މިދިޔަ މަހުން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަން ފެށި ޖީއެސްޓީ އުވާލުމަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ހިމެނޭހެން، ޓެކުހާ ގުޅޭ ތިން ގާނޫނަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ފާސްކޮށް، ރައީސް މިއަދު ތަސްދީގުކުރެއްވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ތިންވަނަ އިސްލާހާއި، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނުގެ ނުވަވަނަ އިސްލާހުގެ އިތުރުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ފަސްވަނަ އިސްލާހެވެ.
މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކަށާއި، އެފަދަ ޕްރޮޑަކްޓްތަކާ ގުޅޭގޮތުން ފޯރުކޮށްދޭ އެޖެންސީ ނުވަތަ ބުކިން ހިދުމަތްތަކުން މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަގަމުންދިޔަ ޖީއެސްޓީ މިއަދުން ފެށިގެން ވަނީ އުވިފަ އެވެ. ބުކިން ޕްލެޓްފޯމުތަކާއި، ޓްރެވަލް އެޖެންސީތައް އަދި ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ކުރިން ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެ ދާއިރާގެ ވިޔަފާރިތަކުން ދިޔައީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.
މީގެއިތުރުން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާ ގޮތަށް، ޖީއެސްޓީއަށް ރަޖިސްޓްރީކުރަންޖެހޭ އަހަރީ އާމްދަނީގެ މިންގަނޑު އެއް މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ވެސް މި އިސްލާހުގައި ވަނީ ހިމަނާފަ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގައިވަނީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި އެހެން ފަރާތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކޮށް، އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ 30 ޕަސެންޓުން 25 ޕަސެންޓަށް ކުޑަކުރުމަށެވެ. މި އިސްލާހަށް ވެސް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.
މީގެއިތުރުން، މިއަދުން ފެށިގެން އަމަލުކުރަން ފަށާ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ އިސްލާހާއެކު، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 ޕަސެންޓާ އެއްވަރުގެ އަދަދެއް މީރާއަށް ދައްކައި ހަލާސްކުރުމަށްފަހުގަ އެވެ. އަދި އެ އަދަދު އެއްކޮށް ދައްކައި ހަލާސްކުރަންޖެހޭ ހާލަތްތަކާއި، އެފަދަ ހާލަތްތަކުގައި ދައްކަންޖެހޭ ޖޫރިމަނާއާއި އިންޓްރެސްޓާ މެދު އަމަލުކުރާނެ ގޮތް ވެސް މި އިސްލާހުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަމާއެކު އޮނަރަބްލް ކިޔަންޖެހޭ
ރަސްމާލެ ވިއްކާލުމާ ގުޅޭ ބިލް 18 ދުވަސް ތެރޭ ފާސްކުރަނީ
އަލީ ޒާހިރާއި ހަސަން ލަތީފް ވެސް އަދާލަތު ޕާޓީން ވަކިވެއްޖެ