ހިޔާ ފްލެޓުގެ އަގަކީ މަހަކު 7،500 ކަމަށް ކަނޑައެޅުމުން ވަރަށް ގިނަ ފަރާތްތަކުން ދެއްކި އެއް މިސާލަކީ މިހާރު ހުޅުމާލޭގައި ހުރި ފްލެޓު ތަކުގެ ވާހަކަ އެވެ. "3 ކޮޓަރި ތަންތަން 6،000 ރުފިޔާއަށް، ދެން ކީއްވެ ހިޔާ ފްލެޓު 7،500 އަށް އަރަން ވީ" ވަރަށް ގިނަ މީހުން ސުވާލުކުރިއެވެ. ވީމާ މިވަނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ކިޔައި ދެވޭތޯ މަސައްކަތް ކުރާނަމޭ އަޅުގަނޑު ހިތަށް އެރި އެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމާއި ސަބްސިޑީ

އިޖްތިމާއީ ބޯހިޔާވަހިކަމަކީ ކޮބާ؟ އާންމުކޮށް ކިޔާތީ އިވޭ އަޑަކީ "ސޯޝަލް ހައުސިން" އެވެ. ބައެއް ފަރާތްތަކުން ރާއްޖޭގައި ސޯޝަލް އަހުސިން މިކިޔާ ފްލެޓު ތަކަކީ އަސްލު ސޯޝަލް އަހުސިން ނޫންކަމަށް، އެއީ އެފޯޑަބުލް ހައުސިން ކަމަށް ވަކާލާތު ކުރެެވެ. އަޅުގަނޑަކީވެސް އެ ވިސްނުމުގެ މީހެކީމެވެ. އެހެނަސް އެބަހުސް މި ލިޔުމުގައި ނުކޮށް އާންމުކޮށް ދިވެހިން ބޭނުން ކުރާ އުސޫލުން މިލިޔުމުގައި މިފަދަ ބޯހިޔާވަހިކަމަށް ބޭނުން ކުރާނީ އިޖްތިމާއީ ބޯހިޔާވަހިކަން ނުވަތަ ސޯޝަލް ހައުސިން އެވެ.

ފްލެޓުތައް އަޅަނީ ލޯނެއް ނަގައިގެނެވެ. އެއީ އަމިއްލަ ވިޔަފާރިވެރިން ހިންގާ މަޝްރޫއެއް ވިޔަސް އަދި ސަރުކާރުން ހިންގާ މަޝްރޫއެއް ވިޔަސްވެސް މެ އެވެ. އަމިއްލަ ވިޔަފާރި ކުންފުންޏަކުން އަޅާ ފްލެޓުތަކުގެ އަގު ބިނާވެގެން ވަނީ ލޯނާއި އެ ކުންފުނިން ނަގާ ފައިދާގެ މައްޗަށެވެ. ސަރުކާރުން އަޅާ ތަނެއްގެ ލޯނު ދެއްކުމުގައި އެ ފްލެޓު ލިބޭ އާންމުންނަށް އެކަނި ބަރޯސާ ނުވެ ސަރުކާރުގެ އެހީ ނުވަތަ "ސަބްސިޑީ" އާއި އެކު އެ ލޯނު ދެއްކުމުން އެ މަޝްރޫއުއެއް މިވަނީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށެވެ. މިސާލަކަށް މިކަމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ސިންގަޕޫރަށް ބަލާލަމާ ހިނގާށެވެ.

