ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.

ގުޅީފަޅު ހިއްކަން 2020 ވަނަ އަހަރު ފެށުމުން ހުމައިދާ އަބްދުލް ޣަފޫރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެއީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް އަދި މާލީގޮތުން ދެކޮޅު ނުޖެހޭ ގޮތަށް އަދި ގާނޫނާ ޚިލާފަށް ހިންގާ ޕްރޮޖެކްޓެއް ކަމަށް ބުނެ, އެ މަސައްކަތް ހުއްޓުވައިދޭން އެދި އެވެ.

މިދިޔަ އޮގަސްޓް މަހު ސިވިލް ކޯޓުން ނިންމީ އެ މަޝްރޫއު ހުއްޓުވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެ ނިންމުން އިސްތިއުނާފްކުރަން ހުމައިދާގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމީ އެ މައްސަލަ ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަސައްކަތް ފެށީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ގުޅިފަޅުން ހިއްކާ ގޮތަށެވެ.

ނަމަވެސް ފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ އިތުރު 85 ހެކްޓަރު އިތުރުކޮށް, 150 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ.