ރާއްޖޭގައި ސްޓްރޯކް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ކޮންމެ 16 ގަޑިއިރަކުން އެއްފަހަރު ސްޓްރޯކް ޖެހިގެން ފަރުވާ ހޯދުމަށް މީހަކު ހޮސްޕިޓަލަށް ގެންނަ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ހާމަކޮށްފި އެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ސްޓްރޯކަށް ހޭލުންތެރިކުރުވުމުގެ ހަރަކާތަކާ ގުޅުވައިގެން، ސަރުކާރުގެ މައި ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އެ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ، ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން އެ ހޮސްޕިޓަލަށް މީހަކު ފަރުވާއަށް އަންނަ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ރާއްޖޭގެ ފުރަތަމަ ސިކުނޑި އަދި ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ކުރިން ވިދާޅުވެފައިވަނީ، ސްޓްރޯކް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މި ބަލީގައި ފުރާނަ ސަލާމަތްކުރުމަށާއި ދާއިމީ ނުކުޅެދުންތެރިކަމަކުން ދުރުވުމަށް އެންމެ މުހިންމީ އަވަހަށް ފަރުވާ ދިނުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސްޓްރޯކްގެ އަލާމާތްތައް ދެނެގަންނާނީ ކިހިނެއް؟
ސްޓްރޯކެއް ޖެހުމުން ފެންނާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:
- ކުއްލިއަކަށް ހަށިގަނޑުގެ ހަމަހަމަކަން (ބެލެންސް) ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން.
- ކުއްލިއަކަށް އެއް ލޮލުގެ ނުވަތަ ދެ ލޮލުގެ ފެނުން ފުސްވުން ނުވަތަ އެއްޗެހި ދޭތިވެގެން (ޑަބަލްކޮށް) ފެނުން.
- ހިނިތުންވެލަން އުޅޭ ވަގުތު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްފަޅި ތިރިއަށް އެލުން.
- އަތް ނުވަތަ ފައިގެ ވާގިދިއުން (ދެއަތް މައްޗަށް ނަގަން އުޅުމުން އެއް އަތް ތިރިއަށް ވެއްޓުން).
- ވާހަކަދައްކަން އުޅޭއިރު ދޫ އޮޅުން، ވާހަކަ ސާފުނުވުން އަދި އެހެން މީހުން ދައްކާ ވާހަކަ ދެނެގަންނަން އުނދަގޫވުން.
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެންމެ އަވަހަކަށް ކައިރި ހޮސްޕިޓަލަކަށް ބަލިމީހާ ގެންގޮސް ފަރުވާ ހޯދުމަށެވެ.
ބޮލްސޮނާރޯ އޭނާއަކީ "ބްރެޒިލްގެ ޒައީމް" ކަމަށް ބުނެފި
މައުތުވޮސް ބޭނުންކުރުން: ފައިދާއެއްތަ ނުވަތަ ނުރައްކަލެއްތަ؟
ޖޭމްސް ބޮންޑްގެ އާ އެކްޓަރާ މެދު ނުރުހުންވެދާނެ: ހިގްސަން