މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބޮޑެތި ހުރިހާ މަޝްރޫއެއް ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވިގޮތުގައި، ބޮޑެތި މަޝްރޫއުތައް މަޑުޖެހެން މެދުވެރިވި މައިގަނޑު ސަބަބަކީ މި އަހަރަކީ ދައުލަތުން ބޮޑެތި ދަރަނިތައް ދައްކަން ޖެހިފައިވާ އަހަރަކަށް ވުމެވެ.

"ވަރަށް ބޮޑަށް މަޑުޖެހިފައި އޮތީ މިހާރު ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަމަ ފައިސާގެ ތާށި. މި އަހަރު އަޅުގަނޑުމެން އިސްކަންދިނީ ދަރަނި ދައްކަންވީމަ މެދުއިރުމަތީގެ ހަނގުރާމަ ފެށިގެން އަޅުގަނޑުމެން ޕްރަޔަރަޓައިޒް ކުރަންޖެހުނީ ހެލްތު، އެޑިއުކޭޝަން މިކަހަލަ ބައެއް ކަންތައް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އައި ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމަކީ ވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރި ސަބަބުތަކެއް ކަމަށެވެ. ނަމަވެސް، މި ހާލަތުގައި ސަރުކާރުން އިސްކަންދިނީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވި މި ގޮންޖެހުންތަކުގެ އަސަރު ރައްޔިތުންނަށް ކުޑަކޮށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ މަގު ހެދުން، ބަނދަރު ހެދުން، ބިން ހިއްކުން، ފެނާއި ނަރުދަމާ މިކަހަލަ ބޮޑެތި ކަންކަން ޝޯ ޕްރޮޓެކްޝަން މަޑުޖެހިފައި ހުރީ. އަޅުގަނޑު ނުދަންނަވަން އެ ނޫން ވާހަކައެއް. މަޑު ޖެހިފައި ހުރީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހާއްސަކޮށް ބޯހިޔާވަހިކަމާއި ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ހުއްޓިފައިވީ ނަމަވެސް، އަންނަ އަހަރު މި ހާލަތު މުޅިން ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެގޮތުން އަންނަ އަހަރުގެ މައިގަނޑު އަމާޒަކީ މިހާރު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތަކެތި ހޯދުމުގައި ދިމާވި ދަތިތަކަށް މިހާރު ހައްލުތަކެއް ހޯދިފައިވާކަން ފާހަގަކުރައްވަމުން، މަޑުޖެހިފައިވާ ގިނަ މަޝްރޫއުތައް އަލުން ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.