ކޮންމެ ދުވަހަކު ހެނދުނު އޯޓްސް ނުވަތަ ބިސް ފަދަ އެއް ބާވަތެއްގެ ނާސްތާއެއް ކެއުމަކީ ވަގުތު ސަލާމަތް ކޮށްދޭ ކަމަކަށް ވިޔަސް، އޭގެ ސަބަބުން ހަށިގަނޑަށް ލިބެންޖެހޭ މުހިންމު މާއްދާތައް މަދުވެދާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ނަމަވެސް "ނިއުޓްރިޝަން އިން ސިންކް"ގެ ހެޑް ނިއުޓްރިޝަނިސްޓް ލަކްޝްމީ ކާލޭ ވިދާޅުވާ ގޮތުގައި، މައްސަލައަކީ ކޮންމެ ދުވަހަކު އެއް ނާސްތާއެއް ކެއުމެއް ނޫނެވެ؛ މައްސަލައަކީ ރަނގަޅު ނޫން ނާސްތާއެއް އިހުތިޔާރު ކުރުމެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އެއްގޮތަކަށް ނާސްތާ ބެހެއްޓުމަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. 2026 ވަނަ އަހަރުގެ ދިރާސާއަކުން ދެއްކި ގޮތުގައި ތަފާތު ބާވަތްތައް ކެއި މީހުންނަށްވުރެ، ކޮންމެ ދުވަހަކު އެއް ބާވަތެއްގެ ކާނާ ކެއި މީހުންގެ ބަރުދަން ބޮޑަށް ލުއިވި
އެވެ. ނަމަވެސް ސައި، ބެރީ އަދި އާފަލު ފަދަ ތަފާތު ގަސްގަހާގެހީގެ ބާވަތްތައް ކެއުމަކީ ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރި ވުމަށާއި ގޮހޮރުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް އެހެން ދިރާސާތަކުން ދައްކަ އެވެ.
ނިއުޓްރިޝަނިސްޓް ކާލޭ ފާހަގަ ކުރައްވާ ގޮތުގައި، އާންމުކޮށް މީހުންގެ ނާސްތާގައި އެންމެ ބޮޑަށް އުނިވަނީ ޕްރޮޓީން އެވެ. މެންދުރު ވަންދެން ބަނޑު ފުރިފައި ހުރުމަށާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ހެނދުނުގެ ނާސްތާގައި 20 އާއި 30 ގްރާމާ ދެމެދުގެ ޕްރޮޓީން ހިމެނުމަށް އޭނާ ލަފާ ދެއްވަ އެވެ.
ނަމަވެސް އާންމުކޮށް ކައިއުޅޭ 40 ގްރާމް އޯޓްސްގައި 7 ގްރާމް އަދި 2 ބިހުގައި 13 ގްރާމް ޕްރޮޓީން ހުންނައިރު، އެއީ އެކަށީގެންވާ މިންވަރެއް ނޫނެވެ.
މި މައްސަލަ ޙައްލުކުރުމަށް، ކޮންމެ ދުވަހަކު ހަކުރު ގިނަ ސީރިއަލް ކެއުމުގެ ބަދަލުގައި، އާންމުކޮށް ކާ ނާސްތާގައި ޕްރޮޓީން އިތުރު ކުރެވިދާނެ އެވެ. އެގޮތުން އޯޓްސްއާއެކު ގްރީކް ޔޯގަޓް ކެއުމުން، ނުވަތަ 3 ބިހުގެ އޮމްލެޓެއް ހެދުމުން ބޭނުންވާ ވަރަށް ޕްރޮޓީން ލިބޭނެ އެވެ.
އެއާއެކު ހަފްތާގެ އެކި ދުވަސްތަކުގައި އޭގެ ތެރެއަށް އަޅާ މޭވާ، ނަޓްސް، ސީޑްސް ނުވަތަ ތަރުކާރީ ބަދަލު ކޮށްލުމުން، ނާސްތާގެ ފަސޭހަކަން ނުގެއްލި ހަށިގަނޑަށް ބޭނުންވާ ތަފާތު މާއްދާތައް ވެސް ލިބިގެންދާނެ އެވެ.
މާބަނޑު އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ހާއްސަ ޑައެޓެއްގައި އުޅޭ މީހުން ކާނާގެ ތަފާތު ކަމަށާއި ޕްރޮޓީންގެ މިންވަރަށް އިތުރު ސަމާލުކަމެއް ދޭންޖެހޭނެ އެވެ.
ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް އިތުރު ޕްރޮޓީން ބޭނުންވާތީ، ޑޮކްޓަރެއްގެ ނުވަތަ ޑައެޓީޝަނެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ: ޔާމީން
ޖޭލޯއާއި ބެން އެފްލެކްގެ ކައިވެނި ރޫޅުނު އަސްލު ސަބަބު!
ގެއަށް ފަރުނީޗަރު ގަންނައިރު ސަމާލުވާންވީ ދެތިން ކަމެއް!
