މޭވާއާއި ތަރުކާރީ ބޭނުންކުރުމުގެ ކުރިން ނުވަތަ ކެއްކުމުގެ ކުރިން ދޮވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ހަމައެކަނި ފެނުން ދޮވުމުން ފުދޭ ހެއްޔެވެ؟ ނުވަތަ ބޭކިން ސޯޑާ ބޭނުންކޮށްގެން މޭވާ ދޮވުމަކީ މާ ރަނގަޅު ގޮތެއް ހެއްޔެވެ؟
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ މޭވާ ސާފުކުރުމަށް ބޭނުންކުރެވިދާނެ ގުދުރަތީ ގޮތެކެވެ. ނަމަވެސް މިގޮތަށް ދޮވުމުން އާފަލު ނުވަތަ މޭބިސްކަދުރު ފަދަ ތަކެތި ކެއުމަށް މާ ރައްކާތެރިވާނެ ހެއްޔެވެ؟
ބޭކިން ސޯޑާ ފެނަށް އަޅައިގެން މޭވާ ދޮވުމާއި ގުޅޭގޮތުން އޭމީ ޖޯންސްޓަން، ޔުނިވާސިޓީ އޮފް މިނެސޯޓާގެ އެސިސްޓަންޓް ފުޑް ސޭފްޓީ ޕްރޮފެސަރު ވިދާޅުވީ ބޭކިން ސޯޑާ އެއްކޮށްފައިވާ ފެނުގައި މޭވާ ދޮވުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ދެ ބާވަތެއްގެ ޕެސްޓިސައިޑް (ސޫފާސޫފި މަރާ ބޭސް) ފިލުވައިދޭކަން ދިރާސާތަކުން ދައްކާ ކަމަށެވެ.
ނަމަވެސް، މާ ގިނައިރު މޭވާ ފެނުގައި ބަހައްޓައިގެން ފޯކުރުމަކީ ބައެއް ނުރައްކާތައް ކުރިމަތިވެދާނެ ކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ 'ތާމަލް ޝޮކް' އެވެ. މިއީ މޭވާގެ ހޫނުމިނަށްވުރެ ފެނުގެ ހޫނުމިން ބޮޑަށް ތަފާތުވުމުން ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ، ފެނުގައި ހުންނަ ބެކްޓީރިއާ ފަދަ ތަކެތި މޭވާގެ އެތެރެއަށް ދަމައިގަތުމުގެ ފުރުސަތު އޮވެ އެވެ. އެހެންކަމުން، ގިނައިރު ފޯކުރުމުގެ ބަދަލުގައި، ކުޑަވަގުތުކޮޅަކަށް ފެނަށް ގަންބާލުމަށްފަހު ދޮވުމަށް އޭނާ ލަފާދެއްވަ އެވެ.
ބޭކިން ސޯޑާ ބޭނުންކޮށްގެން މޭވާ ދޮވުމަށް އެންމެ ރަނގަޅު ގޮތް
ބޭކިން ސޯޑާ ބޭނުންކުރަން ބޭނުންނަމަ، ގާތްގަނޑަކަށް 4 ލީޓަރުގެ ފެނަށް ސައިސަމުސަލެއްގެ ބޭކިން ސޯޑާ އެއްކުރުމަށް ޖޯންސްޓަން އިރުޝާދު ދެއްވަ އެވެ. "ބޭކިން ސޯޑާއަކީ މަޑު ސާފުކުރާ މާއްދާއެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެއް. މީގެ ސަބަބުން މޭވާގެ ބޭރުގައި ހުންނަ ކުނިބުނިތައް ފަސޭހައިން ފިލުވައިދޭނެ. ނަމަވެސް މިއީ ބެކްޓީރިއާ ނައްތާލާނެ އެއްޗެއް ނޫން؛ މިއީ 'ސެނިޓައިޒިން އެޖެންޓެއް' ނޫންކަން ދަންނަންޖެހޭ." އޭނާ ވިދާޅުވި އެވެ.
ބޭކިން ސޯޑާ އެއްކޮށްފައިވާ ފެނަށް މޭވާ ގަންބާލުމަށްފަހު، މަޑުމަޑުން އަތުން އުނގުޅާލައި، ދެން ފިނި ފެނުން ރަނގަޅަށް ދޮވެލާށެވެ. މާ ގިނައިރު ފެނުގައި ފޯކުރަން ނުބާއްވާށެވެ. އެއީ ކުރިން ބުނި 'ތާމަލް ޝޮކް' ކުރިމަތިވުމުގެ އިތުރުން މޭވާގެ ރަހައަށާއި އޮމާންކަމަށް ބަދަލު އަތުވެދާނެތީ އެވެ.
ބޭކިން ސޯޑާއާއި އާދައިގެ ފެނާ ހުރި ތަފާތު
ބޭކިން ސޯޑާ ބޭނުންކުރުމުން ކުދި ފޮނުތަކެއް އުފެދޭނެ އެވެ. މީގެ ސަބަބުން މޭވާގެ ބޭރުގައި ހުންނަ ތަކެތި ފަސޭހައިން ސާފުވާނެ އެވެ. އެހެންނަމަވެސް، ހަމައެކަނި ފިނި ފެނުން ދޮވުމަކީ ވެސް ގިނަ ބާވަތްތަކުގެ މޭވާއަށް ވަރަށް ފައިދާހުރި އަދި އިތުބާރު ހުރި ގޮތެއް ކަމަށް ޖޯންސްޓަން ވިދާޅުވި އެވެ.
ފުރާވަރުގެ ކުދިން ލަހުން ނިދަނީ ކީއްވެ؟ މާހިރުންގެ ބަސް
އޮޅުވާލައިގެން 60،000 ރުފިޔާ އަތުލި ތިން މީހަކު ހައްޔަރުކޮށްފި