދޭ މާއްދާތަކެވެ. އަދި ކަށި ފީވުމުން ސަލާމަތްވުމަށާއި ކަށީގެ ބަރުދަން އެންމެ ފުރިހަމަ މިންވަރަށް ގެންދިއުމަށް ކެލްސިއަމް އާއި ވިޓަމިން-ޑީ ވަރަށް މުހިންމެވެ.

މުހިންމު ނިއުޓްރިއަންޓްތައް

އުމުރުން ދުވަސްވާ ވަރަކަށް ކާނާގެ ޒަރީއާއިން (އަދި ސަޕްލިމެންޓްސް މެދުވެރިކޮށް) ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެލްސިއަމް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އުމުރުން 30 އަހަރުވުމުން ކަށިތަކުން މަޑުމަޑުން ކެލްސިއަމް މަދުވާން ފަށަ އެވެ. އަދި އުމުރުގެ މެދުތެރެއަށް ދާއިރު، ހާއްސަކޮށް އަންހެނުންގެ ކަށިތަކުން މި މާއްދާ މަދުވާ މިންވަރު އަވަސްވެ، ކަށި ބަލިކަށިވުމާއި، ބިނދުމާއި، ކަށި ފީވުމުގެ ފުރުސަތު ބޮޑުވެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ކެލްސިއަމް ނުލިބޭނަމަ، ހަށިގަނޑުން އެ ބޭނުންތައް ފުއްދަނީ ކަށިތަކުގައި ހުންނަ ކެލްސިއަމް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ކަށިތައް ބަލިކަށިވެ އެވެ.

އޮމެގާ-3 އާއި ވިޓަމިންތައް:

ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ އިތުރު މާއްދާތަކުގެ ތެރޭގައި ތެޔޮ ނުވަތަ ފެޓް، ހާއްސަކޮށް އޮމެގާ-3 ފެޓީ އެސިޑްސް ހިމެނެ އެވެ. މިއީ ކަށީގެ ދުޅަހެޔޮކަމަށް ބޭނުންވާ ވިޓަމިން (D, A, E, K) ހަށިގަނޑަށް ދަމައިގަތުމަށް އެހީތެރިވެދޭ އަދި ހަށިގަނޑުގައި އުފެދޭ އިންފްލަމޭޝަންް ކުޑަކޮށްދޭ މާއްދާއެކެވެ.

ޕްރޮޓީން:

ޕްރޮޓީނަކީ ވެސް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. މިއީ ކަށީގެ އޮނިގަނޑުގައިވާ ކޮލަޖަން ދަމަހައްޓައިދީ، އުމުރުން ދުވަސްވާއިރު ކަށީގެ ޓިޝޫތަކާއި މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

މެގްނީޒިއަމް އަދި ޒިންކް:

ދިރާސާތަކުން ދައްކާގޮތުގައި މެގްނީޒިއަމް ބޭނުންކުރުމާއި ކަށީގެ ވަރުގަދަކަމާ ސީދާ ގުޅުމެއް އޮވެ އެވެ. މީގެ އިތުރުން ޒިންކަކީ ވެސް ކަށީގެ ދުޅަހެޔޮކަމަށް ނުފޫޒު ފޯރުވާ މުހިންމު މާއްދާއެކެވެ.

ކަށިތައް ވަރުގަދަކުރުމަށް އެންމެ ރަނގަޅު ކާނާތައް

މަތީގައި ބަޔާންކުރެވުނު މުހިންމު މާއްދާތައް ހިމެނޭ، އުމުރުން ދުވަސްވާއިރު ބޭނުންކުރަން އެންމެ ރަނގަޅު ކާނާތައް ތިރީގައި އެވަނީ އެވެ.

ކިރާއި ފްރެޝް ޔޯގަޓަކީ ކެލްސިއަމް ލިބިދޭ އެންމެ މުހިންމު އެއް މަސްދަރެވެ. ބޮޑެތި މީހުން ދުވާލަކު 1,000 އާއި 1,300 މިލިގްރާމާ ދެމެދުގެ މިންވަރަކަށް ކެލްސިއަމް ބޭނުންކުރަން ޖެހެ އެވެ. އެއް ތަށި ކިރުން ގާތްގަނޑަކަށް 276 އާއި 300 މިލިގްރާމްގެ ކެލްސިއަމް ލިބޭއިރު، އެއް ތަށި ޔޯގަޓުން 200 އާއި 310 މިލިގްރާމްގެ ކެލްސިއަމް ލިބެ އެވެ.

ގްރީކް ޔޯގަޓް ކިރުގައި ހުންނަ ކަށި ވަރުގަދަކޮށްދޭ ހުރިހާ މާއްދާއެއް ގްރީކް ޔޯގަޓުން ވެސް ލިބެ އެވެ. މީގައި ކެލްސިއަމްގެ އިތުރުން ޕްރޮޓީން އަދި ޕްރޮބަޔޮޓިކްސް ގިނަ އަދަދަކަށް އެކުލެވެ އެވެ. އުމުރުން ދުވަސްވާއިރު މަސްތަކުގެ ބާރު ދެމެހެއްޓުމަށް ޕްރޮޓީން ވަރަށް މުހިންމެވެ. މީގެ ސަބަބުން ކަށިތައް ރައްކާތެރިކޮށްދީ، ވެއްޓިގެން ލިބޭ އަނިޔާތަކުން ސަލާމަތްވުމަށް އެހީތެރިވެދެ އެވެ.

