ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލު އިރާލި މައްސަލައިގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލަށް ފިޔަވަޅު އެޅުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލައްވައިފި އެވެ.
މިކަން ހިނގާފައިވަނީ މިއަދު މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ ބަހުސް ކުރިއަށްދިޔަ ވަގުތުގަ އެވެ.
ބަހުސްގައި ވާހަކަދައްކަވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މައުރޫފް ޒާކިރު ވަނީ އެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަންތައްތަކެއް ހިމެނޭ ބިލެއްކަމަށް ތުހުމަތުކުރައްވައި، މައުރޫފް ވަނީ އެ ބިލު މަޖިލީހުގެ ތަޅުމުގައި އިރާލައްވާފަ އެވެ.
މައުރޫފްގެ މި އަމަލާ ގުޅިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް އޭނާއަށް އަންގަވާފަ އެވެ. އަދި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރެއްވި ކަމެއް ކަމަށާއި، އިތުރަށް އެފަދަ ކަމެއް ތަކުރާރު ނުކުރެއްވުމަށްވެސް މަޖިލީހުގެ ރައީސް ވަނީ އިންޒާރު ދެއްވާފަ އެވެ.
މައުރޫފްގެ ވާހަކައަށްފަހު، އެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ސަރުކާރުން ހުށަހެޅި ބިލެއް މަޖިލީހުގެ މެންބަރަކު އިރާލި މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީން ބަލައި، އެ މެންބަރަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
"މަޖިލިސް ރައީސް ފާހަގަކުރެއްވީ އެކަމަކީ މަޖިލީހުގެ ގަވާއިދުގައި ވަރަށްބޮޑަށް މަނާކޮށްފަ އޮންނަކަމެއް ކަމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާއި، މަޖިލީހަށް ހުށަހަޅާފައި ހުންނަ ބިލުތައް މޭޒުމަތީގައި ވީދައި، ކޮޅަށް އަރައި ކަންކަން ކުރުމަކީ. އެހެންވީމަ ކެންދޫ ދާއިރާގެ މެންބަރާ ދޭތެރޭގައި ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅަންޖެހޭނެ،" ފަލާހު ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ ކަންކަން ކުރައްވާ މެންބަރުންގެ މައްސަލަތައް ބަލައި، އެކަށީގެންވާ ފިޔަވަޅު އެޅުމަށް ފަލާހު ވަނީ ގޮވާލައްވާފަ އެވެ.
ރިވެލި ބީޗް ރެސްޓޯރެންޓް އަތުލުން ހުއްޓުވި އަމުރު ބާތިލްކޮށްފި
ބައްޕަ ބަނގުރޫޓުވި ދުވަސްވަރުގެ ހަނދާންތައް އަބީޝެކް އާކޮށްފި
ގުޅިފަޅު ހިއްކުން ނުހުއްޓުވި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
