އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީއެޗްއެސް) ގެ 40،000 އަށްވުރެ ގިނަ މުވައްޒަފުންގެ ސެންސިޓިވް މައުލޫމާތުތައް ހިމެނޭ ސައިޓެއް އިންޓަނެޓުން ނެގުމަށް އައިސްލެންޑުގެ ވެބް ހޯސްޓިން ކުންފުންޏަކަށް އެމެރިކާ ސަރުކާރުން އެދުނު ނަމަވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، އެ މައުލޫމާތުތައް އެހެން ޑޮމެއިންތަކަށް ބަދަލުވެއްޖެ އެވެ.
އައިސްލެންޑުގެ ކުންފުންޏެއް ކަމަށްވާ "ފްލޮކިނެޓް"އަށް ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ ޒީރޯފޮކްސް މެދުވެރިކޮށް ޑީއެޗްއެސްގެ ފަރާތުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ޑޮމެއިންގައި ހިމެނޭ އެ މައުލޫމާތުތަކަކީ ވަގަށް ނަގާފައިވާ ޑޭޓާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސައިޓެއް ކަމަށެވެ. އަދި މި މައުލޫމާތުތައް އާންމުވުމުގެ ސަބަބުން އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީ) އާއި ކަސްޓަމްސް އެންޑް ބޯޑާޕްރޮޓެކްޝަން (ސީބީޕީ) ގެ މުވައްޒަފުންނަށް ފުރައްސާރައާއި ޖިސްމާނީ އަނިޔާ ލިބިދާނެ ކަމުގެ ބިރުބޮޑު ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2025 ވަނަ އަހަރު ފެއްޓެވި ބޮޑު ޑީޕޯޓޭޝަން ކެމްޕޭނަށްފަހު، މި އެޖެންސީތަކުގެ މުވައްޒަފުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ނަމަވެސް ސަލާމަތީ ނުރައްކާތައް އޮތް ކަމަށް ބުނެ ސަރުކާރުން ދަނީ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޭޖެންޓުންގެ ވަނަވަރު ސިއްރުކުރަމުންނެވެ.
ފްލޮކިނެޓުން ބުނިގޮތުގައި ޑީއެޗްއެސްގެ އެދުމަށް އެ ކުންފުނިން އިންކާރުކުރި ނަމަވެސް، އެ ސައިޓުގެ ރަޖިސްޓްރާ މެދުވެރިކޮށް ފަހުން އެ ޑޮމެއިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް ޑޭޓާތައް މިހާރު ވަނީ އެހެން ޑޮމެއިންތަކަށް ބަދަލުކޮށްފަ އެވެ. ސައިޓް ނުނަގަން ނިންމި ސަބަބާ ގުޅޭގޮތުން ފްލޮކިނެޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްކުރާ އޮފިޝަލުންނަކީ އެ މަސައްކަތްކުރާ ވަގުތު އާންމު ފަރުދުންނަށް ނުވާތީ، އެ މީހުން ކުރަނީ ކޮންކަމެއްކަން އަދި ކޮން ބާރެއްގެ ދަށުންކަން ރައްޔިތުންނަށް އެނގުމުގެ ހައްގު އޮންނާނެ ކަމަށެވެ.
ލީކުވި މި މައުލޫމާތުތަކަކީ ސަރުކާރުގެ ލީކުވެފައިވާ މައުލޫމާތުތައް އާންމުކުރާ "ޑިސްޓްރިބިއުޓެޑް ޑީނިއަލް އޮފް ސެކްރެޓްސް" ކިޔާ ގްރޫޕަކުން މިދިޔަ ބުދަ ދުވަހު އާންމުކުރި އެއްޗެކެވެ. މި މައުލޫމާތުތައް ހޯދާފައި ވަނީ "ޑިޕާޓްމަންޓް އޮފް ޕިސް" ގެ ނަމުން ނަންދީފައިވާ ހެކަރުންގެ ގްރޫޕަކުންނެވެ.
މިފަދަ މައުލޫމާތުތައް ހުއްޓުވުމަށް ޓްރަމްޕް އިދާރާއިންދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ދާދި ފަހުން ވެސް އައިސީގެ ހަރަކާތްތައް މޮނިޓާކުރާ އެޕްތައް އެޕަލް ފަދަ ކުންފުނިތައް މެދުވެރިކޮށް ނައްތާލުމަށް ޖަސްޓިސް ޑިޕާޓްމަންޓުން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސަރުކާރުގެ މަސައްކަތްތައް ބެލުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ ޑިމޮކްރެޓިކް މެންބަރުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޖޭމްސް ބޮންޑްގެ އާ އެކްޓަރާ މެދު ނުރުހުންވެދާނެ: ހިގްސަން
އިލްމުވެރިންގެ ގުޅުމުން ރައީސަށާއި މަޖިލީހަށް ރައުޔު ފޮނުވައިފި
ތިން އަތޮޅަކަށް ދަނޑުވެރިކަމުގެ ގްރާންޓްގެ ފުރުސަތު