އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއޭލާއިން އެމެރިކާއަށް ހަދިޔާކުރި ކަމަށް ވިދާޅުވާ އެއް މިލިއަން ފީފާގެ ތެޔޮ ހިފައިގެން އައިސްފައިވާ ބޯޓެއް ޓެކްސަސްގެ ބަނދަރެއްގައި ދައްކާލައިފި އެވެ.

އެކަން ކުރީ ކުރިއަށް އޮތް މެޓްޓާމް ނުވަތަ ސެނެޓް އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން ޓެކްސަސްގައި ބާއްވަމުންދާ ކެމްޕޭން ހަރަކާތުގެ ތެރެއިންނެވެ.

ޓެކްސަސްގެ ކޯޕަސް ކްރިސްޓީގައި ބޭއްވި މި ކެމްޕެއިން ހަފްލާގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ އެމެރިކާގެ ޓެކްސް ދައްކާ މީހުންނަށް އެއްވެސް ހަރަދަކާ ނުލައި ލިބުނު ތެލެއް ކަމަށާއި، މި ތެލުގެ ސަބަބުން ގައުމުގައި މަތިވަމުންދާ ތެލުގެ އަގުތައް ތިރިކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ޓްރަމްޕާއެކު ބައިވެރިވެވަޑައިގެންނެވިއިރު، މިއީ އެމެރިކާގެ ހާރިޖީ ވަޒީރަކު މިފަދަ ސިޔާސީ ކެމްޕޭން ދަތުރެއްގައި ބައިވެރިވުން މަދުން ނޫނީ ނުފެންނަ ފަދަ ތަފާތު މަންޒަރެކެވެ.

މި ކެމްޕޭން ދަތުރުފުޅުގެ މައިގަނޑު އެއް މަގުސަދަކީ، ޓެކްސަސްގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓަށް ވޯޓު ހޯދައިދިނުމެވެ. ހަނގުރާމަތަކާއި ސަރަހައްދީ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރާއި އެމެރިކާގައި ތެލުގެ އަގުބޮޑުވެ، ރައްޔިތުންގެ ފަރާތުން ސަރުކާރަށް އަންނަ ފާޑުކިޔުންތައް ކުޑަކުރުމަށްޓަކައި މިފަދަ ބޮޑެތ ބިޔަ މަޝްރޫއުތަކާއި ހަކަތައިގެ މުއާމަލާތްތަކަކީ ޓްރަމްޕްގެ ސިޔާސީ އުކުޅުތަކުގެ މައިގަނޑު ބައެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.