ހޯމްސްކޫލިންގެ ނަމުގައި ޒުވާން ޖީލު މަގުފުރައްދައި ހަލާކު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތައުލީމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

މި ބިލަކީ ދަރިވަރުން ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ހާލަތްތަކުގައި ގޭގައި ބައިތިއްބައިގެން އުނގަންނައިދިނުން ނުވަތަ ހޯމްސްކޫލިންއަށް ފަހިކޮށްދިނުމަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ހުށަހެޅުއްވި އިސްލާހެކެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހޯމްސްކޫލިންއަށް ދެކޮޅު ހައްދަވާކަން ހާމަކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް 4،000 އަށްވުރެ ގިނަ ކުދިން ގަވައިދުން ސްކޫލަށް ނުދާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ހޯމްސްކޫލިންގެ ނަމުގައި ރާއްޖޭގައި ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ އަހަރުގެ މެއި 10 ވަނަ ދުވަހު ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ސްކޫލަށް ދެވޭ އުމުރުފުރާގެ ކުދިންގެ ތެރެއިން ކިޔަވަނީ 91 ޕަސެންޓް ކުދިންނެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މައުލޫމާތަށް ބިނާކޮށް އެކުލަވާލި އެ ތަފާސްހިސާބުތައް އާންމުކުރި އިރު، އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވަނީ ސްކޫލަށް ނުދަނީ 229 ކުދިން ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން މި އަހަރުގެ ޖުލައި މަހު މިނިސްޓަރު ވަނީ އެއްވެސް ސަބަބެއް ނެތި ދަރިވަރުން ސްކޫލަށް ނުދިއުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފަ އެވެ.