ކޮވިޑް ހާލަތާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތުތަކުގައި ހުއްދަ ނުހޯދާ މާލޭ މަގުތަކުގައި އުޅޭ ވޯކް ވިސާ ނެތް ބިދޭސީންނާއި މެދުގައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ.
ވޯކް ވިސާ ނެތް ބިދޭސީ އެވަގުތުތަކުގައި ބޭރުގައި އުޅޭ ނަމަ އެފަރާތްތައް ހިފަހައްޓައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މީހުން މާލެ އިން ހުޅުމާލެ އަށް ގެންދިއުމުގެ މަސައްކަތް ކޮށްދެނީ އެމްޕީއެލް އިންނެވެ.
އިމިގްރޭޝަން އިން ބުނީ ވޯކް ވިސާ ނެތް ފަރާތްތަކާއި ކާފިއު ވަގުތު ހުއްދައާއި ނުލައި މަގުމަތީގައި އުޅޭ ބިދޭސީން ޑިޓެންޝަނަށް ގެންދިޔުމަށްފަހު އެފަރާތްތައް ޑީޕޯޓުކޮށްލުމުގެ މަސައްކަތް އެއޮންނަ އެސޫލުން ކުރިޔަށް ދާނެ ކަމަށެވެ.
ގަވާއިދަށް ނުފެތޭ ބިދޭސީން ރަޖިސްޓަރީވުމަށް އިކޮނޮމިކް މިނިސްޓްރީން ސެޕްޓެމްބަރު 2019 ގައި ހުޅުވައިލި ފުރުސަތުގައި 40،000 ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވެ އެވެ.
އެމްބަސީތައް މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދައިގެން ވަޒީފާ ހޯދައިދިނުމުގެ މަސައްކަތާއި އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް އިކޮނޮމިކް މިނިސްޓްރީން ދިނެވެ. މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ގޯސްވި ދުވަސްވަރު، ދައުލަތުގެ ހަރަދުގައި އޭގެ ތެރެއިން ވަރަށް ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ވެސް ފޮނުވާލައިފަ އެވެ.