ކޮވިޑް-19ގެ ސަބަބުން ބޭންކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކުރި ނަމަވެސް، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް ދިވެހި ބޭންކް އޮންނާނީ ދިވެހިންނާއެކު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.
މިއަދު އޮންލައިންކޮށް ބޭއްވުނު ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާ އާއި ކޮވިޑްގެ ބަލިމަޑުކަމަށް ބޭންކުގެ އަވަސް އިޖާބައާ ގުޅޭ ގޮތުން އެ ބޭންކްގެ ސީއީއޯ ޓިމް ވަނީ، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް ދިވެހި ބޭންކް އޮންނާނީ ދިވެހިންނާއެކުގައިކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ދެއްވާފަ އެވެ.
"މިދިޔަ އަހަރު ހަރުދަނާ ނަތީޖާއެއް ހޯދުނުކަމުގައިވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އަޅުގަނޑުމެންނަށް މިއަދު މިވަނީ ވަރަށް ނޭދެވޭ އަސަރުކޮށްފަ. ކުރިން އަންދާޒާ ނުކުރެވޭ މިފަދަ ބޮޑު ލޮޅުމެއް ވިޔަފާރިތަކަށް ލިބިގެންދިޔުމާއެކު ބޭންކުގެ އާމްދަނީއަށް މިވަނީ ވަރަށް ބޮޑު އަސަރެއްކޮށްފަ. އަދި 2019 ވަނަ އަހަރު ހޯދި ކާމިޔާބީ ދެމެހެއްޓެމުން ނުދާކަން ފާހަގަކުރަން،" ޓިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ހޯދާފައިވާ ފައިދާ އާއި ބޭންކުގެ ރައުސުލްމާލު ހަރުދަނާ މިންގަނޑެއްގައި ހިފެހެއްޓިފައިވާތީ ކޮވިޑްގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުއްވާލަމުން ޓިމް ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެއް ކަމުގައި އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. އެގޮތުން، ބޭންކުގެ ހިންގުމުގެ ފައިދާ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 9 ޕަސެންޓް އިތުރުވެ، 1.7 ބިލިއަނަށް އަރާފައިވާ ކަމަށާއި، ކުރިންވެސް ލަފާ ކުރެވުނު ފަދައިން ޓެކްސްއަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ 5 ޕަސެންޓް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ދަށްވެފައިވަނީ ޕްރޮވިޝަން ޗާޖު އިތުރުވުމުގެ ސަބަބުން. ބޭންކުގެ ޖުމްލަ އެސެޓްސްްއަށް ވަނީ 3.3 ބިލިއަން އިތުރުވެފަ. މިއީ 14 ޕަސެންޓްގެ ކުރިއެރުމެއް. ބޭންކުގެ ރައުސުލްމާލު މިވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ. މިގޮތުން ރައުސުލްމާލުގެ ފުދުންތެރިކަންހުރީ 40 ޕަސެންޓަށް ވުރެ މަތީގަ. މިއީ ގާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ މަތީ އަދަދެއް. މިދިޔަ އަހަރުގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފަހްރުވެރިކަމާއެކު ފާހަގަކޮށްލާނީ 15,000 އަށް ވުރެ ގިނަ ކަސްޓަމަރުން 2019 ވަނަ އަހަރު ބޭންކާ ގުޅިފައިވާކަން،" އޭނާ ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ބޭނުންވާ ބިޒްނަސް އެޑްވައިޒަރީ ހިދުމަތްދިނުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެކިކަންކަމަށް ހައްލު ހޯދައިދިނުމުގެ މަގްސަދުގައި އައްޑޫ، މާލެ އަދި ހުޅުމާލޭގައި މިދިޔަ އަހަރު މިވަނީ ބިޒްނަސް ސެންޓަރުތައް ގާއިމްކޮށްފަ އެވެ. މިދިޔަ އަހަރު ބޭންކުން ވަނީ މާސްޓަކާޑް އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑެއް ތައާރާފްކޮށްފައެވެ.
މީގެ އިތުރުން، އީކޮމާސް ޕްލެޓްފޯމްތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕޭމަންޓް ގޭޓްވޭ ހިދުމަތަށް ނަގާ ފީ އަށްވެސް ވަނީ ރަނގަޅު ބަދަލުތަކެއް ގެނެވިފަ އެވެ.
ހަމަ އެއާއިއެކު، 2019 ވަނަ އަހަރު އިސްލާމިކް ބޭންކިން ފުޅާކުރުމުގެ ގޮތުން މާލޭގައި ބީއެމްއެލް އިސްލާމިކްގެ އާ ހެޑް ކުއާޓަރެއް ވަނީ ހުޅުވާފަ އެވެ. އަލަށް ތައާރަފްކުރެވުނު ޕްރޮޑަކްޓްތަކާއެކު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފަ އެވެ.
