އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން އީރާނާ ދެމެދު އޮތް ހަމަނުޖެހުމުގައި ވާނެ ގޮތެއް އެމެރިކާއިން ބަލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅުވީ ނޮވެމްބަރު 19 ވަނަ ދުވަހު ދެއްކި އިންޓަވިއުއެއްގަ އެވެ. ނަމަވެސް އެ ތާރީހާ ގުޅުވައިގެން އެފަދަ ވާހަކައެއް ވިދާޅުވި ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮކްސް ނިއުސްއަށް ދެއްވި މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އާ އަހަރެއް ކުރިމަތިވަމުން އަންނަ ކަމަށާއި، ޖެނުއަރީ 1 ގެ ފަހުން ވާނެ ގޮތެއް ބަލާނެ ކަމަށެވެ. އަދި އީރާނަކީ ނުބައި ބައެއްގެ ގޮތުގައިވެސް އޭނާ ސިފަކުރެއްވި އެވެ. ފަހަކަށް އައިސް ޓްރަމްޕް ގެންދަވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ދިނުމާއި، މަޝްވަރާގެ މަގު ހިޔާރުކުރައްވާނެ ކަމުގެ އިޝާރާތްތައް ދެއްވުމާ ދެމެދު ބަދަލުވަމުންނެވެ.

ޓްރަމްޕް މި ވާހަކަތައް ދައްކަވާފައި މިވަނީ، އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ރޭޑިއޯއެކްޓިވް މާއްދާތައް ފަތުރާލާ ޒާތުގެ "ޑާޓީ ބޮމެއް" ގޮއްވާލަން އީރާނުން ރާވަމުންދާ ކަމަށް ބުނެ ސީއެންއެން އިން ދާދިފަހުން ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މިފަދަ ހަމަލާއެއްގެ ނުރައްކާ އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެ ވާހަކަތަކުގެ ސީރިއަސްކަން ކުޑަކުރައްވާފަ އެވެ. އެހެންނަމަވެސް، އީރާނުން ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމުގެ އިޝާރާތްތަކެއް އެބަހުރި ކަމަށް އިތުރު ތަފްސީލެއް ދެއްވުމެއް ނެތި އޭނާ ވިދާޅުވި އެވެ.

ސީއެންއެންގެ މި ރިޕޯޓާ ގުޅިގެން އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނޮވެމްބަރު 17 ގައި ވިދާޅުވެފައިވަނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ އެމެރިކާގެ ވެރިރަށަށް އެފަދަ ކުއްލި ނުރައްކަލެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އެމެރިކާއާއި އިޒްރޭލުން ޒަމާނުއްސުރެ ތުހުމަތުކުރި ނަމަވެސް، އީރާނުން އަބަދުވެސް އެކަން ދޮގުކުރެ އެވެ. ވޭތުވެދިޔަ ފެބުރުއަރީ މަހު އިޒްރޭލާ ގުޅިގެން އީރާނަށް ވައިގެ ހަމަލާތަކެއް ދިނުމުގައި ޓްރަމްޕް ދެއްކެވި މައިގަނޑު ސަބަބަކީވެސް އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ހަލާކުކޮށްލުމެވެ.

އިޒްރޭލުގެ ދެ އޮފިޝަލަކު ހާމަކުރި ގޮތުގައި، އީރާނުން އަސްކަރީ ގާބިލުކަން އިތުރުކުރަމުންދާ ކަމަށާއި، ކެމިކަލް ހަތިޔާރު ތަރައްގީކުރަމުންދާ ކަމަށް ބުނާ ޖާސޫސީ މައުލޫމާތުތަކެއް އިޒްރޭލުން ފާއިތުވި ދެ ހަފްތާ ތެރޭގައި ވަނީ އެމެރިކާއާ ހިއްސާކޮށްފަ އެވެ. އަދި އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ ވެރިޔާ ރޯމަން ގޮފްމަން ދާދިފަހުން އެމެރިކާއަށް ޒިޔާރަތްކުރައްވައި، އަނެއްކާވެސް ދެ ގައުމު ގުޅިގެން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް ބާރުއަޅުއްވާފައިވާ ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.