ރަސްމާލޭގައި ބިދޭސީން ވަޒަންވެރިކުރުވުމަށް ރޭވިފައިވާ މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް ގޮވާލައި "އިލްމުވެރިންގެ ގުޅުން" ޖަމިއްޔާއިން އެކުލަވާލި ދިރާސީ ރައުޔު ފައިނަލްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން ބިން ދޫކުރާ މަޝްރޫއު ހުއްޓާލުމަކީ ސަރުކާރުގެ ދީނީ ވާޖިބެއް ކަމަށް ބުނެ އެ ޖަމިއްޔާއިން އެކުލަވާލި ދިރާސާގެ ޑްރާފްޓް މެންބަރުންނަށް ހިއްސާކުރީ އޮކްޓޯބަރު 17 ގަ އެވެ. މެންބަރުންގެ ކޮމެންޓަށް ފުރުސަތު ދިނުމަށްފަހު، އެއްވެސް ބަދަލެއް ނުގެނެސް ފައިނަލްކުރި އެ ދިރާސާ މިހާރު ވަނީ ރައީސް މުއިއްޒާއި މަޖިލީހުގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކަށް ފޮނުވާފަ އެވެ.
އިލްމުވެރިންގެ ގުޅުމުގެ ދިރާސާގައި ބުނެފައިވަނީ، ގައިރު މުސްލިމުންނާއެކު ވިޔަފާރިކޮށް ގުޅުން ބަދަހިކުރެވޭނީ އިސްލާމީ ހަމަތަކާ އެއްގޮތަށް ކަމަށާއި، ރަސްމާލެ މަޝްރޫއުގައި އެ ޝަރުތުތައް ހަމަނުވާ ކަމަށެވެ. އަދި ގާނޫނީ ގޮތުން މި މަޝްރޫއު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބިއޮތް ކަމަށާއި، މަޝްރޫއު އިތުރަށް ކުރިއަށްގެންދާނަމަ ޖެހޭނީ އަލުން އެއްބަސްވުމަށް މަޝްވަރާކުރަން ކަމަށް ވެސް އެ ދިރާސާގައިވެ އެވެ.
އިލްމުވެރިންގެ ގުޅުމުން މިފަދައިން ބުނެފައިވާއިރު، ޖަމްއިއްޔަތުއްސަލަފުން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ރާއްޖޭގައި އަދި ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން ދިވެހި މުޖުތަމައުގެ އިސްލާމީ ޝަހުސިއްޔަތަށާއި ގައުމުގެ ސިޔާދަތަށް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލަކުން ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ސަލަފް ޖަމްއިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ސަރުކާރުން ބުނެފައި ވަނީ ރަސްމާލެއިން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްއިން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުގެ ކުރިން އެހެން ފަރާތަކަށް ބިން ވިއްކާލައިފިނަމަ އަނެއްކާވެސް 99 އަހަރުގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ދިނުމުގެ ކޮމާޝަލް ޓާމްސްގައި ސެޕްޓެމްބަރު 21 ގައި ސޮއިކޮށްފައިވާއިރު، ދާއިމީ އެގްރިމެންޓުގައި ސޮއިކުރުމަށް ތައްޔާރުވަނީ ނޮވެމްބަރު 11 ގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުންތައް ހަދަމުންދަނީ، ރަސްމާލޭގެ އެންމެ ވެލިފުކެއްވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ނުދޭނެ ކަމަށް ރައީސް މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައިވަނިކޮށެވެ.
އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ދިރާގުގެ އިނާމު ހޯދުމުގެ ފުރުސަތު!
2027 ގައި ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