ޔޫކްރޭނުގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން، އެ ގައުމަށް 2.1 ބިލިއަން އެމެރިކާ ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ވިއްކުމުގެ ހުއްދަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދީފި އެވެ.

އެމެރިކާއިން ހުއްދަ ދީފައިވަނީ 500 "ޕެޓްރިއޮޓް އެޑްވާންސްޑް ކެޕަބިލިޓީ-3" މިސައިލާއި އެއާ ގުޅޭ ވަސީލަތްތައް ޔޫކްރޭނަށް ވިއްކުމަށެވެ.

މި ޑީލަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ކެނެޑާ، ޖަރުމަނުވިލާތް އަދި ނޯވޭގެ އެހީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަންޑިން މެދުވެރިކޮށް ކަމަށްވާތީ، މިއަށް އެމެރިކާ ދައުލަތުގެ ފައިސާއެއް ހަރަދުނުވާނެ ކަމަށް އެމެރިކާއިން ބުނެ އެވެ.

މި މަޝްރޫއުގެ މައިގަނޑު ކޮންޓްރެކްޓަރަކީ އެމެރިކާގެ މަޝްހޫރު ޑިފެންސް ކުންފުނި ލޮކްހީޑް މާޓިން އެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ނިންމުމަކީ ޔޫރަޕުގެ ސިޔާސީ އަދި އިގުތިސާދީ ހަމަޖެހުމަށް މަސައްކަތްކުރާ ބައިވެރި ގައުމެއްގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، އެމެރިކާގެ ހާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތީ އަމާޒުތަކަށް އެހީތެރިވެދޭނެ ކަމެކެވެ.

އެމެރިކާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވަމުން ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ މިއީ ރަޝިޔާގެ ބެލިސްޓިކް މިސައިލް ހަމަލާތަކުން ސަލާމަތްވުމަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. ނަމަވެސް ފިނިމޫސުމާ ދިމާކޮށް ރަޝިޔާއިން ދެމުންދާ ހަމަލާތައް އިތުރުވަމުންދާތީ، މި މިސައިލްތައް ވީއެންމެ އަވަހަކަށް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް އޭނާ ވަނީ ވޮޝިންޓަނަށް އިލްތިމާސްކުރައްވާފަ އެވެ.