"ލިބޭ މިންވަރު ނިކަން ދަނެގެން ވިބޭނުންތައް ބަހާލައިގެން،

ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސްވާނޭ"

އާންމު ދުނިޔަވީ ވިސްނުމުގައި ކޮންމެ އިންސާނަކަށް އޭނާ ބޭނުން ކޮންމެ ތަނެއްގައި ވަޒަންވެރިވުމުގެ ފުރުސަތު އޮންނަންޖެހެ އެވެ. އެއީ އިންސާނާ ކަރާމާތުގެ އަހުލުވެރިއެއްގެ ގޮތުގައި ލައްވާފައިވާތީ އެވެ. އޭނާގެ ކަރާމާތަށް ރިއާޔަތްކޮށް، އޭނާގެ ނަސްލަށް ނުވަތަ ދީނަށް ނުވަތަ ބަހަށް ނުބަލައި އޭނާ އެދޭ ތާކު ވަޒަންވެރިވުމުގެ އިޚުތިޔާރު އޭނާއަށް އޮތުމަކީ ފިޠުރަތުގެ އުސޫލެވެ. މިކަމުގައި އިންސާނާ ކުރަންޖެހޭނެ ކަމަކީ އެތަނެއްގެ ގާނޫނުތަކަށް ބޯލަނބައި ކިޔަމަންވެގެން ވަޒަންވެރިކަން ހޯދުމެވެ. މިފިކުރުގައި ވާހަކަ ދެއްކި އިންޑިއާގެ މުސްލިމް ޢިލްމުވެރިޔަކު ބަޔާން ކުރިގޮތުގައި އަމްދުން އިންސާނާއަށް ނުދެވޭނެ އެއްވެސް ބިމެއް ނުވަތަ ގައުމެއް ދުނިޔޭގައި އޮވެގެން ނުވާނެ އެވެ. އޭނާ ރިއާޔަތްކުރީ މައްކާ އާއި މަދީނާއަށް ކަން ކަށަވަރެވެ. ޒުވާން ހަޔާތުގައި އަހުރެން ވެސް މިއަސާސް ގަބޫލުކުރީމެވެ.

ރާއްޖޭގައި ބިދޭސީންނަށް ދިވެހިންނަށް ނުވެވުން، އަހަރުން ނިހާޔަތަށް ކަންބޮޑުވި ކަމަކަށްވި އެވެ. އިސްލާމްވެ ދިވެއްސަކާ ކައިވެނިކޮށް ރާއްޖޭގައި އުޅޭތާ 30 އަހަރު ވުމުން ވެސް ދިވެހި ރައްޔިތަކަށް ނުވެ އެވެ. އެމީހާ ކާފައަކަށް ނުވަތަ މާމައަކަށް ވުމުން ވެސް އެއީ ބިދޭސީ މުސްލިމެކެވެ. ދިވެހި ރައްޔިތަކަށް އެދި ހުށަހަޅާ މީހާއަށް ރައްޔިތުކަން ލިބެނީ ފިސާރި އުނދަގުލުންނެވެ. އަދި ކޮންމެ މީހެއް ވަކި ކޭސް އެއްގެ ގޮތުގައި ބަލައިގެން ރާއްޖޭގެ ސަރުކާރުތަކުން މިކަން ކުރި އެވެ. ނަތީޖާއަކަށް ވީ ފާއިތުވި ފަންސާހަކަށް އަހަރު މަދު ބިދޭސީންނަކަށް މެނުވީ ދިވެހި ރައްޔިތުންނަށް ނުވެވުމެވެ.