މަތީގައިވާ ތާވަލުން ފެންނަނީ 88/87 ގައި ސިންގަޕޫރުގެ އެޗްޑީބީއިން ހިންގި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތަފްސީލް ތަކެވެ. ލޯނު ދެއްކުމަށް ސަރުކާރުން ދޭ ސަބްސިޑީ އުޅެނީ 40 އާއި 50 އިންސައްތައިގަ އެވެ. މާނައަކީ ފްލެޓެއްގެ އަގުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދައްކަނީ ސަރުކާރުންނެވެ. ފްލެޓު ލިބޭ ނިކަމެތި މީހާ ދައްކަން ޖެހެނީ އަސްލު އަގުގެ ބައެކެވެ. ނަތީޖާއެއްގެ ގޮތުން އެންމެ އަގުހެޔޮ 750،964 ރުފިޔާގެ ގެ ފްލެޓަކަށް ފްލެޓު ލިބޭ މީހާ ދައްކަން ޖެހެނީ 355،680 ރުފިޔާ އެވެ. އެންމެ އަގުބޮޑު 2.2 މިލިއަން ރުފިޔާގެ ފްލެޓަކަށް ފްލެޓު ލިބޭ މީހާ ދައްކަން ޖެހެނީ 1.2 މިލިއަން ރުފިޔާ އެވެ. މިއީ ދުނިޔޭގައި މިކަމުގައި އެންމެ ކުރިއަރާފައިވާ ގައުމުން އިޖްތިމާއީ ބޯހިޔާވަހިކަމުގެ ލޯނުތައް އެންމެ ފުރަތަމަ ސަބްސިޑައިޒް ކުރިވަރެވެ.

ކޮންމެ ފަރާތަކުން (ސަރުކާރު ނުވަތަ ސަރުކާރު ކުންފުންޏަކުން) ލޯނު ނެގިއަސް އެ ލޯނު ދެއްކުމުގައި ސަރުކާރުން އެހީވާނަމަ އެއީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. ސަރުކާރުން ދޭ އެހީ ބޮޑުވިވަރަކަށް އާންމު މީހާ ނުވަތަ ފްލެޓު ލިބޭ މީހާ ދައްކަން ޖެހޭވަރު ކުޑަ ވާނެ އެވެ.

ރާއްޖޭގައި މިހާތަނަށް ހެދިފައި ހުރި ގިނަ ބޯހިޔާ ވަހިކަމުގެ މަޝްރޫތަކުގެ ލޯނަކީ ސީދާ ސަރުކާރުން ނަގާފައި ހުރި ލޯނު ތަކެކެވެ. މިސާލަކަށް ހުޅުމާލެއިން މިހާރު ފެންނަ 1،000 ފްލެޓު އަދި 7،00 ފްލެޓުގެ މަޝްރޫއުއަކީ ސަރުކާރުން ލޯނު ނަގައިގެން ހެދި ތަންތަނެވެ. އެލޯނުގެ ލާރި ދައްކަނީ ސަރުކާރުންނެވެ. މީހުން އަތުން މަހު ކުއްޔަށް ނަގާވަރު ކުޑަ ވަނީ އެހެންވެގެނެވެ.

އާންމު އުސޫލަކުން ބަލާނަމަ މީހުން އަތުން އެޗްޑީސީ ނަގާ ލާރި ކޮޅު ސަރުކާރަށް ދިނީމައި، މަދުވާބައި ސަރުކާރުން ލާފައި ލޯނުގެ ޖުމްލަ ދައްކަމުން ދަނީ އެވެ. އެހެނަަސް މި ދެ މަޝްރޫގައި އެގޮތަށް ވެސް ނަހަދަ އެވެ. ސަރުކާރުން ލޯނު ދައްކަމުން، ކުލީގެ ގޮތުގައި އެޗްޑީސީ އަށް ލިބޭ ލާރިން އެހެން ކަންކަން ކުރަން ވަނީ ހަވާލު ކޮށްފަ އެވެ. މިސާލަކަށް އެޗްޑީސީ އިން ހުޅުމާލޭގައި ބިނާކުރި ރެހެންދި ސްކޫލު އެއީ އެ ލާރިން ހަދާފައިވާ ތަނެކެވެ. ކުރުކޮށް ދަންނަވާ ނަމަ، ސަރުކާރުން ލޯނު ދައްކާތީ ލޯނަށްވާ ލާރި ފްލެޓުގައި ތިބި މީހުން އަތުން ހޯދަން އެޗްޑީސީ އުޅޭކަށް ނުޖެހެ އެވެ. ލޯނާމެދު އެޗްޑީސީ އިން ކަންބޮޑުވާކަށް ނުޖެހެ އެވެ.

