ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ގާނޫނީ ފަންނުގެ ޤާނޫނާއި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދާއި ޚިލާފަށް ބޭނުންކޮށްފައި ވާތީ ދެ ގާނޫނީ ވަކީލަކަށް ފިޔަވަޅު އަޅައިފި އެވެ.

ބާ ކައުންސިލުން ފިޔަވަޅު އަޅާފައި ވަނީ ގާނޫނީ ވަކީލު މެހެނާޒް ހުސައިން އާއި ޒުންނަވާރު ސަލީމް އަށެވެ. މި ދެ ވަކީލުން ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު މެހެނާޒް ޙުސައިންގެ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަށް ހިފެހެއްޓުމަށްވެސް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެއް ނޯޓަރައިޒްކުރުމަށްޓަކައި މެހެނާޒް ހުސައިން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ބާ ކައުންސިލުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދީފައިނުވާ ފަރާތެއް ކަމުގައިވާ ޒުންނަވާރު ސަލީމްއަށް ދީފައިވާ ކަމަށެވެ.

އޭނާ ޖޫރިމަނާކޮށް ސަސްޕެންޑް ކުރުމުގައި އިތުރަށް ބެލި ކަންކަމުގެ ތެރޭގައި ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޤާނޫނީ ވަކީލަކީ ނޯޓަރީގެ ޚިދުމަތް ލިބިގަންނަ ފަރާތުގެ ޤާނޫނީ ވަކީލަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު އެ އުސޫލާ ޚިލާފަށް މެހެނާޒް ޙުސައިން ޢަމަލުކޮށްފައިވުން ވެސް ބާކައުންސިލުން ފާހަގަ ކުރެއެވެ.

މީގެ އިތުރުން ނޯޓަރައިޒްކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މަޢުލޫމާތު ބަލަހައްޓާފައިނުވާތީ އާއި، އަދި ބާ ކައުންސިލުން މެހެނާޒް ޙުސައިން އަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ޚިދުމަތް ފޯރުކޮށްދީފައިވެސް ވާކަމަށް ވެސް ބާކައުންސިލުން ބުންޏެވެ.

މެހެނާޒް ޙުސައިން އާއި ޒުންނަވާރު ސަލީމް ހިންގާފައިވާ ޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ޤާނޫނީ ވަކީލުން ޢަމަލުކުރަން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު، ޢާންމު މުޖުތަމަޢުގެ މެދުގައި ޤާނޫނީ ވަކީލުންނާއި ޤާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިތުބާރު ގެއްލޭ ފަދަ އަދި ނަޒާހަތްތެރިވުމުގެ އުސޫލާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، މި މައްސަލަތައް ކަމާބެހޭ އިޖުރާޢަތުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިވާ ކަމަށް ބާކައުންސިލުން ބުނެ އެވެ.

ޕަބްލިކް ނޯޓަރީއެއްގެ މަސައްކަތަކީ ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދީ، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމެވެ.