ތިން ދަތް ނެގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަންހެނަކު މަރުވި މައްސަލައިގައި، ހުޅުމާލޭގައި ހިންގާ "އޮރަކެއާ ޑެންޓަލް ކްލިނިކު" ގެ އިހުމާލުތަކެއް ހުރިކަން ހެލްތު މިނިސްޓްރީން ހެދި ރިވިއުއިން ފާހަގަކުރެވިއްޖެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެ ކްލިނިކުން ތިން ދަތް އުފުރިތާ ގިނައިރުތަކެއް ނުވެ މަރުވެފައި ވަނީ ސ. ހިތަދޫ، އުމުރުން 60 އަހަރުގެ ހަދީޖާ ސަލީމެވެ.
މި މައްސަލައިގައި ހެލްތު މިނިސްޓްރީން އެކުލަވާލި ރިވިއުގައި ބުނެފައި ވަނީ، ދަތް އުފުރުމާއި ހަދީޖާ މަރުވުމާ ސީދާ ގުޅުމެއް އޮތްކަން ކަށަވަރުކޮށްދޭ އެކަށީގެންވާ ހެއްކެއް ނެތް ނަމަވެސް، އޭނާއަކީ ކޮންޓްރޯލް ނުކުރެވި ހުރި ހަކުރު ބައްޔާއި، ލޭގެ ކޮލެސްޓްރޯލް މަތިވުމުގެ އިތުރުން ތައިރޮއިޑް މައްސަލަ ހުރި މީހެއް ކަމަށެވެ. އަދި މިފަދަ ބަލިތަކުގެ ސަބަބުން ކުއްލިއަކަށް ހިތް ހުއްޓުން ފަދަ ނުރައްކާތެރި ހާލަތްތަކަށް އޭނާ ހުށަހެޅުމުގެ ފުރުސަތު ބޮޑުކަން މިނިސްޓްރީން ފާހަގަކުރެ އެވެ.
ރިވިއުއިން ފާހަގަކުރެވުނު ކްލިނިކުގެ މައިގަނޑު އިހުމާލުތައް:
އެ ކްލިނިކްގެ އިހުމާލުތަކުގެ ގޮތުގައި މިނިސްޓްރީގެ ރިވިއުއިން ފާހަގަކުރީ ކޮންސަލްޓޭޝަން ވަގުތު ބަލިމީހާގެ ބޭސް ސިޓީއާއި މެޑިކަލް ހިސްޓްރީ ލިޔުމުން ރެކޯޑުކޮށްފައި ނުވާ ކަމެވެ. އެގޮތުން "ވިނަވި" ޕޯޓަލް މެދުވެރިކޮށް ބަލިމީހާގެ ހަކުރު ބަލި ކޮންޓްރޯލް ނުކުރެވި ހުރިކަން ޑޮކްޓަރަށް އެނގުނު ނަމަވެސް، ކުރިމަތިވެދާނެ ނުރައްކާތައް (ރިސްކް) ލިޔުމުން ނޯޓުކޮށްފައެއް ނުވެ އެވެ.
ހަމައެއާއެކު ބަލިމީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، ދަތް ނެގުމުގެ ކުރިން އެންމެ އެކަށީގެންވާ ގޮތަކަށް ފަރުވާ ދިނުމަށް ފިޒީޝަނެއްގެ ލަފާ ހޯދާފައެއް ނުވެ އެވެ. އަދި ދަތުގައި އިންފެކްޝަން އުފެދި ގަދަ ރިހުމެއް ހުރުމުން އާއިލާގެ އެދުމަށް ފަރުވާ ކުރިއަށް ގެންދިޔައިރު، ޕްރޮސީޖާގެ ކުރިން ހަދީޖާގެ ވައިޓަލް ސައިންސް ބަލައި ރެކޯޑުކޮށްފައެއް ނުވެ އެވެ. އަދި ލޭގައި ހަކުރު ހުރި މިންވަރު ވެސް ބަލާފައެއް ނުވެ އެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާ ބެހޭ ގަވާއިދުގެ ދަށުން އައްސިކޮށްގެން ފަރުވާދޭނަމަ ބަލިމީހާގެ ރުހުން ލިޔުމުން ހޯދަން ލާޒިމުވި ނަމަވެސް، އޮރަކެއާއިން އެ ލިޔުން ހޯދާފައެއް ނުވެ އެވެ. އަދި ދަތް އުފުރުމުގެ ޕްރޮސީޖާ އާންމު މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ ނަމަވެސް، ފަރުވާއަށްފަހު ބަލިމީހާގެ ހާލަތު ރަނގަޅުކަން ކަށަވަރުކުރުމަށް ވައިޓަލް ސައިންސް ނުވަތަ މޮނިޓަރިން ރެކޯޑުތަކެއް ބަލަހައްޓާފައި ނުވާކަން ރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް އަމިއްލަ ހޮސްޕިޓަލަކުން ހަދީޖާ އޮރަކެއާއަށް ރިފާކުރިއިރު، ކުރިން ދީފައިވާ އައްސިކުރާ ބޭހުގެ މިންވަރު އެނގެން ނެތުމާއި ބަލިމީހާގެ ހާސްކަން ހުރި މިންވަރަށް ބަލައި، ޖެހިގެން އައި ދުވަހަށް ފަރުވާ ފަސްކުރަން ޑޮކްޓަރު އެދުނު ނަމަވެސް އާއިލާއިން އެދުނީ ވަގުތުން ފަރުވާ ކުރިއަށް ގެންދިއުމަށް ކަމަށް ރިވިއުގައި ބަޔާންކޮށްފައިވެ އެވެ.
އެލްޖީއޭ ވޯޓާ ދިމާކޮށް ބެންކޮކަށް ދިޔުމުން ފިޔަވަޅު އަޅައިފި
އެމެރިކާއަށް ބޮންއަޅަން އުޅޭ ވާހަކަތައް އީރާނުން ދޮގުކޮށްފި