ރައްޔިތުކަން ދިނުމުގައި ދިވެހިން ގެންގުޅުނު ސަގާފަތާއި އުސޫލުގެ ރަނގަޅުކަމާއި ހަރުދަނާކަން ވިސްނުނީ ދުނިޔޭގެ މަސްރަހަށް ނަޒަރު ހިންގުމުންނެވެ. ޚާއްސަ ގޮތެއްގައި އިސްލާމީ ދުނިޔޭގެ ހާލަތަށް ފިކުރުކުރުމުން ރާއްޖެ ފަދަ ކުޑަ ގައުމަކުން ހިފަހައްޓަން ޖެހޭ މިންވަރު ތަސައްވުރު ކުރެވުނެވެ. އިންސާނީ ކިތަންމެ ބޮޑު ހައްގަކަށް ވިޔަސް ބޭރުން މިރާއްޖެ ހިޖުރާކުރާ މީހުންނަށް. ރައްޔިތުކަން ދިނުން ރާއްޖޭގެ ހާލަތަށް ނުފެތޭކަން ގަބޫލު ކުރެވުނެވެ. އަދި ރާއްޖޭގެ ހާލަތަށް ބަލާއިރު މިއީ ކުރަން ހެޔޮނުވާވަރު ކަމެއްކަން ވެސް ކަށަވަރުވި އެވެ. އެއީ އެކަމުގެ ސަބަބުން ނިކުމެދާނެ ނަތީޖާގެ ބިރުވެރިކަމާއި ނާމާން ކަމުންނެވެ. އެއީ އިހު ބަޔާންކުރެވުނު ގޮތަށް އެކަމަށް އެދޭ ކޮންމެ މީހަކު ދިވެހި ރައްޔިތަކަށް ހަދައިފި ނަމަ ދިވެހީން ކުރިމަތިލާން ޖެހިދާނެ ހިތާމައެއްގެ ބޮޑުކަމުންނެވެ. އެއީ ރާއްޖެ ދިވެހިން އަތުން ހަމައެކަނި ބީވުމެއް ނޫނެވެ. އެއީ ދިވެހިންގެ ދީން ގެއްލި ހަމައެކަނި ގެއްލުމެއް ވެސް ނޫނެވެ. އަދި ކިއެއްތަ އެއީ ދިވެހީންގެ ބަސް އުވި ދިއުން އެކަންޏެއް ނޫނެވެ. އެކަމަކު އެއީ މުޅި ދިވެހިންގެ އައިޑެންޓިޓީ ވެސް ވުޖޫދުން ފުހެވި ނެތިދާނެތީ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކާއި ޚިލާފަށް ރާއްޖެއަކީ ވަރަށް ކުޑަ ގައުމެކެވެ. އަދި މިގައުމުގެ ބިމުގެ ސައިޒް ނިހާޔަތަށް ކުޑަ އެވެ. ކަންމިހެން އޮތް އިރު، ބޭރުން އަންނަ ބަޔަކަށް ރައްޔިތުންކަން ދީ އެ މީހުންނަށް މިކުޑަކުޑަ ބިން ވިއްކަން ފަށައިފިނަމަ ގައުމުގެ ބިންކޮޅު އެއްކޮށް ހުސްވެދާނެ އެވެ. އިންސާނީ ތާރީޚަށާއި އިސްލާމީ ތާރީޚަށް ބަލާއިރު ދުރު ކަރަތަކުން އަންނަ މީހުން ރައްޔިތުންނަށް ހަދައި އެމީހުންނަށް ބިންވިއްކުމުން ނިކުތް ނަތީޖާ ވަރަށް ހިއްޗެވެ.

ރާއްޖެއާ މިވަގުތު ކުރިމަތިވެގެން އުޅޭ ޙައްސާސްކަން ބޮޑު ހާލަތަކީ ދިވެހިން އަމިއްލައަށް ހޯދައިގެން އުޅޭ ހާލަތެކެވެ. މިކަމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ރައްޔިތުންނަށް މަގުދައްކަން އިންތިޚާބު ކޮށްފައިވާ ގައުމުގެ އެންމެ އިސް ވެރިންނެވެ. މުޅި ދައުލަތާއި ގައުމު އޮތީ ދަރަނީގެ މަޅީގައި ބެދިފަ އެވެ. ރައްޔިތުން ވެސް ތިބީ ލިބޭ އެއްޗަކަށް ވުރެ ގިނައިން ޚަރަދުކުރަން އާދަކޮށް ދަރަނިވެރިކަމުގަ އެވެ. މި ހުރިހާ ކަމެއްގެ ފެށުމަކީ ދަހިވެތިކަމެވެ. މާއްދިއްޔަތަށް ހެއްލި މާއްދިއްޔަތަށް އަޅުވެތިވުމެވެ. ކޮންމެ މީހަކު ނުފޯރާ ފޮތިން ފޫގަޅަން ދިމާކޮށް އޮރިޔާންވަނީ އެވެ. މި ހާލަތުން ގައުމު ވެއްޓުނީ ފަސާދައިގެ އަނދަވަޅަކަށެވެ.

