ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާތީ ފުވަައްމުލަކުގައި ވެމްކޯ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ވެމްކޯ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާދަމާއިން ފެށިގެން އެ ސިޓީގެ ގޭބިސީތަކުން ކުނި ނަގާނީ ހެނދުނު 9:00ން މެންދުރު 12:00އާ ދެމެދު ކަމަށެވެ. އެހެންކަމުން 9:00 ޖަހާއިރު ޑަސްބިންތައް އާއްމުކޮށް ބަހައްޓާ ތަނުގައި ބެހެއްޓުމަށް ވަނީ އެދިފަ އެވެ.

މި ހާލަތުގައި މޮނިޓަރިންއަށް ލާފައި ތިބި ގޭބިސީތަކުން ކުނި ނަގާނީ އެ ކުންފުނީގެ ސްޕެޝަލް ޓާސްކް ފޯސް އިންނެވެ. މި ގޭބިސީތަކުން ލީކު ނުވާނެހެން ދެ ކޮތަޅަށް ލައި ކުނި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.

މާދަމާއިން ފެށިގެން ވެމްކޯގެ ފުވައްމުލަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެދުނު 9:00 ން 12:00އަށް އަދި މެންދުރު 1:00ން 3:00އަށެވެ.

ހުކުރު ދުވަހު އެ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00ން މެންދުރު 12:00އަށެވެ.

ވެމްކޯއިން ބުނީ މި ބަދަލު ގެނައީ އެ ރަށުގައި ކޯވިޑް ފެތުރޭތީ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.