މީލާދީން 1944 ވަނަ އަހަރު ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ރާއްޖޭގެ ތަޚުތަށް އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިންތިޚާބު ކުރި އެވެ. އަަދި 1952 ވަނަ އަހަރު އަވަހާރަވުމާ ހަމަޔަށް ވެސް އެމަނިކުފާނު ހުންނެވީ ރާއްޖޭގެ ތަޚުތަށް އިންތިޚާބު ކުރެވުނު ރަސްގެފާނުގެ ގޮތުގަ އެވެ. އެކަމަކު ތަޚުތަކަށް އިސްވެވަޑައެއް ނުގަންނަވަ އެވެ. ރާއްޖެއަކަށް ވަޑައެއް ވެސް ނުގަންނަވަ އެވެ. ދިރިއުޅުއްވީ މިސްރުގަ އެވެ. ސުވާލަކީ ކީއްވެގެން ހެއްޔެވެ؟

އަތިރީގޭ އާއިލާގެ ބާރާއި ސިޔާސީ މަސްރަހު

މީލާދީން 1887 ވަނަ އަހަރު އަތިރީގޭ އިބްރާހިމް ދީދީގެ ބެލުމުގެ ދަށުން ދިވެހިރާއްޖެ އިނގިރޭސިންގެ އަތް ދަށަށް ދިއުމާއެކު ރާއްޖޭގެ ވެރިކަމުގެ ބާރު އަތިރީގެއަށް ބަދަލުވެގެން ދިޔަ އެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް އެ އާއިލާއަށް އޮތް ކަމުގައި ވިޔަސް ރަސްކަމުގެ ތަޚުތުގައި ހުންނަވަނީ ހުރާގޭ އާއިލާގެ ދެވަނަ ގޮފި ކަމުގައިވާ ކަކާގެ އާއިލާގެ ބޭފުޅެކެވެ. ސަރުކާރު ހިންގަމުން ގެންދިޔައީ އިނގިރޭސިންގެ އެހީގައި އަތިރީގޭ އާއިލާއިންނެވެ.

"ދޮށިމޭނާ ކިލެގެފާނުގެ އެހީތެރިންގެ ގޮތުގައި ތިއްބެވީ އޭނާގެ ތިން ބޭފުޅުން ކަމުގައިވާ އަހުމަދު ދީދީ އާއި އަބްދުލް މަޖީދު ދީދީ އާއި އަބްދުލް ހަމީދު ދީދީ އެވެ. ޚާއްސަކޮށް އަބްދުލް މަޖީދު ދީދީ އެވެ." ރާއްޖޭގެ ތާރީޚަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރެއްވި ހުސެއިން ސަލާހުއްދީނުގެ ކާފަ ދަރިކަލެއް ކަމަށްވާ މުހައްމަދު މުއިއްޒު އަދުނާނު ލިޔުއްވާފައިވެ އެވެ.

ގަނޑުވަރުގެ ތެރޭގައި ހިނގަމުން ދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވެރިކަން ހިންގެވުމުގެ އެންމެ މަތީ ބާރު އަތިރީގޭ ބޭބޭފުޅުންގެ ފަރާތުން އައިސް، އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ލިބިވަޑައިގެންނެވީ 1926 ވަނަ އަހަރު އެވެ. އައްސުލްތާނު މުހައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގަ އެވެ. އިނގިރޭސިންގެ ބެލުމުގެ ދަށުން ރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ގާނޫނު އަސާސީ އުފަންވީ އެމަނިކުފާނުގެ ބޮޑު ވަޒީރު ކަމުގަ އެވެ. މީލާދީން 1932 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އުފަން ވުމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރު ބޮޑެވެ. މައިގަނޑު ބޭނުމަކީ ރަސްގެފާނުގެ ބާރު ކަނޑުވައިލުމެވެ.