އެހެނިހެން ކިރުގެ ބާވަތްތައް

ދުވާލަކު ތިން ފަހަރު ކިރު ނުވަތަ ކިރުން އުފައްދާފައިވާ ބާވަތްތައް (ޔޯގަޓް، ޗީޒް ފަދަ ތަކެތި) ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. މިފަދަ ތަކެތީގައި ހުންނަ ފައިދާހުރި ބެކްޓީރިއާގެ ސަބަބުން ހަށިގަނޑަށް ކާނާގެ މާއްދާތައް ދަމައިގަތުމަށް ފަސޭހަވެ، ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދެ އެވެ.

ދަަޅުގައި ބަންދުކުރި ކަށި ހުންނަ ސާޑިން މަސް

ސާޑިން މަހަކީ ކެލްސިއަމް އިން މުއްސަނދިވެފައިވާ ކާނާއެކެވެ. މި މަހުގެ ކަށިތަކަކީ މަޑު އަދި ކެވޭ އެއްޗަކަށް ވުމުން، އޭގެ ތިން އައުންސްގެ މިންވަރަކުން ގާތްގަނޑަކަށް 325 މިލިގްރާމްގެ ކެލްސިއަމް ލިބެ އެވެ. މީގެ އިތުރުން މީގައި ޕްރޮޓީން، ވިޓަމިން-ޑީ، ވިޓަމިން ބީ-12 އަދި އޮމެގާ-3 ފެޓީ އެސިޑްސް ގިނައިން އެކުލެވެ އެވެ.

ސަލްމަން މަސް

މިއީ އޮމެގާ-3 އާއި ޕްރޮޓީންގެ އިތުރުން ވިޓަމިން-ޑީ ލިބިދޭ އެންމެ މުހިންމު އެއް މަސްދަރެވެ. ވިޓަމިން-ޑީ އަކީ ހަށިގަނޑަށް ކެލްސިއަމް ދަމައިގަތުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހާއްސަކޮށް ދަޅުގައި ހުންނަ، ކަށި ހިމެނޭ ސަލްމަން މަހުން އިތުރު ކެލްސިއަމް ލިބެ އެވެ.

ބަރަބޯ އޮށް:

މިއީ މެގްނީޒިއަމް އިން ވަރަށް މުއްސަނދި އެއްޗެކެވެ. އެންމެ އައުންސްއެއްގެ ބަރަބޯ އޮށުން ދުވާލަކަށް ބޭނުންވާ މެގްނީޒިއަމްގެ ގާތްގަނޑަކަށް 37 އިންސައްތަ ލިބެ އެވެ. މިއީ ސެލެޑް ނުވަތަ އެހެނިހެން ކާނާގެ ތެރެއަށް އަޅައިގެން ބޭނުންކުރެވިދާނެ ފައިދާހުރި އެއްޗެކެވެ.

ފެހިކަންގަދަ ފަތްޕިލާވެލި:

ކިރުގެ ބާވަތްތަކާ އަޅާބަލާއިރު ކެލްސިއަމް މަދުވި ނަމަވެސް، ފެހިކަންގަދަ ފަތްތަކަކީ ކިރުގެ ބާވަތްތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ އިތުރަށް ހަށިގަނޑަށް ކެލްސިއަމް ދަމައިގަތުމުގެ ގާބިލުކަން ހުންނަ ބާވަތްތަކެކެވެ. މީގެ އިތުރުން ކޮލާޑް ގްރީންސް އިން ކެލްސިއަމް އާއި ވިޓަމިން-ކޭ ލިބިދެ އެވެ. ވިޓަމިން-ކޭ އަކީ ކަށީގެ މިނަރަލައިޒޭޝަންގައި ބޭނުންވާ ޕްރޮޓީންތައް ހަރަކާތްތެރިކުރުވުމުގައި މުހިންމު ދައުރެއް އަދާކުރާ މާއްދާއެކެވެ.

ކެލްސިއަމް އެކުލެވޭ އޮރެންޖް ޖޫސް

ބައެއް ބްރޭންޑްތަކުގެ އޮރެންޖް ޖޫހަކީ ކެލްސިއަމް އިތުރުކޮށްފައިވާ ބާވަތްތަކެވެ. އެއް ތަށި މިފަދަ އޮރެންޖް ޖޫހުން ގާތްގަނޑަކަށް 349 މިލިގްރާމްގެ ކެލްސިއަމް ލިބެ އެވެ. މިއީ ދުވާލަކަށް ބޭނުންވާ މިންވަރުގެ 27 އިންސައްތަ އެވެ.

ވިޓަމިން އިތުރުކޮށްފައިވާ ސީރިއަލް

މިއީ ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ މުހިންމު ނާސްތާއެކެވެ. މިފަދަ ސީރިއަލްގެ އެއް ސާވިންގް އިން ދުވާލަކަށް ބޭނުންވާ ވިޓަމިން-ޑީގެ ގާތްގަނޑަކަށް 10 އިންސައްތަ ލިބެ އެވެ. ވިޓަމިން-ޑީ އަކީ ކަށީގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ.