ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ވެސް ނުވަނީސް، އެ ޕާޓީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ލައްކައަކަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހިސާބުތަކުން ދައްކައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން، ރޭ 10:37 ގެ ނިޔަލަށް ޕީއެންސީގައި ތިބީ 100،083 މެންބަރުންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި 74،048 މެންބަރުން ތިބިއިރު، މިއީ 26،035 މެންބަރުންގެ އިތުރުވުމެކެވެ. ނަމަވެސް، އީސީގެ އެންމެ ފަހުގެ ހިސާބުތައް މިހާރު ދައްކާ ގޮތުން ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ އަނެއްކާވެސް އެއްލައްކައަށްވުރެ ދަށަށް ވެއްޓިފަ އެވެ. މިހާރު ދައްކާ ގޮތުން އެ ޕާޓީގައި ތިބީ 99،930 މެންބަރުންނެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ކުއްލިއަކަށް އިތުރުވެ، އަދި އެއަށްފަހު އަދަދު ދަށަށް ގޮސްފައި މިވަނީ، ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން އެ ޕާޓީއަށް މެންބަރުން ވައްދަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށެވެ. މީގެއިތުރުން، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން، ޕީއެންސީއަށް ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކައިގެން މެންބަރުން ހަމަކުރި ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.