އެމެރިކާގެ ގައުމީ ސަލާމަތާ ގުޅޭ ސިއްރު މައުލޫމާތު ހޯދުމަށް ޗައިނާގެ އިންޓެލިޖެންސަށް ޖާސޫސްކޮށްދިން ކަމަށް ބުނާ ޗައިނާގެ ދެ ރައްޔިތަކު 30 މަސްދުވަހަށް ޖަލަށް ލުމަށް އެމެރިކާގެ ފެޑެރަލް ކޯޓަކުން ހުކުމްކޮށްފި އެވެ.

ކެލިފޯނިއާގެ ފެޑެރަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އެންގުމަށް އެމެރިކާގައި ޖާސޫސީ ހަރަކާތްތައް ހިންގި ލިރެން ލާއި (40 އަހަރު) އާއި ޔުއާންސޭ ޗެން (39 އަހަރު) ގެ މައްޗަށެވެ.

ޖަލު ހުކުމުގެ އިތުރުން، ޖަލުން މިނިވަންވުމަށްފަހު ތިން އަހަރު ދުވަހުގެ މުއްދަތަށް އެމީހުން ފުލުހުންގެ ސުޕަވިޝަންގެ ދަށުގައި ބޭތިއްބުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ދެ މީހުން ވަނީ އެމެރިކާގެ ސޫޖީ އަސްކަރީ މަރުކަޒުތަކުގެ ފޮޓޯއާއި، އަސްކަރިއްޔާގެ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، އެމެރިކާގެ ސިފައިންގެ ތެރެއިން ޗައިނާއަށް ޖާސޫސްކޮށްދޭނެ އެޖެންޓުން ރެކްރޫޓްކުރަން މަސައްކަތްކޮށްފަ އެވެ. އަދި ލިބޭ މައުލޫމާތުގެ ބަދަލުގައި، ސީދާ ބައްދަލުނުކޮށް ސިއްރު ތަންތަނުގައި ފައިސާ ބަހައްޓައިގެން ހިންގާ "ޑެޑް ޑްރޮޕް" އުސޫލުން މަދުވެގެން 30،000 ޑޮލަރުގެ ފައިސާގެ މުއާމަލާތްތައް އެމީހުން ވަނީ ހިންގާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މައްސަލައިގައި އެފްބީއައިއިން ހިންގި ހާއްސަ ކައުންޓާ-އިންޓެލިޖެންސް އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އެއަށްފަހު ދެ މީހުން ވެސް ވަނީ އެމެރިކާގެ އެޓާނީ ޖެނެރަލްގެ ހުއްދައެއް ނެތި ބޭރު ގައުމެއްގެ އެޖެންޓުންގެ ގޮތުގައި އުޅުނު ކަމަށް ކޯޓުގައި އެއްބަސްވެފަ އެވެ.