ގާނޫނުއަސާސީ އާއި ރަސްކަމުގެ ނުތަނަވަސްކަން

ގާނޫނު އަސާސީއަކުން ރާއްޖޭގެ ވެރިކަން ހިންގަން ހަމަޖެހުނު ކަމުގައި ވިޔަސް އެއަކީ ރަދުން ހިތްޕުޅާ ހަމަކުރެއްވި ކަމެއް ނޫނެވެ. ރައްޔިތުންނަށް އޭގައި ވާނުވާއެއް ނޭނގެ އެވެ. ރަދުންނާއި ވެރިކަން ހިންގަން ތިބި މީހުންނާ ދެމެދު އުފެދެމުން ދިޔަ ނުތަނަވަސްކަމުގެ ތެރޭގައި ޝަމްސުއްދީން ރަދުން ރަސްކަމުން ދުރުކޮށް އެމަނިކުފާނު ދަރިކަލުންނާ އެކު އަރުވާލެވުނެވެ.

އެއަށްފަހު ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން 1935 ވަނަ އަހަރު ހަސަން ނޫރައްދީން ރަސްކަމަށް އައްޔަން ކުރެވުނެވެ. އެހެން ނަމަވެސް އެ ރަސްކަން ވެސް މާގިނަ ދުވަހަކު ދެމިއެއް ނެތެވެ. 1944 ވަނަ އަހަރު ރަސްގެފާނު ގަދަކަމުން މަގާމުން ދުރު ކުރުމަށްފަހު ދިވެހި ރަސްކަމަށް އަބުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު "އިންތިޚާބު" ކުރި އެވެ. އޭރު ވެސް ރާއްޖޭގެ ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ އެމަނިކުފާނުގެ ދަރިކަލުން ހަސަން ފަރީދު ދީދީ އެވެ.

ދިވެހި ރާއްޖޭގެ ރަސްކަމަށް އަބުދުލް މަޖީދު އިސްކުރުމަކީ ރާއްޖޭގެ ވެރިކަމުގެ ފުރިހަމަ ކޮންޓްރޯލް އަތިރީގެއަށް ގެންދިއުމަށް ކުރެވެމުން ދިޔަ މަސައްކަތުގެ އެންމެ މުހިންމު އެއްބޮޅެވެ.

ރަސްކަމަށް އިސްވެވަޑައިނުގެންނެވުނު ހަގީގާ ސަބަބު

އަލް މުންތަޚަބު ލިލް އަރުޝި ދައުލަތުލް މަހަލްދީބިއްޔާގެ ލަގަބުފުޅާއެކު ރަސްކަން ހަވާލު ކުރެވުނު އިރު އެމަނިކުފާނު ވަޑައިގެން ވީ ސިލޯނުގަ އެވެ. އޭރު ދިރިއުޅުއްވަމުން ގެންދެވީ މިސްރާއި ކޮޅުނބުގަ އެވެ. ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުމަށްފަހު އޭރު ދައުލަތުން އެމަނިކުފާނަށް ގަވާއިދުން ޕެންޝަން ލިބިވަޑައިގަންނަވަ އެވެ.

ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އަބްދުލް މަޖީދު ރަނަބަނޑޭރި ކިލެގެފާނު އިސްކުރެވުނު ކަމުގައި ވިޔަސް މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށް އެމަނިކުފާނު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ. ވެރިކަން ހިންގަވަމުން ގެންދެވީ އެމަނިކުފާނުގެ ދަރިކަލުން ހަސަން ފަރީދު ދީދީ އެވެ.

އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު

ހަސަން ފަރީދު އަވަހާރަވުމަށްފަހު އަބްދުލް މަޖީދަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު އަމީނެވެ. ގިނަ ބަޔަކަށް ޖަވާބު ނޭނގި ނުވަތަ އޮޅުން ނުފިލާ އޮތް ސުވާލަކީ ރަސްކަމުގެ ތަޚުތަށް އަބްދުލް މަޖީދު އިސްވެ ވަޑައިނުގަތީ ކީއްވެގެން ހެއްޔެވެ.

