އީރާނާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާ ހަމަލާތަކެއް ދިނުމާ މެދު ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޕެންޓަގަންގެ އެންމެ އިސް މިލިޓަރީ ޕްލޭނަރު ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މަގާމުން ވަކިކުރައްވައިފި ކަމަށް ދިފާއީ ބާރުގެ އޮފިޝަލަކު ބުދަ ދުވަހު ހާމަކޮށްފި އެވެ. މިއީ މަގާމުން ވަކިކުރެވުނު ޖެނެރަލުންގެ ސިލްސިލާގެ ތެރެއިން އެންމެ ފަހުގެ ނިންމުމެވެ.
އާމީ ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާ ވަނީ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ސްޓްރެޓެޖީ، ޕްލޭންސް އަދި ޕޮލިސީގެ އިސްވެރިޔާގެ މަގާމުން ވަކިކޮށްފަ އެވެ. ސިލްވިއާއަކީ ހެގްސެތުގެ ދައުރުގައި "ޖޭ5" ގެ ނަމުން މަޝްހޫރު މި މަގާމުން ވަކިކުރި ދެވަނަ ޖެނެރަލެވެ. އޭނާގެ ކުރިން އެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް ޖޯސެފް މެކްގީއަށް ވަނީ މިދިޔަ އޮކްޓޯބަރު މަހު މަޖުބޫރުން ރިޓަޔާ ކުރަން އަންގާފަ އެވެ.
މި ނާޒުކު ނިންމުމާ ގުޅޭގޮތުން ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކި އޮފިޝަލަކު ބުނި ގޮތުގައި، ސިލްވިއާގެ ބަދަލުގައި ވަގުތުން މީހަކު އައްޔަންކޮށްފައެއް ނުވެ އެވެ. އަދި އޭނާ މަގާމުން ވަކިކުރި ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ޖޮއިންޓް ސްޓާފްގެ ތަރުޖަމާނަކު ވިދާޅުވީ، ލެފްޓިނެންޓް ޖެނެރަލް ބްރެޓް ސިލްވިއާ އާއި އޭނާގެ އާއިލާއިން ގައުމަށްޓަކައި ވީ 32 އަހަރުގެ މަތިވެރި ހިދުމަތަށް ޗެއާމަން އާއި ޖޮއިންޓް ފޯސްގެ ފަރާތުން އިހްލާސްތެރި ޝުކުރު އަދާކުރާ ކަމަށާއި، އޭނާއަށް އުޖާލާ މުސްތަގުބަލަކަށް އެދޭ ކަމަށެވެ.
އާންމުގޮތެއްގައި "ޖޭ5" ޑިރެކްޓަރާއި އެ ބޭފުޅެއްގެ މުވައްޒަފުންގެ ޒިންމާއަކީ ޖޮއިންޓް ޗީފްސްގެ ޗެއާމަނާއި ރައީސާ ގުޅިގެން އަސްކަރީ ރޭވުންތައް އެކުލަވައިލުމާއި ވިލަރެސްކުރުމެވެ. ސިލްވިއާ މަގާމުން ވަކިކޮށްފައި މިވަނީ އީރާނާ ދެކޮޅަށް އާ އަސްކަރީ އޮޕަރޭޝަންތަކެއް ފެށުމަށް ޓްރަމްޕް ތަކުރާރުކޮށް އިޝާރާތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.
އިޒްރޭލާއެކު އަށް މަސް ދުވަސް ކުރިން ފެށުނު ހަނގުރާމައަށްފަހު، އީރާނުގައި "މަސައްކަތް ނިންމާލާނެ" ކަމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި އަންނަ ހަފުތާގައި އޮންނަ މިޑްޓާމް އިންތިހާބަށްފަހު އާ ހަމަލާތަކެއް ދިނުމަކީ އޮތް ފުރުސަތެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ އޮފިޝަލުން މެދުއިރުމަތީގެ ބައެއް ގައުމުތަކަށާއި ސަރަހައްދީ ބައިވެރިންނަށް އަންގާފައިވަނީ، އަންގާރަ ދުވަހުގެ އިންތިހާބަށްފަހު އަސްކަރީ ހަރަކާތްތަކެއް ފެށިދާނެ ކަމަށް ތައްޔާރުވެ ތިބުމަށެވެ. އަދި އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް ދީފާނެ ކަމަށް ވެސް ވަނީ އިންޒާރު ދީފަ އެވެ. ނަމަވެސް އާ ހަމަލާތަކެއް ދިނުމާ މެދު ޓްރަމްޕް އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ޑިޕްލޮމެޓުން ބުނެ އެވެ.
މިހާރު ވެސް އެމެރިކާގެ ތިންވަނަ އެއާކްރާފްޓް ކެރިއަރާއި އެތައް ހާސް އިތުރު ސިފައިންނެއް ދަނީ އެ ސަރަހައްދަށް ދަތުރުކުރަމުންނެވެ.
ޖޮއިންޓް ސްޓާފާ ގުޅުމުގެ ކުރިން ސިލްވިއާ ވަނީ މޭ 2025 އާ ހަމައަށް ކެންޓަކީގެ ފޯޓް ކެމްޕްބެލްގައި 101 ވަނަ އެއާބޯން ޑިވިޜަންގެ ކޮމާންޑަރުގެ މަގާމު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ޖޭ5 ގެ ވައިސް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ހެގްސެތުގެ ދައުރުގައި މިހާތަނަށް ވިއްސަކަށް ޖެނެރަލުންނާއި އެޑްމިރަލުން އަދި އެހެނިހެން އަސްކަރީ ލީޑަރުން ވަނީ މަގާމުން ވަކިކޮށް ނުވަތަ ރިޓަޔާ ކުރަން މަޖުބޫރުކޮށްފަ އެވެ. މީގެ ތެރޭގައި އާމީ އާއި ނޭވީގެ ސިވިލިއަން ސެކްރެޓަރީންނާއި ބައެއް އިސް ޔުނިފޯމްޑް އޮފިސަރުން ވެސް ހިމެނެ އެވެ.
އިލްމުވެރިންގެ ގުޅުމުން ރައީސަށާއި މަޖިލީހަށް ރައުޔު ފޮނުވައިފި