ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި އަލަށް މީހުން އާބާދު ކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާފައިވާ ފަސް ބްރިޖުގެ ތެރެއިން އެއް ބްރިޖު މާދަމާ ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.

އެޗްޑީސީން އާންމުންނަށް ހުޅުވާލަން ނިންމާފައި ވަނީ ނިރޮޅުމަގާ ގުޅިފައިވާ ބްރިޖެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ދެ ވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާންމު ފަރާތްތަކުން ދިރިއުޅެން ފަށާފައިވުމާ ގުޅިގެން އެ މީހުންނަށް އަރައި ފޭބުމަށް ދިމާވާ ދަތިތަކާ ގުޅިގެން މާދަމާ އިން ފެށިގެން ނިރޮޅުމަގާ ގުޅިފައިވާ ބްރިޖު ހުޅުވާލާނެ ކަމަށެވެ.

އެކަމަކު، އެޗްޑީސީން އާންމުންނަށް ވަދެ ނުކުމެ ހެދުމަށް ހަމައެކަނި ހުއްދަ ދީފައި އަދި އޮތީ، ގޯތިތައް ހުންނަ ސަރަހައްދާއި ގޮނޑުދޮށް ކައިރިއަށެވެ.

އެޗްޑީސީގެ އިއުލާންގައި ވަނީ މިގޮތަށް ހުއްދަ ލިބުނު ކަމުގައި ވިޔަސް، ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ އެހެން ސަރަހައްދުތަކަށް އެޗްޑީސީގެ ހުއްދަ ނެތި އާންމުން ވަދެ ނުކުމެ އުޅުމާއި އަރައި ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ބޭނުން ކުރާ ފަރާތްތަކުން އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ވެސް އެޗްޑީސީގެ އިއުލާންގައި އެދިފައިވެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖްގެ މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައެވެ.

ބްރިޖްތައް ނިންމަން ހަވާލުކޮށްފައި ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 7،000 ފްލެޓް އެޅުމުގެ މަސައްކަތާ ހަވާލުވި ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ)އާއެވެ. މިއީ، އެ ކުންފުނިން ހިންގާ ބޮޑު އެއް މަޝްރޫއެވެ. މި ބްރިޖްތައް ހަދަނީ ސައުދީ ފަންޑުން ދިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯނު އެހީގެ ދަށުންނެވެ.

ހުޅުމާލޭގައި ހަދަމުން އަންނަ ބްރިޖުގެ ތެރެއިން ހަތަރު ބްރިޖު ގުޅިފައި ވަނީ، ފުރަތަމަ ފިޔަވަހީގެ ބޮޑު ހަތަރު މަގާއެވެ. ފަސް ވަނަ ބްރިޖެއް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަކިން އޮންނަ ޓޫރިޒަމް ޒޯނު ސަރަހައްދާއި، ދެ ވަނަ ފިޔަވަހީގެ އަނެއް ބައި ގުޅުވައިދޭށެވެ.