އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު އީރާނުގެ ގިޝްމް އައިލެންޑުގައި ހުންނަ މިސައިލް ލޯންޗުކުރާ ސައިޓަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ. މިކަން އެމެރިކާގެ އަސްކަރީ އޮފިޝަލަކު ވަނީ އަލް އަރަބިއްޔާ އިންގްލިޝްއަށް ކަށަވަރުކޮށްދީފަ އެވެ.

އެ އޮފިޝަލް ބުނި ގޮތުގައި، އަމިއްލަ ދިފާއުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ސީދާ އަމާޒަށް ވާސިލުވާ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ މިސައިލް ލޯންޗުކުރާ މަރުކަޒަކަށެވެ. މިއީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ފަރާތްތަކަށާއި ވަސީލަތްތަކަށް އަމާޒުކޮށް އައިއާރްޖީސީން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ރައްދެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށް އޭނާ ބުންޏެވެ.

ފަހަކަށް އައިސް އީރާނުން ވަނީ ބަހުރޭނުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ހަމަލާދިނުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފަ އެވެ. މި ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެމެރިކާގެ އަސްކަރީ އޮފިޝަލް އިތުރަށް ބުނީ، އެ ސަރަހައްދުގައި ދިރިއުޅޭ އަދި ހިދުމަތްކުރާ އެމެރިކާގެ ރައްޔިތުންނާއި މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އޮތީ ފުރިހަމަ ތައްޔާރީ ހާލަތެއްގައި ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ އެ ގައުމުގެ ދެކުނުގައި އޮންނަ ގިޝްމް އައިލެންޑަށް އެމެރިކާއިން ބައެއް ހަމަލާތައް ދީފައިވާ ކަމަށް އަންގާރަ ދުވަހު ރިޕޯޓުކޮށްފަ އެވެ. ނަމަވެސް މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.