ހިޔާ ފްލެޓަށް ވެގެން އުޅެނީ ކިހިނެއް؟

ހިޔާ ފްލެޓުގެ ލޯނު ނެގީ އެޗްޑީސީންނެވެ. ވީމާ ލޯނު ދައްކަން ޖެހޭނީ ވެސް އެޗްޑީސީންނެވެ. މައްސަަލަ ދިމާވެގެން މިއުޅެނީ ހިޔާ ފްލެޓުގެ މި ލޯނަށް ސަރުކާރުން ދޭން ޖެހޭ އެހީ ނުދޭތީ އެވެ. ސަރުކާރުން އެހީ ނުވާނަމަ އެޗްޑީސީއަށް ފްލެޓުގައި އުޅޭ މީހުން އަތުން ލާރި ނަގައިގެން ލޯނު ދައްކަން މަޖްބޫރުވާނެ އެވެ. އިތުރު މާލީ ފައިދާއެއް ނުލައި އެޗްޑީސީ އިން ފްލެޓު އަގު ކުރިއަސް ލޯނު ދައްކަން މިޖެހެނީ ފްލެޓު ލިބުނު މީހުންނެވެ. ވީމާ އެޗްޑީސީ އަދި ބޭނުން ވިޔަކަސް މަހު ކުލި ބޭނުންހާ ކުޑައެއް ނުކުރެވޭނެ އެވެ. އެޗްޑީސީއަކީ ކުންފުންޏެކެވެ. "ރައްޔިތުންނަށްޓަކައި" އެޗްޑީސީއަކުން އަމިއްލަޔަށް ލާރި ހަރަދު ނުކުރާނެ އެވެ. އެ ހަރަދު ނުވެސް ކުރެވޭނެ އެވެ.

ވީމާ މިހާރު މިއޮތް ގޮތަށް، ސަރުކާރުގެ އެހީއެއް ނެތި، ފްލެޓު ލިބޭ މީހުން މުޅި ލޯނު ދައްކަން ޖެހޭނަމަ ހިޔާ މަޝްރޫއު އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ވެސް އަސްލު ނުވާނެ އެވެ. މި މަޝްރޫއަކީ ސޯޝަލް ހައުސިން އެކޭ މިހާރު ނުކިޔޭނެ އެވެ.

ވީމާ ކުރަންވީ ކަމަކީ މި މަޝްރޫއު އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހަދަންވީ އެވެ. އެމްޑީޕީ ވެރިކަމެއްގައި، މަޖިލިސް ސުޕަ މެޖޯރިޓީ އޮވެ މިކަން ނުވާންވީ ސަބަބެއް ނެތެވެ.

ކުރީ ސަރުކާރުގައި އެޗްޑީސީ މެދުވެރިކޮށް މި މަޝްރޫއު ފެށިއިރު ޕްލޭންކުރެވިފައި ވަނީ ވެސް މިގޮތަށެވެ. ލޯނު ސަރުކާރުން ސަބްސިޑައިޒް ކުރާނެ އެވެ. ބާކީވާ ބައި ނަގާނީ ފްލެޓު ލިބޭ މީހުން އަތުންނެވެ. އޭރު މަހު ކުލި 5،600 ރުފިޔާ އަށް ކަނޑައެޅީމަ އެވާ ގޮތަކީ އެވަރު ފްލެޓަށް ވަންނަ މީހުން އަތުން ނަގާފައި، މަދުވާ ބައި ސަރުކާރުން ދައްކަނީ އެވެ.

