އެމެރިކާގެ އޮފިޝަލުންނަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ހަމަލާ ދިނުމަށް އީރާނުން ރާވަމުންދާ ކަމަށް ބުނެ ފެތުރުނު ރިޕޯޓެއް، އަންގާރަ ދުވަހު އީރާނުން ދޮގުކޮށްފި އެވެ. މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، މިފަދަ ކޮންމެ ނުރައްކަލެއް ވެސް އެމެރިކާއިން ސީރިއަސްކޮށް ނަގާ ކަމަށެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ތެހެރާންގެ ޑޭމްތަކާ ގުޅޭ ގޮތުން ފެތުރުނު އިތުރު ރިޕޯޓެއް ވެސް ދޮގުކުރައްވައި، އެކަން އެއީ ބޭކާރު ތުހުމަތުތައް ކަމަށް ސިފަކުރެއްވި އެވެ.

"ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި، އިޒްރޭލަށް ތާއީދުކުރާ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ޑީސީގައި ކެމިކަލް ހަތިޔާރު ބޭނުންކުރަން އީރާނުން ރާވާފައިވާ ކަމަށާއި، ޑޭމްތަކުގެ ދަށުން މިސައިލް ބޭސްތައް ބިނާކުރަމުންދާ ކަމަށް" އެކްސްގައި ލިޔުއްވަމުން އަރަގްޗީ ވިދާޅުވި އެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވަނީ، ނަން ހާމަނުކުރުމަށް އެދިފައިވާ އެމެރިކާގެ ހަތް އޮފިޝަލަކާ ހަވާލާދީ، ވޮޝިންޓަންގައި "ޑާޓީ ބޮމެއް" ގޮއްވައިލައިގެން ޓްރަމްޕްގެ އެޑްމިނިސްޓްރޭޝަންގެ އިސް އޮފިޝަލުންނަށް ހަމަލާދިނުމަށް އީރާނުން ރާވަމުންދާ ކަމުގެ ހަބަރު އެމެރިކާގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. "ޑާޓީ ބޮމެއް" ކަމުގައި ބުނެވެނީ ކެމިކަލް ނުވަތަ ރޭޑިއޯއެކްޓިވް މާއްދާތައް އެކުލެވޭ އާދައިގެ ގޮވާ ތަކެއްޗަށެވެ.

އީރާނުގެ ހާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަޤައީ، މި ރިޕޯޓު ދޮގުކުރައްވައި ވިދާޅުވީ، ވޮޝިންޓަނުން އެމީހުންގެ ނުބައި ރޭވުންތަކަށް މީޑިއާގެ ބިންގާ އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން، އެމީހުން ދަނީ އިތުރު އުދުވާނުތަކާއި ޖަރީމާތަކަށް ޝަރުއީ ސިފައެއް ގެނައުމަށް މަސައްކަތްކުރަމުން،" އެކްސްގައި ބަޤައީ ލިޔުއްވި އެވެ.

މި ނުރައްކަލާ ބެހޭގޮތުން ސުވާލުކުރުމުން ރައީސް ޓްރަމްޕް ވިދާޅުވީ، އެފަދަ ނުރައްކަލެއް އޮތްނަމަ، މީގެ ކުރިން އެއްވެސް ޤައުމަކުން ދައްކަން ނުޖެހޭ ވަރުގެ ބޮޑު އަގެއް އެމީހުން ދައްކަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އެއީ ތެދަކަށް ނުވުން. އެކަމަކު އަޅުގަނޑުމެން މިކަން ވަރަށް ސީރިއަސްކޮށް ނަގަން، ސަބަބަކީ އެމީހުންނަކީ މޮޔައިން ކަމަށްވާތީ،" ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އީރާނުގެ ބައެއް ޑޭމްތަކާއި، ހޮޅިލައިންތަކާއި، ފެން ހިންދާ ޓަނަލްތަކަކީ އެ ޤައުމުގެ އަސްކަރީ ބާރު ވަރުގަދަކުރުމަށް އެހީތެރިވުމަށް ތަރައްޤީކޮށްފައިވާ ތަންތަން ކަމަށް ވެދާނެ ކަމަށް އެނަލިސްޓުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ޝާއިއުކުރި ރިޕޯޓަށް ވެސް ބަޤައީ ވަނީ ފާޑުވިދާޅުވެފަ އެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވެމުންދިޔަ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި ފަހަކަށް އައިސް އީރާނުން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބައެއް އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ.

މި މައްސަލާގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ވަނީ، "މަޝްވަރާތަކަށް ހުރަސްއެޅިދާނެ ފަދަ އެއްވެސް ހަމަނުޖެހުމެއް އިތުރުވިޔަނުދިނުމަށްޓަކައި" ދެފަރާތުން ވެސް ކެތްތެރިކަން އިސްކުރުމަށް އަންގާރަ ދުވަހު ގޮވާލާފަ އެވެ.