ޕީއެންސީގެ ފިކުރުގައި އިހުތިރާމްކުރުން ދެމިއޮންނަނީ އެމީހުންގެ އަތުގައި ބާރު އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި، މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާ ބޭފުޅުން މާދަމާ އެމަނިކުފާނަށް ހުތުރު އެއްޗެހި ގޮވާ އަޑު ދިވެހިން އަހަންޖެހޭނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރިން ވަފާތެރިވެ ތާއީދުކުރެއްވި ބޭފުޅުން، އެ ބޭފުޅުންގެ ބާރު ގެއްލުމާއެކު މިއަދު ރައީސް މުއިއްޒަށް ތާއީދު އެނބުރިފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންގެ ފިކުރުގައި އޮންނަ އިހުތިރާމަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ޒިޔާދު ވަނީ އަބުރުގެ ބިލެއް ހުށަހަޅަނީ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ހުއްޓުވަން ކަމަށް ތުހުމަތުކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއްގައި ޕީއެންސީގެ ލީޑަޝިޕުން ބަޔަކު ކޮންޓްރޯލް ކުރަން އުޅުނު ކަމަށް ބުނާ މައްސަލަތަކާއި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ސަރުކާރު ތެރޭގެ ކޮރަޕްޝަނާ ދެކޮޅަށް ވާހަކަދެއްކެވުމުން އެކަހެރިކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އަބުރުގެ ބިލުގައިވާ ގޮތުން ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭފަދަ ޕޯސްޓެއް ޝެއާކުރާ ނުވަތަ ފަތުރާ މީހުންގެ މައްޗަށް ވެސް ދައުވާކުރެވޭނެ އެވެ. އަދި އަބުރުގެ ދައުވާއެއް ސާބިތުވެއްޖެނަމަ، މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައިދެވޭނެ އެވެ.
ހަމައެއާއެކު ހަގީގަތާ ހިލާފު ދޮގު ވާހަކަ ދެއްކުމުގެ އިތުރުން، ފޮޓޯއަކުން، ކުރެހުމަކުން، ފިލްމަކުން، ތަމްސީލަކުން، ނުވަތަ އިޝާރާތަކާއި ހަރަކާތަކުން ވެސް މީހަކަށް ނިސްބަތްކޮށް އަބުރާ ބެހުނު ކަމަށް ދޭހަވާނަމަ ދައުވާ ކުރެވޭނެ އެވެ.
މި ބިލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ ވާހަކައަކާ ގުޅިގެންނާއި، އެފަދަ ކަމެއްގެ ޚަބަރު އުފުލާ ފަރާތްތަކުގެ މައްޗަށް އަބުރުގެ ދައުވާއެއް ނުއުފުލޭނެ އެވެ.
ވެރިކަމަށް 3 އަހަރުވިއިރު އޮތީ ފުނިޖެހިފައިވާ މާޔޫސްކަން!
ފުރިޖުތަކަށް ދިން ސައިބާ ހަމަލާއާ ގުޅިގެން އީރާނަށް ފިޔަވަޅު