ރަސްމާލެ މަޝްރޫއުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ގާނޫނީ އިމުގެ ތެރެއިން ބިޑުކޮށްގެން ކުރިއަށް ގެންދިޔަނަމަ އެއްވެސް ފަރާތަކުން ކަންބޮޑުވުން ފާޅުނުކުރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުން ރަސްމާލެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންދަނީ ދެފުށް ފެންނަ އުސޫލުން ނޫން ކަމަށެވެ. މިފަދަ ބޮޑެތި މަޝްރޫއުތައް ހިންގަންވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި މިފަދަ ގޮތަކަށް މަޝްރޫއެއް ހިންގިނަމަ ޕީއެންސީން މުޒާހަރާކުރާކޮށް އެއީ ލާދީނީ ކަމެއްގެ ގޮތުގައި ސިފަކޮށް ބޮޑެތި ކަންތައްތަކެއް ހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނީ އިމުގެ ތެރެއިން ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަކީ އެމްޑީޕީއަށް އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މުޅި ރާއްޖެ އެއްކޮށް ވިއްކާލައިފިނަމަ މާ ގިނަ ޑޮލަރު ލިބޭނެ ކަމަށާއި ނަމަވެސް ގައުމު ވިއްކާލައިގެން ފައިސާ ހޯދަން ފާއިތުވި އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައިނުވާ ކަމަށް އަމީރު ވިދާޅުވި އެވެ.

އީގަލްސް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައިދޭ އުސޫލަކީ ނުރައްކާތެރި ކަމެއް ކަމަށް އަމީރު ވިދާޅުވި އެވެ. މިއީ ޖީއެމްއާރަށް އެއާޕޯޓް 25 އަހަރަށް ކުއްޔަށްދިނުމަށްވުރެ ވެސް ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިހާރު އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ގާނޫނާ ވެސް ހިލާފަށް، ގާނޫނުއަސާސީއާވެސް ހިލާފަށް ފުރަތަމަ މިކަންތައްތައްކޮށްފައި. ސިއްރުން އަޅުގަނޑުމެންގެ އެއްވެސް ރައްޔިތަކަށް އެއްވެސް އެއްޗެއް ކިޔައިނުދީ ސިއްރުން ބޮޑު ކޮރަޕްޝަން ހިންގާގޮތަށް މިކަން ކުރީމާ، ދެން ފަހުން އައިއްސަ ގާނޫނުތައް ބަދަލުކުރަން، ދެން ފަހުން އައިއްސަ ގާނޫނުއަސާސީ ބަދަލުކުރަން ހިފީމާ ރައްޔިތުން އިތުބާރެއް ނުކުރާނެ. މި މައްސަލައަކީ ސީދާ މި ސަރުކާރުން އުފެއްދި މައްސަލައެއް،" އަމީރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބުނެފައިވާ އިގްތިސާދީ ކަންކަން އެގޮތަށް ކޮށްފައިނުވާ ކަމަށް އަމީރު ވިދާޅުވި އެވެ. އޭގެބަދަލުގައި ސަރުކާރުން ކަންތައް ކުރަމުންދަނީ ޔަހޫދީން ކަންތައްތައް ކުރާގޮތަށް މުނާފިގުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރުގެ އިގްތިސާދީ ސިޔާސަތު މުޅިން ފެއިލްވެފައިވާ ކަމަށާއި އިގްތިސާދީ އެއްވެސް މަޝްރޫއެއް ނުހިންގޭއިރު ބޭނުންވާ މިންވަރަށް ޑޮލަރުވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.