ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން އޮންނަ ޓްރާންސްޕޯޓް އޮތޯރިޓީން ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ލަސްވެ، ދިގުލައިގެންދާތީ ގިނަ ބަޔަކު އަބަދުވެސް ޝަކުވާކުރެ އެވެ. ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވޭތީ ކުރާ ޝަކުވާ ވެސް މަދެއް ނޫނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހިދުމަތްތައް ދިނުމުގައި ލަސްތަކެއް އުޅޭކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. ނަމަވެސް މިފަހަކަށް އައިސް އެކަންތައްތައް އިންތިހާއަށް ބޮއްސުންލައި ކޮރަޕްޝަންގެ ތެރެއިން ނޫން ގޮތަށް އެއްވެސް ކަމެއް ނުހިނގާ ކަމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާ ބެހޭ ގޮތުން ޝަކުވާ ކުރަމުން "ހުރިހާ" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ކާރު ރަޖިސްޓްރީ ކުރުމަށް މިއަހަރުގެ ޖެނުއަރީ މަހު ލައިގެން އުޅޭތާ ފަސް މަސް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކާރު ރަޖިސްޓްރީ ނުވާތީ އޭނާއަށް ގިނަ ގެއްލުތަކެއް ވަމުން އަންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.

"އަޅުގަނޑު ކާރު މިގަތީ އިސްލާމިކް ބޭންކް މެދުވެރިކޮށް، ކާރު ރަޖިސްޓްރީ ވީމާ ބޭންކު މިދެނީ ޕޭމަންޓް. މިކަމުގެ ސަބަބުން ކާރުގެ ޕޭމަންޓް އަދިވެސް ދެކޭ ގޮތެއް ނުވޭ،" އޭނާ ބުންޏެވެ.

މާލޭގެ މަގުމަތީގައި ދެ ޓެކްސީއެއް މަޑުކޮށްލައިގެން .

ޓްރާންސްޕޯޓް އޮތޯރިޓީގައި ވެހިކަލް ރަޖިސްޓްރީކުރުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ރައީސް ސޯލިހު ވެސް ވަނީ އެއްބަސްވެފަ އެވެ. އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި ނަމަވެސް އެކަމަށް ހައްލެއް ލިބޭނެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

މިދުވަސް ވަރަކީ މާލެ ސަރަހައްދުގައި ކޮވިޑް ހާލަތު އިތުރަސް ގޯސްވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ އެހެން މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫއަރާފައި ނުވާއިރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އާންމު ހާލަތްތަކުގައި ވެސް އެ މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްވާވާއިރު، މިދުވަސްވަރު އެތަނުގެ ހިދުމަތްތައް ވަރަށް ބޮޑަށް ވަނީ ލަސްވެފަ އެވެ. އެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ހޮޓްލައިން ނަންބަރަކަށް ދީފައިވާ ނަންބަރުތައް ކަމަށްވާ 7212728 އަދި 3343434 އާ ގުޅުމުން ވެސް ފޯނު ނުނަގާ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ.

އޮންލައިންކޮށް ހިދުމަތަށް އެދުނު ކަމުގައިވިއަސް ހިދުމަތްތައް ދިނުމުގައި ވަނީ އެއޮތޯރިޓީ ވަނީ ނުކުޅެދިފަ އެވެ. ކޮރަންޕްޝަންގެ ހާއްޔަކަށް ވެފައިވާ އެ އޮތޯރިޓީން ވެހިކަލް ރަޖިސްޓްރީކުރުމަށް 2،000 ރުފިޔާއިން މަތިން އެތަނުގެ މުވައްޒަފުންނާއި އިސްވެރިން ފައިސާ އަތުލާ ކަމަށް އަބަދުވެސް ވާހަކަދެކެވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޓީވީއަކަށް އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: ޓްރާންސްޕޯޓް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ލަސްވުމުގެ ޝަކުވާތަކާއެކު އެތަނުގައި ސިޔާސީ ކޯޅުން ބޮޑުވެ، މުވައްޒަފުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން އެކި ޚިދުމަތްތަކުގައި ކޮރަޕްޝަން ހިންގާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޚިދުމަތް ދިނުމުގެ ސްޕީޑް ލަސްކަމަށް އަބަދުވެސް ބުނާ ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ނިޒާމްތައް ގާއިމްކުރަމުން އަންނަ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް އެ މިނިސްޓްރީ ކައިރީގައި ވަނީ ގިނަ މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.

މައްސަލަ ބޮޑު ޓްރާންސްޕޯޓް އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ކޯޅުންތައް ބޮޑު އެންމެ ފަހުން އޮތޯރިޓީ އުވާލުމުގެ ބިލެއް ސަރުކާރުން ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އެ އޮތޯރިޓީން އުވާލަން މިނިސްޓަރު ނަހުލާ ބޭނުންފުޅުވާ އެންމެ ބޮޑު ސަބަބަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށާއި އޮތޯރިޓީގެ މަސައްކަތްތަކަށް ސީދާ ނުފޫޒު ފޯރުވުމުގެ ބާރު ނެތުމުން މިނިސްޓްރީގެ ދަށަށް އެތަނުގެ މަސައްކަތްތައް ޖަމާކުރުމަށް ކަމަށް ވެސް އެތަނުގެ އިސްވެރިން ތުހުމަތުކުރެ އެވެ.