ގާހިރާ (30 މެއި) - އިޒްރޭލާއި ޣައްޒާގެ މަސްރަހު ފިނިކޮށް ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ގަބީ އަޝްކެނާޒީ މިސްރުގެ ގާހިރާއަށް ވަޑައިގެންފި އެވެ.

މިސްރުގެ ދަތުރުފުޅާ ބެހޭ ގޮތުނު ކުރެއްވެވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އެއީ 13 އަހަރަށްފަހު އިޒުރޭލުގެ ޚާރިޖީ ވަޒީރަކު މިސްރަށް ވަޑައިގަތް ފުރަތަމަ ފަހަރު ކަމަށެވެ.

"ހަމާސް އާއެކު ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ވެ، ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީއާއެކު ޣައްޒާ އަލުން އާރާސްތުކޮށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވޭނެ،" އަޝްކެނާޒީ ޓުވީޓްގައި ވިދާޅުވި އެވެ.

މިސްރަކީ، ފާއިތުވި ރޯދަމަހު އިޒްރޭލާއި ޣައްޒާގެ ހަމާސް ޖަމާއަތާ ދެމެދު ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓުވަން ވެވުނު ސުލްހައިގެ އެއްބަސްވުމުގައި އިސް ދައުރެއް އަދާކުރި އެއްގައުމެވެ.

އެ ގައުމުގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވުމަށް ހަމާސްގެ ލީޑަރު އިސްމާއީލް ހަނީޔާ ވެސް މިސްރަށް ވަޑައިގަންނަވާނެ އެވެ.

ހަމަ އެއާއެކު މައްސަލަ އިތުރަށް ބެލުމަށްޓަކައި މިސްރުގެ އިންޓަލިޖެންސްގެ ވެރިޔާ އިސްވެ ހުންނަވައި އެ ގައުމުގެ ވަފުދެއް އިޒްރޭލާއި ޣައްޒާ އަދި ހުޅަނގު އައްސޭރިއަށް ޒިޔާރަތްކުރުމަށް ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ވަނީ އަމުރު ނެރުއްވާފަ އެވެ.

މި ޒިއާރަތުގައި ބައިބައިވެފައިވާ ހަމާސް އަދި ފަތަހަ ޖަމާއަތާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ވެސް މަސައްކަތް ކުރެވޭނެ އެވެ.

އެގާރަ ދުވަހަށް ދެމިގެން ދިޔަ ކުރިމަތިލުންތަކުގައި ފަލަސްތީނުގެ 254 އާއްމުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެ އެވެ. ހަމަލާތަކުގައި އިޒްރޭލުން މަރުވެފައި ވަނީ 13 މީހެކެވެ. – ސްޓްރެއިޓް ޓައިމްސް