އީގަލް ހިލްސްގެ ރަސްމާލެ މަޝްރޫއުގެ މީޑިއާ ދަތުރާ ގުޅިގެން ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފުރައްސާރަކުރުމުގެ ހަރަކާތްތައް އަވަހަށް ތަހުގީގުކޮށް، ނޫސްވެރިންނަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް އެމްޖޭއޭއިން ފޮނުވި ރަސްމީ ސިޓީގައި ވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ޔޫއޭއީގެ އީގަލް ހިލްސްއިން އިންތިޒާމުކުރި މީޑިއާ ޓުއާގައި ބައިވެރިވި ދިވެހި ނޫސްވެރިންނަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޮޓޯއާއި ވީޑިއޯ އާންމުކޮށް، ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ނޫސްވެރިންނަކީ "ޚާއިނުން" އަދި "ޒަޔަނިސްޓުން" ގެ ގޮތުގައި ސިފަކޮށް، އެމީހުންގެ މަސައްކަތާ ގުޅުވައިގެން ތަފާތު އަނިޔާވެރި ބަސްތަކުން ފުރައްސާރަކުރަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި، ނޫސްވެރިން މަސައްކަތްކުރަނީ އެމީހުން ނިސްބަތްވާ މީޑިއާ ހައުސްތަކުގެ އެޑިޓޯރިއަލް އުސޫލުތަކާ އެއްގޮތަށް ކަމަށްވާއިރު، ރަސްމީ މަސައްކަތް ކުރުމުގެ ސަބަބުން ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް މިފަދަ ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން މި ފުރައްސާރަތަކުގެ ސަބަބުން ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމަށް ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.
އެމްޖޭއޭއިން ފުލުހުންގެ ކިބައިން އެދިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި:
- މިއީ އިސްކަންދޭ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އަބުރުކުރެހުމުގެ ހަރަކާތްތައް ހިންގާ ފަރާތްތައް ތަހުގީގުކުރުން
- އަނިޔާއާއި ފުރައްސާރައާ ކުރިމަތިލާންޖެހިފައިވާ ނޫސްވެރިންގެ ސެކިއުރިޓީ ރިސްކް އެސެސްމެންޓެއް އިސްވެ ހެދުން
- ނޫސްވެރިންނާއި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހިމާޔަތް ހަމަޖެއްސުން
މި މައްސަލައާ ގުޅިގެން އެމްޖޭއޭގެ ރައީސް ނާއިފް އަހުމަދު ވިދާޅުވީ، އަމިއްލަ މަސައްކަތް ކުރުމުގެ ސަބަބުން އެއްވެސް ނޫސްވެރިއަކު ނުވަތަ އެ އާއިލާއަކުން ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހިގެން ނުވާނެ ކަމަށެވެ. އަދި ނޫސްވެރިންގެ ފޮޓޯއާއި މައުލޫމާތު އާންމުކޮށް، "ޚާއިނުން" ގެ ގޮތުގައި ސިފަކޮށްގެން ބިރުދެއްކުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދެވޭ ނުރައްކާތެރި ހަމަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، އެމްޖޭއޭއިން ވަނީ ރާއްޖޭގެ މީޑިއާ ހައުސްތަކަށާއި އެޑިޓަރުންނަށް ވެސް އިލްތިމާސެއް ކޮށްފަ އެވެ. އެގޮތުން ސްޕޮންސާކޮށްގެން ގެނެސްދޭ ކޮންޓެންޓާއި، އަމިއްލަ މިނިވަން ނޫސްވެރިކަމުގެ ކޮންޓެންޓް ސާފުކޮށް ވަކިކޮށް އެނގޭނެހެން ޝާއިއުކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް، ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލި، ނޫސްވެރިން ނުރައްކަލުގެ ތެރެއަށް ވައްޓައިނުލުމަށް މީޑިއާ ހައުސްތަކަށް ވަނީ ހަނދާންކޮށްދީފަ އެވެ.
"ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ބެލެވޭ"
މީޑިއާ ކޮމިޝަންގެ ރައީސް ފަރުޝަތު އިސްތިއުފާ ދީފި
އޮޅުވާލައިގެން 60،000 ރުފިޔާ އަތުލި ތިން މީހަކު ހައްޔަރުކޮށްފި
އީގަލް ހިލްސްގެ ހަރަދުގައި ދިވެހި ނޫސްވެރިން ޔޫއޭއީއަށް