ކަށިމާ އަހުމަދު ޝާކިރު، ލިޔުއްވާފައިވާ ގޮތުގައި އަބްދުލް މަޖީދަށް ރަސްކަމާ ހަވާލުވެވަޑައި ނުގެންނެވުނީ އިނގިރޭސި ސަރުކާރުން އެކަމަށް އެއްބަސް ނުވުމުގެ ސަބަބުންނެވެ. އިނގިރޭސި ވިލާތުގެ ކަމާ ބެހޭ އިދާރާތަކާއި ކޮޅުނބުގައި ހުންނެވި ގަވަރުނަރާ ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކަށް ބުރަވެ، ޝާކިރު ފާހަގަ ކުރައްވާފައިވާ ގޮތުގައި އިނގިރޭސިން ސުވާލު އުފެއްދީ އަބްދުލް މަޖީދަށް ރަސްކަން ވާރުތަވުމުގެ ޝަރުތު ފުރިހަމަ ވޭތޯ އެވެ. އެ މީހުން ބަލާ މިންގަނޑުން ބަފައިފުށުން އަބުދުލް މަޖީދަށް ސީދާ ރަސްކަން ވާރުތައެއް ނުވެ އެވެ. އެހެންކަމުން އިނގިރޭސި ސަރުކާރުގެ ރުހުން އެމަނިކުފާނަށް ލިބިވަޑައި ނުގެންނެވީ އެވެ.

ފުރަތަމަ ޖުމްހޫރިއްޔާއަށް މަގުކޮށުން

ރާއްޖޭގެ އޭރުގެ ހާލަތަށް ބަލާއިރު އެ ބާވަތުގެ ކަންތަކަކީ އާންމު ރައްޔިތުންނަށް އެނގޭ ފަދަ ކަންކަމެއް ނޫނެވެ. އާންމުންނަށް ފެންނަން އޮތީ އަބްދުލް މަޖީދު ރަސްކަމާ ހަވާލުވާން ބޭނުންފުޅުވެ ވަޑައިނުގެންނެވުމެވެ. އޭގެ ބަދަލުގައި ސަރުކާރުގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވި ކަމެވެ.

އަބްދުލް މަޖީދު އަވަހާރަވުމަށްފަހު ރާއްޖޭގެ ރަސްކަން ހަވާލުކުރުމަށް ވަލީ ކޮމިޓީ އިން ނިންމީ އަންނަބީލް މުހައްމަދު އަމީން ދީދީ އާ އެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެސް ރަސްކަން ގަބޫލުފުޅެއް ނުކުރެއްވި އެވެ. ކީއްވެގެން ކަމެއް ނޭނގެ އެވެ. ފެންނަން އޮތް ހަގީގަތަކީ އާންމުންނަށް ވާނުވާ ނޭނގޭ ފަދަ ވޯޓެއް ނެންގެވުމަށްފަހު، ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެއްވި ކަމެވެ.

އެއަށްފަހު އެ ޖުމްހޫރިއްޔާގެ ރައީސްގެ ހައިސިއްޔަތުން ހުރިހާ ބާރެއް އެމަނިކުފާނު މިލްކު ކުރެއްވި ކަމެވެ. ސަބަބު ޔަގީން ނުވިޔަސް ރަސްކަމަށް އިސްވުމުގައި އަބުދުލް މަޖީދަށް ދިމާވި ފަދަ ގޮތެއް އިނގިރޭސި ދައުލަތާ ދެމެދު ދިމާވާން އަމީން ބޭނުންފުޅު ނުވުމަކީ ރާއްޖޭގެ ގަދީމީ ރަސްކަން ޖުމުހޫރިއްޔާ އަކަށް ބަދަލުވުމުގެ ސިއްރު ކަމުގައި ވެދާނެ އެވެ.