އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއަކާ ގުޅިގެން ދަރިވަރަކު ޕްލޭ ސްކޫލުން ބޭބީ ނާސަރީ އަށް ޕްރޮމޯޓް ނުކޮށް، ޕްލޭ ސްކޫލްގައި ރިޕީޓްކުރި މައްސަލައިގައި ކުރި ދައުވާ ސުޕްރީމް ކޯޓުން ނާކާމިޔާބުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 2023 ވަނަ އަހަރު ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ޕްލޭ ސްކޫލަށް ވައްދައި, ދިރާސާ އަހަރު ފުރިހަމަ ކޮށްފައި ވަނިކޮށް 2024 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގެ ސަބަބުން އެ ކުއްޖާ ނާސަރީ ޕްރޮމޯޓް ނުކުރެވޭނެ ކަމަށް ނިންމި އެވެ. އެއީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެ ކުއްޖާއަށް ތިން އަހަރު ފުރިހަމަ ނުވާތީ ކަމަށް ބުނެ އެވެ. އެހެންވެ, އެ ކުއްޖާ ޕްލޭ ސްކޫލްގައި ރިޕީޓް ކުރަން ޖެހުނެވެ.
އެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ކުއްޖާގެ މަންމަ ހުށަހެޅުމުން ވެސް އެ ނިންމުން ބަދަލުކުރެވެން ނެތް ކަމަށް އެންގުމުން ދައުލަތާ ދެކޮޅަށް ކުއްޖާގެ މަންމަ ސިވިލް ކޯޓުގައި ދައުވާކުރި އެވެ. ނަމަވެސް ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ ދައުލަތާ އެއްކޮޅަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ކުއްޖާގެ މަންމަގެ ފަރާތުން އިސްތިއުނާފް ކުރުމުން, އެ ކުއްޖާ ކިޔަވަންޖެހޭ ގްރޭޑްއާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަން ހައި ކޯޓުން އަމުރުކުރި އެވެ. އެހެންވެ, އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކުރީ ޕްރީ ސްކޫލަށް ކުދިން ވެއްދޭނެ އުމުރު ތައުލީމާބެހޭ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު, އެކަމުގައި އަމަލު ކުރާނެ އާ މިންގަނޑެއް ކަނޑައެޅުމަކީ ކޯޓުގެ އިހްތިސާސުން ބޭރުގައިވާ ކަމެއް ކަމަށެވެ.
އެހެންވެ, އެ ކުއްޖާ ކިޔަވަންޖެހޭ ގްރޭޑާ މެދު މިނިސްޓްރީން އަލުން ގޮތެއް ނިންމަންޖެހޭ ގޮތަށް ހައި ކޯޓުން ކުރި ހުކުމުގެ އެ ބައި ބާތިލްކުރީ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު އަބްދުالله ހަމީދެވެ.
ފުއްގިރި މައްސަލައިގެ ބައެއް ކަންކަން ޔާމީން އިސްތިއުނާފުކޮށްފި
އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ދިރާގުގެ އިނާމު ހޯދުމުގެ ފުރުސަތު!
ވިކީ އަބަދުވެސް ދަރިފުޅަށް ވަގުތު ހުސްކުރޭ: ކެޓްރީނާ
