ދިގު އަދި ބުރަ ދުވަހަކަށްފަހު ފޮނި އެއްޗެއް ކާން ބޭނުން ވުމަކީ ގިނަ މީހުންނަށް ކުރެވޭ އިހުސާސެކެވެ. މަޝްހޫރު ނާރުގެ ބަލިތަކާ ބެހޭ ޑޮކްޓަރުނ ހާމަކޮށްފައިވާ ގޮތުގައި، މީހުންނަށް ކުއްލިއަކަށް ފޮނި އެއްޗެހި ކާހިތްވުމަކީ ހަމައެކަނި ކާއެއްޗަކަށް އަންނަ ބޭނުންވުމެއް ނޫނެވެ. އެއީ ސީދާ ސިކުނޑީގެ މަސައްކަތާއި، ނަފްސާނީ ވަރުބަލިކަމާއި، ސްޓްރެސް އަދި ނިދި މަދުވުމާ ގުޅިފައިވާ ކަމެކެވެ.
ސިކުނޑިއަށް ގުލްކޯޒް ބޭނުންވުން
އިންސާނާގެ ހަށިގަނޑުގެ ބަރުދަނުގެ ނިސްބަތުން އެންމެ ގިނައިން ހަކަތަ ބޭނުންކުރާ އެއް ގުނަވަނަކީ ސިކުނޑި އެވެ. ހަށިގަނޑު ހަމަހިމޭނުން އޮންނަ ވަގުތުވެސް ހަށިގަނޑުގެ ހަކަތައިގެ ގާތްގަނޑަކަށް 20 ޕަސެންޓް ހޭދަވަނީ ސިކުނޑިއަށެވެ. މިގޮތުން ސިކުނޑިއަށް އެންމެ އަވަހަށް ހަކަތަ ލިބިދެވޭ ވަސީލަތަކަށް ހަކުރު ވެގެންދާއިރު، ސިކުނޑި ވަރުބަލިވާ ވަގުތުތަކުގައި އަވަހަށް ހަކަތަ ހޯދުމުގެ ބޭނުމުގައި ފޮނި އެއްޗެއް ކާން ބޭނުންވެ އެވެ.
ނަފްސާނީ ވަރުބަލިކަމާއި ޑޮޕަމީންގެ ދައުރު
މަސައްކަތް ބުރަވެ ނަފްސާނީ ގޮތުން ވަރުބަލިވާ ވަގުތުތަކުގައި ސިކުނޑިން ބޭނުންވަނީ ވަގުތީ ހިތްހަމަޖެހުމެކެވެ. ފޮނި އެއްޗެހި ކެއުމުން ސިކުނޑީގެ ރިވާޑް ސިސްޓަމް ހަރަކާތްތެރިވެ، އުފާވެރިކަމުގެ އިޙްސާސް ގެނުވައިދޭ ކެމިކަލެއް ކަމަށްވާ "ޑޮޕަމީން" ދޫކުރަން ފަށަ އެވެ. މި ސަބަބާހުރެ، މާ ބޮޑަށް ސިކުނޑި ވަރުބަލިވާ ވަގުތުތަކުގައި މީހުން ބޮޑަށް ފޮނި އެއްޗެހި ކާހިތްވެ އެވެ.
ސްޓްރެސް އަދި ނިދި މަދުވުމުގެ އަސަރު
ސްޓްރެސްވުމުގެ ސަބަބުން ހަށިގަނޑުގައި "ކޯޓިސޯލް" ނަމަކަށް ކިޔާ ހޯމޯނެއް ދޫކުރެ އެވެ. މި ހޯމޯނުގެ ސަބަބުން ކާނާއަށް ހުންނ ޝައުގުވެރިކަމަށް ބަދަލު އައިސް، ޚާއްސަކޮށް ފޮނި އަދި ތެޔޮ އެއްޗެހި ކެއުމަށް މީހުންނަށް ބާރުއަޅަ އެވެ. ހަމައެއާއެކު، ރަނގަޅަށް ނިދި ނުލިބުމަކީ ބަނޑުހައިކަން ކޮންޓްރޯލް ކޮށްދޭ ހޯމޯންތަކުގެ މަސައްކަތަށް ބުރޫއަރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ނިދި މަދުވާ ދުވަސްދުވަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ފޮނި ކާނާއަށް އޮންނަ ޑިމާންޑް ބޮޑުވެގެންދެ އެވެ.
އެހެން ކަމުން ކުއްލިއަކަށް ފޮނި އެއްޗެހި ކާހިތްވުމަކީ ހަށިގަނޑުން ނުވަތަ ސިކުނޑިން ވަރުބަލިކަން ފިލުވާލުމަށް ދޭ ސިގުނަލެކެވެ. މިފަދަ ކަންކަން ކޮންޓްރޯލް ކުރުމަށްޓަކައި ރަނގަޅަށް ނިދުމާއި، ސްޓްރެސް ކުޑަ ކުރުމާއި، އަދި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު ކަންކަމެވެ.
ރިވެލި ބީޗް ރެސްޓޯރެންޓް އަތުލުން ހުއްޓުވި އަމުރު ބާތިލްކޮށްފި
"މާތުރަބޫމީ"ގެ ކްރޫއިންނަށް ސަލްމާންގެ އަގުބޮޑު ހަދިޔާތަކެއް!