އިންސާނާ އުފައްދަވައި އޭނާ ބިމުގައި ޚަލީފާއަކަށް ލެއްވުމަށް ކުރެއްވި އިޢުލާނާ ގުޅޭގޮތުން ﷲ ސުވާލު ކުރެއްވުމުން އެކަލާނގެ ދަރުބާރުގައި ތިއްބެވި މަލާއިކަތުން ތަސްބީޙަ ވިދާޅުވެ ތަޤުދީސް ކުރައްވަމުން ޖަވާބުދެއްވި އެވެ. އެވަގުތު އެބޭކަލުންނާއެކު ހުރި އަޒާޒީލް (ޖިންނިއެއް) އިޚުތިޔާރުކުރީ ހަންނު ހުންނާށެވެ. އޭނާ ހަނު ހުންނަން ޖެހުނު ސަބަބު ފެށުނީ އޭނާގެ ހިތުގައި އުފެދުނު ދަހިވެތިކަމުގެ ސަބަބުންނެވެ. އިންސާނަކު އުފެއްދެވެމުން އޭނާއަށް އުނިވެދާނެ ނުވަތަ މަދުވެދާނެ ކަމަށްޓަކައި އުފެދުނު ދަހިވެތިކަމެވެ. އިންސާނަކަށް ވުރެ އޭނާގެ މަގާމާއި ދަރަޖަ ކުޑަވެދާނެ ނުވަތަ ދަށްވެދާނެކަމުގެ ދަހިވެތިކަމެވެ. އާޚިރުގައި މި ދަހިވެތިކަން ބަދަލުވީ ކިބުރުވެރިކަމާއި ގޮތް ދޫނުކުރުމަށެވެ.

ދިވެހީންގެ މައްޗަށް ވެރިކަން ހިންގަން މީހުން އަންނަނީ ނުފުއްދޭ ވަރަށް ވައުދުވެ ރައްޔިތުން ހައްލައިގެންނެވެ. އެ މީހުން މިކަންކުރަނީ ވެރިކަމުގެ ދަހިވެތިކަމުގަ އެވެ. ވެރިކަން ލިބުމުން ދެން ބަލަނީ ވެރިކަމުގެ ދައުރު އަދުލުވެރިކަމާއެކު ފުރިހަމަ ކުރާކަށް ނޫނެވެ. ވެރިން ދެން އަމާޒު ހިފަނީ ދެވަނަ ދައުރެއް ހޯދުމަށެވެ. ދެވަނަ ދައުރެއްގެ ދަހިވެތި ކަމުގައި އެއް ސަރުކާރަށް ވުރެ އަނެއް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނުރައްކާ މާބޮޑެވެ. ދަރަނި ބޮލަކަށްވެ ގައުމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅުނުއިރު ވެސް ވެރިންނަށް އެކަމެއް ބޮޑެއް ނުވި އެވެ. އެމީހުންގެ އަމަލުތައް ހުރީ ދަހިވެތިކަމުގެ ރާސްތާގަ އެވެ. މިއީ އިބިލީސް ހިނގި މަގެވެ.

ފުރަތަމަ އިންސާނާއަށް ސަޖިދަކުރަން ﷲ، އެކަލާނގެ ދަރުބާރަށް އަމުރު ކުރެއްވުމުން އަޒާޒީލް އެކަމަށް ފުރަގަސްދިނެވެ. ކުރެވުނު ކުށަށް ތައުބާވެ މަޢާފަށް އެދުމުގެ ފުރުސަތު ދޫކޮށް އޭނާ އިޚުތިޔާރުކުރީ އަނިޔާވެރިކަމުގެ މަގެވެ. ދަހިވެތިކަން، ކިބުރުވެރިކަމާއި އަނިޔާވެރި ކަމަށް ބަދަލުވެ އެންމެފަހުން އަޒާޒީލް ލަޢުނަތް ލެއްވި އިބުލީސްއަށް ބަދަލުވިއެވެ. މިއީ ﷲ ގެ ޙަޟުރަތުގައި މަލާއިކަތެއްގެ ދަރަޖައިގައި ހުރި ބޭކަލެއްގެ ނިމުން އައި ގޮތެވެ. ދަހިވެތިކަމުގެ މަޅީގައި ޖެހިގެން މަޚުލޫޤަކު ހަލާކުވެ ދިޔަ ގޮތެވެ.

