ބޮލީވުޑްގެ ޒުވާން އެކްޓްރެސް އެއް ކަމަށްވާ ސާރާ އަލީ ޚާން އަށް މިފަހަކަށް އައިސް ވަނީ އިމްތިއާޒް އަލީގެ "ލަވް އާޖް ކަލް 2"ގެ ޓްރެއިލާގައި އޭނާ ދައްކާފައިވާ އެކްޓިން އަކީ އޯވާ އެކްޓިން ކަމަށް ބުނެ އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

އެފާޑުކިޔުންތަކަށް ޖަވާބު ދެމުން ސާރާ ބުނީ އޭނާ ފަލަވެގެން ނުވަތަ ހެދުން އަޅާ ގޮތުން ފާޑުކިޔުންތައް އަމާޒުވި ކަމުގައި ވިޔަސް މާބޮޑަށް އަޅާނުލާ ކަމަށާއި ނަމަވެސް ފިލްމީ މަސައްކަތްތަކާ ގުޅުވައިގެން ފާޑުކިޔަމުން ދާތީ ދެރަވެ އެވެ.

ސާރާ އިތުރަށް ބުނީ ޝޫޓިން ކުރިއަށް ދިޔައިރު ވީޑިއޯތައް ނުފެންނަ ކަމަށާއި އެހެންކަމުން މަސައްކަތުގެ ފެންވަރު ބަލާލަން ނުލިބޭ ކަމަށެވެ. އަދި ގިނަ ބަޔަކު އުއްމީދު ކުރަނީ އެކްޓްރެސްއެއް ރޯއިރު ވިޔަސް ރީތިކޮށް ހުންނަން ކަމަށް ވެސް އޭނާ ބުނެ އެވެ.

ކާތިކް އާރްޔަން އާއެކު މައި ރޯލުން ސާރާ ފެނިގެންދާ ލަވް އާޖް ކަލް ރިލީޒް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ ފިލްމަށް ވަނީ ތަފާތު ރިވިއުސް ލިބިފަ އެވެ.

ސާރާ މިހާރު ތައްޔާރު ވަމުން އަންނަނީ އަކްޝޭ ކުމާރް އަދި ތަމިލް އިންޑަސްޓްރީގެ ސުޕާސްޓާ ދަނުޝް އާއެކު ލީޑް ރޯލުން ފެނިގެންދާނެ "އަތުރަންގީ ރޭ" އަށް ތައްޔާރު ވަމުންނެވެ.