ހަނގުރާމަ ހުއްޓާލުމަށްޓަކައި ގަތަރުން ހުށަހެޅި މެދުވެރިކަމުގެ ހިޔާލުތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް އީރާނުން ބުނެފި އެވެ.
އެމެރިކާއާއި އިޒްރޭލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށްޓަކައި، ގަތަރުގެ މެދުވެރިން އީރާނަށް އާ ހުށަހެޅުންތަކެއްގެ ދެލިކޮޕީއެއް ހުށަހަޅާފައިވާ ކަމަށް މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވަނީ ބުނެފަ އެވެ. ނަމަވެސް އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ ދޯހާއިން ހުށަހަޅާފައިވަނީ ހަމައެކަނި ބަލައިގަނެވޭނެ ފަދަ އެއްވެސް އަސާސެއް ނެތް ހިޔާލުތަކެއް ކަމަށާއި، އެއީ ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ.
މަޝްވަރާތަކުގެ މަޢުލޫމާތު އެނގޭ އީރާނަށް ނިސްބަތްނުވާ އޮފިޝަލަކު ހާމަކުރި ގޮތުގައި، އަށް މަސްވީ މި ހަނގުރާމަ ހުއްޓާލުމާ ގުޅޭ އާ ސުލްހައިގެ ހުށަހެޅުމެއް މިދިޔަ އާދިއްތަ ދުވަހު ވަނީ ހުށަހަޅާފަ އެވެ. އަދި މި ހުށަހެޅުން ތެހެރާނުން ދިރާސާކުރަމުންދާ ކަމަށާއި، މި ހަފުތާ ނިމުމުގެ ކުރިން މީގެ ޖަވާބެއް ލިބޭނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އޭނާ ބުންޏެވެ.
ގަތަރުން ހުށަހެޅި މި ޕްލޭނަކީ ހަތް ދުވަހުގެ މުއްދަތަކަށް ބަހާލެވިފައިވާ، ތެހެރާނާއި ވޮޝިންޓަނުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މީގައި ދެ ފަރާތުން ކޮންމެ ދުވަހަކުވެސް އިތުބާރު އުފެއްދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ތަރުތީބުކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އަދި މި ތާވަލަށް އަމަލުކުރަން އަންނަ ހަފުތާގެ ކުރީކޮޅު ފެށިދާނެ ކަމަށާއި، މި އެއްބަސްވުމުގައި ބައެއް ޤައުމުތަކުން ބައިވެރިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް، މި މަޝްވަރާތަކުގައި ބައިވެރިވާ އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ގަތަރުން ހުށަހެޅީ ބަލައިގަނެވޭނެ ފަދަ އެއްވެސް އަސާސެއް ނެތް ހިޔާލުތަކެއް ކަމަށާއި އެއީ ރަސްމީ ހުށަހެޅުމެއް ނޫން ކަމަށެވެ. އަދި ނިއުކްލިއާ މައްސަލާގައި އީރާނުން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށް ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވޮޝިންޓަނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށޭއިރު، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ މައްސަލަވެސް އޭގެ ތެރޭގައި ހިމެނުމަށެވެ. އެހެންނަމަވެސް އީރާނުން ބުނަމުންދަނީ އެ ޤައުމުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ހުއްޓާލުމާއި، ތެޔޮ އެކްސްޕޯޓް ކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތައް ފުރަތަމަ ފުރިހަމަވާންޖެހޭނެ ކަމަށެވެ. އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އަސްކަރީ ބޭނުމަކަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ބުނެ ހުޅަނގުގެ ޤައުމުތަކުން ފާޅުކުރާ ކަންބޮޑުވުންތަކަށް އީރާނުން އިންކާރު ކުރެ އެވެ.
އާ ހަމަލާތަކެއްގެ ބިރުވެރިކަން
މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަނެއްކާވެސް އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފަ އެވެ. ހަމައެއާއެކު، އެމެރިކާއާއި އިޒްރޭލުން އަލުން ހަމަލާދޭން ފަށައިފިނަމަ، އަރަބި ކަނޑުގެ އަޑީގައި އަޅާފައިވާ ކޭބަލްތަކަށް ހަމަލާދިނުމަށް ތެހެރާނުން ތަފްސީލީ ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށް އީރާނުގެ ސަލާމަތީ އޮފިޝަލުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވެ އެވެ.
މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން ހޯމަ ދުވަހު ވަނީ ތެހެރާނުގައި އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ގަތަރުން އަންގާރަ ދުވަހު ބުނެފައިވަނީ، މެދުވެރިއެއްގެ ދައުރު ކާމިޔާބުވުމަށްޓަކައި، ގަލްފުގެ ޤައުމުތަކަށް އިންޒާރު ދިނުން އީރާނުން ހުއްޓާލަންޖެހޭ ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިގެން ހެޔޮނިޔަތް ދައްކަންޖެހޭ ކަމަށެވެ.
މި ހަނގުރާމައިގެ ކުރީކޮޅު ގަލްފުގެ ޤައުމުތަކަށް މެދުނުކެނޑި ބޮން އެޅުމުގެ ހަމަލާތަކެއް ކުރިމަތިވެފައިވެ އެވެ.
މީގެ އިތުރުން، މި ހަނގުރާމައިގެ ސަބަބުން އިޒްރޭލާއި އީރާނުގެ މަދަދުލިބޭ ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެމެދު ކުރެވޭ ހަނގުރާމަވެސް ވަނީ ވަރުގަދަވެފަ އެވެ. މީގެ ސަބަބުން، އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ކަނޑައަޅާނެ މިޑްޓާމް އިންތިހާބާ ދިމާކޮށް، ރައީސް ޓްރަމްޕަށް އޮތް ތާއީދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
ތޫފާން "އަރްނަބް" އިންޑިއާގެ އަންދްރަ ޕްރަދޭޝަށް އަރައިފި
"ހޯމް ސްކޫލިންގެ ނަމުގައި އުޅެނީ ޒުވާން ޖީލު މަގުފުރައްދަން"