ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް އަދި ދިވެހި ބަހާއި އަދަބިއްޔާތަށް ހިދުމަތް ކުރެއްވުމުގެ ދާއިރާއިން އައްބާސް އިބްރާހީމަށް މިރޭ އަރުވައިފި އެވެ.

މި ދެ ބޭފުޅުންނަށް ޝަރަފުވެރިކަމުގެ އެންމެ މަތީ އިނާމު އެރުވީ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޑރ. މުހައްމަދު ރަޝީދު އިބްރާހީމް

އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކޮށް ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންނެވި ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ، މިސްރުގެ ޖާމިއުލް އަޒުހަރުން މަތީ ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު ދީނީ ތައުލީމު އުނގަންނައިދިނުމަށާއި މުޖުތަމައު ހޭލުންތެރިކުރުމަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން 1981 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރައީސް އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުން ސަރުކާރުގެ ހިދުމަތް ފެއްޓެވި ޑރ. ރަޝީދު ވަނީ އެ އޮފީހުގެ ހާއްސަ ވަކީލުކަމާއި، އަރަބިއްޔާ ސްކޫލުގެ މުދީރުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުކަމާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

މީގެއިތުރުން ދީނީ އެކި ފޮތްތަކާއި ހުކުރު ހުތުބާ ލިޔުއްވުމުގެ އިތުރުން، ކީރިތި ގުރުއާން ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ކޮމިޓީގައި މަސައްކަތްކުރައްވައި، ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގްރާމްތަކާއި ޓީވީ އަދި ރޭޑިއޯގެ ދީނީ ޕްރޮގްރާމްތައް މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.

ހިދުމަތުގެ އެންމެ މަތީ ޝަރަފް މުހައްމަދު ރަޝީދު އިބްރާހިމަށް ރައީސް އަރުވައިދެއްވަނީ: މި އިނާމާ ހަވާލުވެވަޑައިގަތީ މުހައްމަދު ރަޝީދު އިބްރާހީމްގެ ދަރިކަލުން -- ފޮޓޯ: ރައީސް އޮފީސް

އައްބާސް އިބްރާހީމް

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން އެންމެ މަތީ ޝަރަފު ލިބިވަޑައިގެންނެވި އައްބާސް އިބްރާހީމަކީ، ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުން ދިވެހި ބަހަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 1979 ވަނަ އަހަރުން ފެށިގެން 'އާފަތިސް' ނޫސް ނެރުއްވަން ފައްޓަވައި ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވާ އައްބާސް، ބޭރު ބަސްބަހުގެ ލިޔުންތަކާއި ވާހަކަތައް ސާފު ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގައި ހާއްސަ އިސްކަމެއް ދެއްވިއެވެ.

ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ އެންމެ ފުޅާ ފުރުސަތެއް އައްބާސަށް ލިބިވަޑައިގަތީ 1996 ވަނަ އަހަރު ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން ލިބިވަޑައިގަތުމުންނެވެ. އެ މަގާމުގައި ހުންނަވައިގެން ދިވެހި ބަސްފޮތް ޑިޖިޓަލައިޒް ކުރެއްވުމުގެ މުހިންމު މަސައްކަތް ކުރެއްވިއިރު، އޭނާ ވަނީ ދިވެހި ބަހުގެ އެކަޑެމީގެ ބަސް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. ވާހަކައާއި މަޒުމޫނު ލިޔުއްވުމުގެ އިތުރުން ޅެންވެރިކަމުގެ ރޮނގުން ވެސް ހިދުމަތް ކުރައްވާފައިވާ އައްބާސް މިހާރު ވެސް ގެންދަވަނީ ދިވެހި ބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމާއި ލިޔުންތެރިންގެ ޖަމިއްޔާގެ ރައީސްކަން ކުރައްވަމުންނެވެ.