މިހާރު ހިންގަން ނިންމާފައިވާ އުސޫލުން ރަސްމާލެ މަޝްރޫއު ހިންގާނަމަ ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި ދުބާއީގެ އީގަލް ހިސްލްގެ އަތުން އެ މަޝްރޫއު އަތުލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަފުޅުދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ހައްގުތަކެއް މުސްތަގުބަލުގައި އުފަންވެދާނެ ފަދަގޮތަކަށް ރަށްވެހިކަން ދީގެން ވިޔަސް އަދި ނުދީވިޔަސް ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަކީ އޭނާ ތާއީދު ކުރާނެ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ މަގުބޫލުކަމެއް ނެތް ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި ބަދަލުދީގެންވިޔަސް އީގަލް ހިލްސްގެ އަތުން އެ މަޝްރޫއު އަތުލާނެ ކަމަށެވެ.
އޭނާ ވަނީ ރަސްމާލެ މަޝްރޫއު ހިންގުމުގެ ކުރިން އެެކަމާ މެދު ރައްޔިތުން ދެކޭގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސް މުއިއްޒަށް ގޮވާލައްވާފަ އެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެފަދަ ގޮތަކަށް ރައްޔިތުންގެ ބަހެއް ނުހޯދައި މިކަންކޮށްފި ކަމަށްވަންޏާމު އަޅުގަނޑުމެންގެ ސަރުކާރެއް އުފެދިއްޖެ ކަމަށްވަންޏާމު ރިވޯކްކުރާނެ ވާހަކަ ވަރަށް ސާފުކޮށް މި ދަންނަވަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފޮރިން އިންވެސްޓްމަންޓްތަކާ އެމްޑީޕީން ދެކޮޅު ނޫން ކަމަށާއި އީގަލް ހިލްސް ކުންފުންޏާ ވެސް އެ ޕާޓީން ދެކޮޅު ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ހަމައެކަނި ނުރުހެނީ އެކަންކުރާގޮތާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އިސްރާއީލަކީ ވެސް ފަލަސްތީނުގެ ސިޓީއެއް ކަމަށާއި އެތަން ޔަހޫދީން ހިފީ ފަލަސްތީނުން ރަށްވެހިކަން ހޯދައިގެން ކަމަށެވެ.
ނޮވެމްބަރު 17ގެ ކުރިން ރަސްމާލޭގެ ދެބައިކުޅައެއްބައި އީގަލް ހިލްސްއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
ޕެންޓަގަންގެ އެންމެ އިސް މިލިޓަރީ ޕްލޭނަރު މަގާމުން ވަކިކޮށްފި
އިލްމުވެރިންގެ ގުޅުމުން ރައީސަށާއި މަޖިލީހަށް ރައުޔު ފޮނުވައިފި
ބޮލްސޮނާރޯ އޭނާއަކީ "ބްރެޒިލްގެ ޒައީމް" ކަމަށް ބުނެފި