މިހާރު އަގު ބޮޑު މިވަނީ ސަރުކާރުން ދޭ އެހީ މަދުވީމަ އެވެ. ސަރުކާރުން ހިޔާ ފްލެޓު ލޯނު މިގޮތަށް ސަބްސިޑައިޒް ކުރަން ވިސްނާފައި ވާހެނެއް އަޅުގަނޑަކަށް ހީނުވެ އެވެ. ސަބަބަކީ މިއަހަރުގެ ބަޖެޓުގައި ހިޔާގެ ލޯނު ދެއްކުމަށް އެހީވާން ވަކިވަރެއް ކަނޑައަޅާފައި ނެތުމެވެ. މިއީ ސަރުކާރުން މިހެން މިކަން ކުރަން ބޭނުންވެގެން ކުރިގޮތް ކަމެއް ނުވަތަ ބަޖެޓު ހެދުމުގައި މިކަމާ މެދު ވިސްނާފައި ނެތީމަ ވީގޮތް ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ.

މި ސަބަބުތަކާ ހުރެ އާންމުންގެ ޖަމްއިއްޔާއިން ސަރުކާރަށް ހުށަހެޅި ކަންތައްތަކުގައި ވަނީ ފުރަތަމަ 8 މަހު ހިޔާ މަޝްރޫއުގެ ކުލި 6،000 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށެވެ. އެ އަދަދު ގެނައީ ސަރުކާރުން މިކަމަށް ވަކި ބަޖެޓެއް މިއަހަރު ކަނޑައަޅާފައި ނެތީމަ އެވެ. އެހެނަސް 8 މަސް ފަސްވާއިރު އޮންނާނީ މިއަންނަ އަހަރު ފެށިފަ އެވެ. މިއަންނަ އަހަރު ބަޖެޓު ހަދާއިރު ސަރުކާރުން ހިޔާ ފްލެޓު ލޯނު ސަބްސިޑައިޒް ކުރަން ވަކި ވަރެއް ކަނޑައެޅިދާނެ އެވެ. އެކަން އެގޮތަށް ކުރާތޯ ބަލައި، އެކަން އެގޮތަށް ކުރުމަށް ތި ފަރާތްތައް ތަމްސީލު ކުރާ މަޖިލިސް މެންބަރުންނަށް ގޮވާލައި ބާރު އެޅުމަކީ ތިފަރާތްތަކުގެ ޒިންމާއެކެވެ.

އިޖްތިމާއީ ބޯހިޔާވަހިކަމުގެ ލޯނުތައް މިހާރު ސަބްސިޑައިޒް ކުރަމުން ދަނީ މުޅި ލޯނު އެކީ އެވެ. އަބަދުވެސް ކުރަނީ އެހެންނެވެ. އެކަމަކު އެއީ އެކަން ކުރެވޭނެ ހަމައެކަނި ގޮތެއް ނޫނެވެ. އެއަށްވުރެ "ސްމާޓުކޮށް" ސަބްސިޑައިޒް ކުރެވޭނެ ގޮތްތައް ވެސް ހުރެ އެވެ. އެހެނަސް އެ މައުލޫއަށް އެހެން ލިޔުމެއްގައި އަލިއަޅުވާލާނަމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ ގޮތަށް މި ލޯނު ސަރުކާރުން ސަބްސިޑައިޒް ކުރަން ފަށައިފި ނަމަ، ސަރުކާރުން ހިޔާ މަޝްރޫއުގެ ލޯނު ދެއްކުމުގައި ބައިވެރިވެއްޖެ ނަމަ، ފްލެޓު ލިބޭ މީހުންގެ މަހު ކުލި ކުޑަވާނެ އެވެ. ސަރުކާރުގެ ސަބްސިޑީ ބޮޑުވި ވަރަކަށް އާންމު މީހާ ދައްކަން ޖެހޭ ވަރު ކުޑަވާނެ އެވެ. އޭރުން މީހާރު ދައްކަ ކުލި ކުޑަކުރުން އެޗްޑީސީއަކަށް ވެސް މައްސަލަ އަކަށް ނުވާނެ އެވެ. ކޮންމެ ފަރާތަކުން ލާރި އަޔަސް، ލޯނު ދެއްކޭނަމަ އެޗްޑީސީ އަށް "އޯކޭ" ވާނެ އެވެ.

