ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަކީ ދުރާލާ ރާވައިގެން ރާއްޖޭގައި ޔަހޫދީ އެޖެންޑާއެއް ހިންގުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުންނަށް ދުރާލާ އެއްވެސް މައުލޫމާތެއް ނުދީ ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އަމާޒުވާ ފާޑުކިޔުންތައް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް އަޑުއުފުލުން މަނާކުރާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހެޅީ އެކަން ފޮރުވުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

https://www.facebook.com/share/p/1EypD4ghpW/

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި މި ބިލަކީ ދުރާލާ ރާވައިގެން ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ދިނުމަށް ހުޅުވާލާ ނުރައްކާތެރި މަގެކެވެ. މިއީ ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުމާ ދެކޮޅަށް ވާހަކަދެއްކުން މަނާކުރުމަށް ފިއްކަޑައިގެންދާ މިންވަރަށް ނުރައްކާތެރި މާއްދާތަކެއް ހިމަނައިގެން ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ފާހަގަކުރައްވަމުން ޑރ. ޖަމީލް ވަނީ މިއީ މަލްޓި- ރިލިޖަސް ގައުމެއްތޯ ސުވާލު އުފައްދަވާފަ އެވެ. ސަރުކާރުން ބައިނަލްއަގްވާމީ މުއާހަދާތަކުގައި ސޮއިކުރަނީ އެއްވެސް ރިޒަވޭޝަނެއް ނެތި ކަމަށް ވިދާޅުވެ، ބަންޑަރަނައިބު އަހުމަދު އުޝާމް ދައްކަވަނީ ދެ އުޅި އެއްނުވާ ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ކީރިތި ގުރުއާނުގައި ޔަހޫދީންނާއި ނަސާރާއިންގެ ނުބައިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވާއިރު، މި ބިލު ގާނޫނަކަށް ވެއްޖެނަމަ ގުރުއާނުގެ ތައުލީމު ދިނުން ވެސް މަނާވެގެންދާނެ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއީ ދިވެހި ގައުމިއްޔަތު ފުނޑާލުމަށް އިސްލާމްދީނުގެ އަދުއްވުން އެކި ގައުމުތަކުގައި ތައާރަފުކުރާ ފަދަ ޔަހޫދީ އެޖެންޑާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންޑަރަނައިބުގެ އޮފީހުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި ބިލު މަޖިލީހުގެ އެޖެންޑާގައި ދެ ފަހަރަކު ހިމެނުމަށްފަހު، މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މި ބިލާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް އުފެދުނީ، ބިލުގައި ހުރި އިބާރާތްތަކުގެ ސަބަބުން އިޒްރޭލުގެ ޒަޔަނިސްޓުންނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ހަރަކާތްތައް ހުއްޓުވުމަށް މި ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އޮތުމުންނެވެ.