ރައީސުލްޖުމްހޫރިއްޔާ އްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައިވާގޮތުން މިއީ ދެކުނު އޭޝިޔާއާއި އިރުދެކުނު އޭޝިޔާގެ ގައުމުތަކާއެކު ބަންގްލަދޭޝުން ބާއްވާ ޚާރިޖީ އަދި އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ އިތުރުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ޑާކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 7 ޑިސެމްބަރު ގަ އެވެ. މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ބަންގްލަދޭޝަށް ވަޑައިގަންނަވާނީ 13 ޑިސެމްބަރު ގަ އެވެ. އެމަނިކުފާނުގެ ދަތުރުފުޅު ތިން ދުވަހަށް ދެމިގެންދާނެ އެވެ.

ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން މެލޭޝިޔާގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާތީ، އެ ގައުމުތަކާއެކު އޮންނަ މަތީ ފަންތީގެ ގުޅުމަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް މުހިންމު ކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށް ވުރެ ގިނަ މަސައްކަތްތެރިން އުޅެމުންދާއިރު، ރާއްޖެއާއެކު އޮންނަ މަޝްވަރާތަކުގައި މަސައްކަތްތެރިންގެ ކަންކަމަށާއި ސަރަހާއްދީ ހަމަޖެހުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.