އިސްލާމީ ތާރީޚަށް ބަލާއިރު މީލާދީން ހަތްވަނަ ގަރުނުގައި މިހާރުގެ ރޫސީ ވިލާތް އޮތީ މުސްލިމުގެ ބާރުގެ ދަށުގަ އެވެ. އަށާރަވަނަ ގަރުނު ފެށުމާ ޖެހެންދެން މޮސްކޯއިން އައީ މުސްލިމް ރަސްކަލުންނަށް ޖިޒީ ދައްކަމުންނެވެ. މީލާދީން އަށްވަނަ ގަރުނުގައި މުސްލިމުން މިހާރުގެ ސްޕެއިން ފަތަހަކުރި އެވެ. އަންދަލުސް (މިހާރުގެ ސްޕެއިން) މުސްލިމުންގެ އަތުން ގެއްލުނީ 700 އަހަރަށް ފަހު 15 ވަނަ ގަރުނުގަ އެވެ. ޔޫރަޕުން މުސްލިމުންގެ ބާރު ނެތިދާން ފެށި މައިގަނޑު ސަބަބަކީ މުސްލިމުން ދަހިވެތިކަމުގެ މަޅީގައި ބެދުމެވެ. ދުނިޔަވީ ވަގުތީ އުފަލާއި އަރާމަށްޓަކައި މުސްލިމުންގެ ތެރެއިން އެކި ފަހަރު އެކި މީހުން ދީނާއި ގައުމަށް ހަރާމްކޯރުވި އެވެ.

މިޒަމާނުގެ ތާރީޚު ފެށުނީއްސުރެ ފަލަސްޠީނަކީ މުސްލިމް ދައުލަތެކެވެ. ޢުޘްމާނީ ޚިލާފަތް އުވިދިއުމާއެކު ފަލަސްޠީނުގެ ބެލެނިވެރިކަން އިނގިރޭސީންނަށް ލިބުނެވެ. އެދުވަސްވަރު ފަލަސްޠީނުގައި ތިބި ޔަހޫދީންނަށާއި އެތަނަށް ހިޖުރަކުރި ޔަހޫދީންނަށް އަރަބިން ބިން ވިއްކަމުން ދިޔަ އެވެ. ނަތީޖާއަކަށްވީ އެ މީހުންނަށް ބާރާއި ނުފޫޒާއި ފަސާދަ ހިންގާނެ ވަރަށް ފަލަސްޠީނުން ބިން މިލްކުވުމެވެ. ދެން އެ މީހުން ޓެރަރިސްޓް ޖަމާޢަތްތައް ހަދައިގެން އަރަބީންނަށް ހަމަލާ ދޭން ފެށި އެވެ. އެންމެފަހުން އިނގިރޭސީން ފަލަސްޠީނުގެ ބިން މިނިވަންކުރުމާއެކު ޔަހޫދީން އެމީހުންގެ ދައުލަތެއް އެތަނުގައި ގާއިމްކުރި އެވެ. އެ ބޮޑު ހިތާމަ، މިހާރު މިއޮތީ އުންމަތަށް އޮތް އެންމެ ބޮޑު މުސީބާތަށްވެފަ އެވެ. މިހުރިހާ ކަމެއްގެ އަސްލަކީ ދަހިވެތިކަމެވެ. ދުނިޔޭގެ ދަޅައަށް އަރަބީން ހެއްލުމެވެ.

އެންމެ ފަހުގެ މުސްލިމް ޚިލާފަތް ޔައުނީ ޢުޘްމާނީ ވެރިކަން ނިމިގެންދިއުމަށް މެދުވެރިވީ ދަހިވެތިކަމެވެ. މުސްލިމުންގެ އަދުއްވުން މުސްލިމް ސިފައިން ރެކްރޫޓްކޮށް އެމީހުން ދުނިޔޭގެ ދަޅައިގައި ޖެއްސި އެވެ. ނަތީޖާއަކަށްވީ މާއްދިއްޔަތަށް ހެއްލުނު މުސްލިމުންގެ ސަބަބުން ޢުޘްމާނީ ޚިލާފަތް މަޑުމަޑުން ބަލިވެ ވިއްސިވިހާލިވެ ނެތިއުމެވެ. ނަތީޖާއަކަށްވީ މުސްލިމުންގެ ވެރިކަމުގައި އޮތް ފަލަސްޠީން އިނގިރޭސިން ޖަހައިގަތުމެވެ. މިއީ އަދު ދިރިތިބީން ފިލާވަޅު ހޯދައި އަމަލު ސީދާކުރަން ޖެހޭ ތާރީޚީ ހާދިސާތަކެވެ.