2019 ވަނަ އަހަރުވެގެން ގޮސްފައިވަނީ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްނޮލޮޖީއަށް ބޮޑު އިންވެސްޓެއް ކުރެވިގެންދިޔަ އަހަރަކަށެވެ. އެގޮތުން، މާޗަންޓް ޕޯޓަލް އާއި މޮބައިލް ޕޮއިންޓް އޮފް ސޭލް ސޮލިއުޝަން ތައާރަފްކުރެވުނީ ސްމާޓް ފޯނެއް ބޭނުންކޮށްގެން ވިޔަފާރިތަކަށް ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭނޭ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ. އަދި ކިޔުއާރް ކޯޑް ޕޭމަންޓް ތައާރަފްކުރެވިގެން ދިޔައިރު ޕީއޯއެސް ވިއުގަ ތަރައްގީކޮށް، ޕީއޯއެސް ޓާމިނަލްތަކުން ހުރިހާ ވައްތަރެއްގެ ކޮންޓެކްޓްލެސް ޕޭމަންޓް ބަލައިގަނެވޭ ގޮތްވެސް ވަނީ ހަމަޖައްސާފަ އެވެ.
ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުނު 140 ސީއެސްއާރު ހަރަކާތަކަށް ބޭންކުންވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ 10 ސްކޫލެއްގައި އެފަދަ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމުގެ އިތުރުން ހިންގާ ކްލާސް ރޫމްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެގޮތުން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާ ކުރެވުނެވެ.
ބޭންކުން ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން ޓިމް ވިދާޅުވީ، ފާއިތުވެގެން މިދިޔަ މަސްތަކުގައި މި ބަލިމަޑުކަމާ ގުޅިގެން ކްރެޑިޓް ރިސްކް މެނޭޖްކުރުމަށާއި ކަސްޓަމަރުންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން އެކި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެގޮތުން، ޑޮލަރު ލިކިއުޑިޓީ އަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަށްވާއިރު، ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ގުޅިގެން ފަންޑިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓިމް ވިދާޅުވީ، މިނިސްޓްރީ އޮފް ފައިނޭންސް މެދުވެރިކޮށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ޔޫއެސް ޑޮލަރުގެ ފެސިލިޓީއެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާދި ފަހުން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ބޭންކަށް 50 މިލިއަން ޑޮލަރާ ހަމައަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މި ދެ ފެސިލިޓީއިން މިފަދަ ދަނޑިވަޅެއްގައި ރިސޯޓްތަކާއި ކުދިވިޔަފާރިތަކުގެ ހިންގުމަށް ބޭނުންވާ ޔޫއެސް ޑޮަލަރު ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ ލިކިއުޑިޓީ ހިފެހެއްޓުމުގެ ގޮތުން ބޭންކަށްވެސް އުނދަގޫ ނިންމުތަކެއް ނިންމައި، އެ ވަގުތަކަށް ލިބެންހުރި ޑޮލަރުގެ މިންވަރަކަށް ބަލައި ރާއްޖެއަށް އަސާސީ މުދާ ގެނައުމަށާއި މުހިންމު ޓީޓީތައް ހެދުމަށް އިސްކަންދެވޭނެ،" ޓިމް ވިދާޅުވި އެވެ.
އެމްއެމްއޭ އިންވެސް މިކަމަށް އިޝާރާތްކޮށް، ދާދި ފަހުން އެ އިދާރާއިން ޝާއިއުކުރި ކުއާޓަލީ ބުލެޓިންގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގައި މިވަގުތު ހުރި ޑޮލަރުގެ ރިޒާވް ބޭނުންކުރާނީ ރައްޔިތުންގެ އެންމެ އަސާސީ ކަންކަމަށް ހޭދަކުރުމަށް ކަމަށެވެ.
ޓިމްގެ ހިތާބު ނިންމާލަމުން ވަނީ މުވައްޒަފުންނަށް ހާއްސަކޮށް ޝުކުރުއަދާކޮށްފަ އެވެ.
"މިދިޔަ އަހަރު ބުރަ މަސައްކަތްތަކެއް ކުރި އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. އަދި މިހޯދުނު ނަތީޖާ އާ މެދު ތިޔަ މުވައްޒަފުން ފަޚްރުވެރިވުން ހައްގު. މިފަދަ ތަފާތު ހާލަތެއްގައިވެސް މިއަހަރު ތެރޭ ކުރެވިގެން ދިޔަ ގިނަގުނަ މަސައްކަތްތައް ބަލާއިރު ދައްކުވައިދެނީ މި ޓީމުން މަސައްކަތަށްދޭ އަހަމިއްޔަތުކަމާއި ޝައުގުވެރިކަން. ދިވެހިންގެ ބޭންކުގެ ގޮތުގައި މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ކަސްޓަމަރުންނަށް ހިދުމަތްފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. އަދި ކުރިއަށް އޮތްތާނގައިވެސް ކަސްޓަމރުންނަށް އެހީތެރިވެވޭނެ އިތުރު ގޮތްތައް ހޯދައި އެހީތެރިކަންފޯރުކޮށްދޭނަން. ކޮންމެފަދަ ހާލަތެއްގައިވެސް ބޭންކް އޮފް މޯލްޑިވްސް ދެމި އޮންނާނީ ދިވެހި ރައްޔިތުންނާއެކު،" އޭނާ ވިދާޅުވި އެވެ.