ރައީސް މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް ތިން އަހަރު ފުރުނުއިރު، ރައްޔިތުންނަށް ވެވަޑައިގެންނެވި ގިނަ ވައުދުތައް ނުފުއްދި، ގައުމުގެ އިގްތިސާދީ އަދި ސިޔާސީ ހާލަތު އިންތިހާއަށް މިވަނީ ގޯސްވެފަ އެވެ. ތިން އަހަރުވީއިރު މި ސަރުކާރަށް ގިނަ ރައްޔިތުން ދެނީ "ޔޫ" ރިޕޯޓެކެވެ. މި ސަރުކާރަށް މިއަދު ލިބޭ ހަމައެކަނި އެއްޗަކީ އިދިކޮޅު ފަރާތްތަކާއި އާންމު ރައްޔިތުންގެ ފާޑުކިޔުންތަކެވެ.

މީގެ ތިން އަހަރު ކުރިން 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު "ދިވެހީންގެ ރާއްޖެ"ގެ ޝިއާރުގެ ދަށުން ވެރިކަމަށް ވަޑައިގެންނެވިއިރު ދެއްކެވި އުންމީދީ ހުވަފެންތައް މިއަދު ވަނީ ބޮޑު ބިލާހަކަށް ވެފަ އެވެ. "ދިވެހީންގެ ރާއްޖެ"އަށް ކުރި ދަތުރުގެ ބޮޑުބައި ނިމުނުއިރު މިއަދު މުޅިން ވެސް ދައްކަން އޮތީ މާޔޫސްކަމުން ފުރިފައިވާ ލިސްޓެއްގެ ވާހަކަ އެވެ.

އިގްތިސާދީ ހީނަރުކަމާއި ދަރަނީގެ ބުރަ

ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ގައުމުގެ އިގްތިސާދީ ހާލަތާ މެދުގަ އެވެ. ދައުލަތުގެ ދަރަނި 152 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާއިރު، އިގްތިސާދީ ދުވެލި ވަނީ މަޑުޖެހިފަ އެވެ. އެގޮތުން މި އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ ބޮޑު އަދަދުތަކާއެކު ދައުލަތުގެ މާލީ ހާލަތު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާއިރު، ސަރުކާރުން ހުށަހަޅާ ބަޖެޓުތަކަކީ ރައްޔިތުންނަށް އޮޅުވާލުމަށް އެކުލަވާލާ "ދޮގު ބަޖެޓު"ތަކެއްގެ ގޮތުގައި ސިޔާސީ އަދި އިގްތިސޯދީ ދާއިރާގެ ގިނަ ބަޔަކު ސިފަކުރެ އެވެ.

ރައީސް މުއިއްޒުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ސަރުކާރަށް 3 އަހަރުވިއިރު ގައުމުގެ އިގްތިސޯދު އޮތީ ކަންބޮޑުވާ ހާލަތުގައި -- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ޑޮލަރުގެ ތާށިކަން ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ވަނީ އަތް ނުފޯރާ ފަށަށް ގޮސްފަ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް (އެސްއެމްއީ) ބަނގުރޫޓުވަމުންދާއިރު، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެ އެވެ.

ހަމައެއާއެކު ސަރުކާރުން "ފައިސާ ޗާޕު ނުކުރާނެ" ކަމަށް ވިދާޅުވި ނަމަވެސް، އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތައް އިތުރުކުރުމަކީ ރައްޔިތުންގެ މެދުގައި ނުރުހުން އުފެދިފައިވާ ކަމެކެވެ.

ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި

ރައީސް މުއިއްޒުގެ ކެމްޕޭނުގެ އެންމެ މުހިންމު ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމެވެ. އެހެން ނަމަވެސް، ވެރިކަމަށް ތިން އަހަރު ވިއިރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. ރަށްރަށުގެ ބަނދަރު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ހޮސްޕިޓަލްތައް އެޅުން ފަދަ މަޝްރޫއުތައް ކުރިއަށް ނުދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް މުއިއްޒާއެކު ހައުސިން މިނިސްޓަރު މުއްތަލިބު: ސަރުކާރަށް 3 އަހަރުވިއިރު ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފައި -- ފޮޓޯ: ރައީސް އޮފީސް

ވަކިން ހާއްސަކޮށް ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއު ކުރިއަށްދާ ލަސްމިނާއި، އެ މަޝްރޫއާ ގުޅިގެން އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ބިލަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ބިޑު ކުރުމަކާ ނުލައި ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށާއި، އޮޑިޓާ ޖެނެރަލް އަދި އޭސީސީގެ ބެލުމުގެ ދަށުން އެ މަޝްރޫއު ބޭރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ އަޑުއުފުލަމުންނެވެ. ހަމައެއާއެކު، ކުރީ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތައް ހަވާލުކުރުމުގައި ވެސް ލަސްތަކެއް ކުރިމަތިވެ، ރައްޔިތުންގެ އުންމީދުތައް ވަނީ ފެނަށް ވެފަ އެވެ.

ޑިމޮކްރަސީ އާއި ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް

ސިޔާސީ މަސްރަހަށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމުގެ ހުރިހާ ބާރުތަކެއް އެއް މުށުތެރެއަށް ޖަމާކުރަމުންދާ ކަމުގެ ތުހުމަތު ވަނީ ބޮޑުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ ސަބަބުން މަޖިލިސް މެންބަރުންގެ މިނިވަންކަން ގެއްލި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކާއެކު ލޯކަލް ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، މާލީ މިނިވަންކަން ނިގުޅައިގަނެފައިވާ ކަމަށް ބުނެ ކައުންސިލްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ސިފަކުރާ ގޮތުގައި، ޖުމްހޫރީ ވެރިކަމެއް ހިންގުމަށް ހަވާލުކުރި ނަމަވެސް ރައީސް މުއިއްޒު ގައުމު ގެންދަވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށެވެ. މި އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ނާކާމިޔާބީއަކީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުން ހިތްހަމަނުޖެހޭ ކަމުގެ ސާފު ހެއްކެއް ކަމަށް ސިޔާސީ މުހައްލިލުން ދެކެ އެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް މުއިިއްޒު މަޖިލީހުގައި، ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފޮޓޯ: މަޖިލިސް

މަޖިލީހަށް ހުށަހަޅައިގެން ފާސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ވެސް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއް ކަންތަކެވެ. ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާއި، ނޫސްތަކުގައި ލިޔާ ރިޕޯޓުތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ އަބުރުގެ ބިލުތަކުގެ ސަބަބުން ނޫސްވެރިންނާއި އާންމު ރައްޔިތުންނަށް ވަނީ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފަ އެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު ނިމިގެންދާއިރު ފެންނަން އޮތީ ބޮޑެތި އިއުލާންތަކާއި، ނުނިމި ހުރި މަޝްރޫއުތަކާއި، އިގްތިސާދީ ތަދުމަޑުކަމެކެވެ. ވެރިކަމަށް ވަޑައިގެންނެވިއިރު ދެއްކެވި އަމަލީ ނަތީޖާ ނުފެނި، ރައްޔިތުންގެ އިތުބާރު ގެއްލެމުންދިއުމަކީ ކުރިއަށް އޮތް ދެ އަހަރު ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

ހަމަގައިމު ވެސް ބޮޑެތި ވައުދުތަކުގެ ފަހަތުގައި އޮތީ ފުނިޖެހިފައިވާ މާޔޫސް ކަމެކެވެ. ގިނަ ރައްޔިތުން މިއަދު އެދިއެދި ތިބެނީ މިވެރިކަން އަވަހަށް ނިމިގެން ދިއުމަށެވެ. ހިތްތަކުގައި އުފެދޭ ސުވާލަކީ ދެން އޮތް ދެ އަހަރުތެރޭ ނަތީޖާއެއް ނެރެވޭނެ ހެއްޔެ އެވެ؟ އެ ނަތީޖާ ބާކީ މިއޮތް ދެ އަހަރުގެ ތެރޭގައި ނެރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.