އެލްޖީއޭގެ ބޯޑަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން މެންބަރުން އިންތިހާބު ކުރުން އޮތް ދުވަހު ތައިލޭންޑްގެ ވެރިރަށް ބެންކޮކަށް ދިޔަ ދެ ކައުންސިލަރަކަށް އެމްޑީޕީން ފިޔަވަޅު އަޅައިފި އެވެ.

އެމްޑީޕީން މި ފިޔަވަޅު އަޅާފައި ވަނީ ހދ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ފިރާގާއި ކައުންސިލް މެންބަރު ކަމަށްވާ އަހްމަދު އަނާނަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން އަނާން ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހަނިމާދޫ ގައުމީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައްވާފަ އެވެ. އަދި ފިރާގު ވަނީ ހދ. އަތޮޅު ގައުމީ މަޖިލިސް މެންބަރުކަމަށް ކުރިމަތިލައްވާފަ އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމި ނިންމުމުގައި ވަނީ އެލްޖީއޭގެ އިންތިހާބުގައި ވޯޓު ލުމަކީ ޕާޓީގެ މަސްލަހަތާއި ގައުމީ މަސްލަހަތު އޮތް ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ބައިވެރިނުވެ ވޯޓުލާން އޮތް ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ވަނީ ކޮންމެހެން ރާއްޖެއިން ބޭރަށް ފުރައިގެން ދާންޖެހޭފަދަ އެމަޖެންސީ ހާއްސަ ހާލަތެއް ކުރިމަތިވެގެން ނޫންކަން އެ ދެ ބޭފުޅުންގެ ބަހުން އެނގޭ ކަމަށެވެ.

އެހެންކަމުން ވޯޓުގައި ބައިވެރިނުވީ މަގްބޫލު އުޒުރެއް ނެތި ކަމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އެކަމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމެއްކަން ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކުން ސާބިތުވާ ކަމަށް ވެސް ކޮމިޓީގެ ނިންމުމުގައިވެ އެވެ.

އެހެންކަމުން ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ކުރިއަށްއޮތް ދެ އަހަރު އަނާނާއި ފިރާގަށް ބައިވެރިނުވެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި ގައުމީ އިންތިހާބެއްގައި ވެސް ކުރިއަށްއޮތް ދެ އަހަރު އެ ޕާޓީގެ ފަރާތުން ބައިވެރިނުވެވޭނެ ކަމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

މި ނިންމުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެ ދެ ބޭފުޅުން ހުށަހެޅި ފޯމް ބާތިލްކޮށް، ކެންޑިޑެސީ ވަނީ ބާތިލްކޮށްފަ އެވެ.