ޢުޘްމާނީ ޚިލާފަތް އުވިދިއުމަށްފަހު އުފެދުނު ތުރުކީއަށް ޖެހުނު މުސީބާތް ވަކިން ކުޑައެއް ނޫނެވެ. ގާތްގަނޑަކަށް 100 ޕަސެންޓް މުސްލިމް މި ދައުލަތުގައި ފުރިހަމައަށް ސެކިއުލާ (ޢިލްމާނީ) ދައުލަތެކެވެ. މުސްލިމުންނަށް ވީ ނަމަވެސް އިސްލާމް ދީނަށް އުޅެނީ ގާތްގަނޑަކަށް އާބާދީގެ ވިއްސަކަށް އިންސައްތަ އެވެ. މިދެންނެވި ގޮތަށް ތުރުކީ އޮންނަތާ މިހާރު 80 އަހަރު ވެއްޖެ އެވެ. ޣައްދާރުން އުފަންކުރި ގާނޫނު އަސާސީގެ ސަބަބުން ހަގީގީ މާނައިގައި އިސްލާމީ ދައުލަތެއްގެ ގޮތުގައި ތުރުކީއަށް ނޭވާލެވޭނެ ދުވަހެއް ބަޔާން ކުރާކަށް ނޭނގެ އެވެ. މިއީ ކުރިމަތީގައި ފެންނަން ހުރި ފާޅުކަން ބޮޑު ހަގީގަތްތަކެވެ.

ކައިރީގައި ޖެހިގެން އޮތް ހިންދު ކަރައިގައި އޮތް އިސްލާމީ ވެރިކަން ނިމެން މެދުވެރިވީ ދަހިވެތިކަމެވެ. މުސްލިމް ކޮމާންޑަރުން މަދު ލާރިކޮޅަކަށް އިނގިރޭސީންނަށް ވިކުނެވެ. ނަތީޖާއަކަށްވީ އެތައް ގަރުނަކަށް ދެމިގެން ދިޔަ މުސްލިމުންގެ ވަރުގަދަ ރަސްކަމުގައި ނިމުމުގެ ސިއްކަ ޖެހުމެވެ. މިއަދު އެއީ ދުނިޔޭގައި މުސްލިމް އާބާދީ އެންމެ ބޮޑު ގައުމެވެ. އެކަމަކު އެ މީހުންނަކީ އެމީހުންގެ ވަޒަނުގައި އަޣުލަބިއްޔަތު ނެތް ކުޑަކުޑަ ބައިގަނޑެއް ނުވަތަ މައިނޯރިޓީއެކެވެ. އެ މީހުންނަށް ލިބިދޭން ޖެހޭ އެތައް ހައްގަކުން އެމީހުން ވަނީ މަހުރޫމްވެފަ އެވެ.

ކުޑަ ފައިސާ ފޮއްޗެއްގެ ދަހިވެތިކަމުގައި ރާއްޖޭގެ ބިމުން ނުވަތަ ކަނޑުން ނަމަވެސް ބޭރުގެ ބަޔަކަށް ތަނެއް ދިނުންވާނީ ދިވެހިންނަށް ހެދޭ އެންމެ ބޮޑު ގޯހަށެވެ. މިއީ ދާއިމަށް ދިވެހިން ހިތާމަކުރަން ޖެހިދާނެ ނުރައްކާތެރި އަމަލެކެވެ. މިއީ ތާއަބަދު ދިވެހިން ކަރުނައަޅާ މުސީބާތަކަށް ވެދާނެ ކަމެކެވެ. ގައުމު ވިއްކައިގެން ގައުމަކަށް ލިބޭނެ މުއްސަނދިކަމާއި ތަރައްގީއަކީ ދުނިޔޭގެ ތާރީޚުން ފެންނަ އޮތް ކަމެއް ނޫނެވެ. ޣާފިލުކަމުގެ ނިދިން ހޭލައި ގައުމު ހިމާޔަތް ކުރުމަކީ ދިރިހުރި ކޮންމެ ދިވެއްސެއްގެ ގައުމީ އަދި ދީނީ ވާޖިބެކެވެ.

'ކަލާނގެ އެދެއްވި ބޮޑުނިޢުމަތް ސަލާމަތް ބުއްދިޔޭ މިކިޔާ،

ބަލާނުމެލައި ނިދައިގަތުމުން ހަލާކުނިކަން އަވަސްވާނޭ،

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވީ އަހުމަދު ފަޔާޒް ހަސަން. އޭނާ އަކީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ލިޔުންތެރިއެއް.