ވީމާ ފްލެޓު ލިބޭ މީހުން ވިސްނަންވީ މިކަން ކަމަށެވެ. ތިޔަ ފަރާތްތަކުން އެތަނަށް ކުރިއަށް އޮތް 20-25 އަހަރު ކުލި ދައްކަމުން ދާނެ އެވެ. މިއަންނަ އަހަރުގެ ބަޖެޓު މިއަހަރު ހަދަން ފަށާނެ އެވެ. އެކަން ފެށުމުން ތިފަރާތްތަކުން ގުޅަންވީ ތަމްސީލުކުރާ މެންބަރަށެވެ. އެދެންވީ ހިޔާ ފްލެޓުގެ ލޯނު ސަބްސިޑައިޒް ކުރަން ހުށަހެޅުމަށެވެ. ހުށަނައަޅައިފިއްޔާ ދެން ވޯޓެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދޭށެވެ. ހުށަހަޅައިފިއްޔާ ދެން ބަލަންވީ އެކަމާއި އެއްކޮޅަށް އަދި ދެކޮޅަށް ވޯޓުލަނީ ކޮން ބައެއްތޯ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮވެ މިކަން ފާސް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އެވަރުން ނިމުނީކީ ނޫނެވެ. 2023 ގައި ރިޔާސީ އިންތިހާބަށް ވޯޓު ހޯދަން ކެންޑިޑޭޓުން އައިމަ ތިފަރާތްތަކުން ކުރަންވީ ހަމަ އެ ސުވާލެވެ. އަހަންވީ ހިޔާ ލޯނު ކިހާވަރަކަށް ސަބަސިޑައިޒް ކުރާނެތޯއެވެ؟ ބަލަން ވީ ރިޔާސީ ވައުދު ތެރެއަށް އެކަން ވެއްދޭތޯ އެވެ. ތީ 7،620 އާއިލާއެވެ. ގާތްގަނޑަކަށް 40،000 މީހުންނެވެ. މަދުވެގެން 30،000 ވޯޓެވެ. ހިޔާ ފްލެޓު ލިބުނު އެންމެން އެކުއެކީ މިކަމުގައި އުޅެފިނަމަ ކުރިއަށް އޮތް ކޮންމެ އިންތިހާބަކަށް ހިޔާ ފްލެޓުގެ މަހު ކުލި ކުޑަ ކުރެވޭނެ އެވެ. އަޅުގަނޑުގެ ޒިންމާއަކީ މި މައުލޫމާތު ހިއްސާކޮށް ކަންކުރާނެ ގޮތް ކިޔައި ދިނުމެވެ. އެކަން ވެވިއްޖެ އެވެ. ކަން ކުރުން އޮތީ ތިފަރާތްތަކުގެ އަތްމަތީގަ އެވެ.

ނިންމާލުމުގެ ކުރިން އިތުރު މައުލޫމާތެއް ހިއްސާ ކޮށްލާނަމެވެ. ހިޔާ ފްލެޓު ތަކާއި ގުޅިގެން އެންމެ ގިނައިން އަޑުއިވުނު އެއް ވާހަކައަކީ ހިޔާ ފްލެޓުތައް އެޅީ މާ އަގުބޮޑުކޮށް ކަމަށެވެ. ކުރިއަށް އޮތްތާ ތިފަރާތްތަަކާާއި ދިމާވާ ސިޔާސީ މީހުން އެހެން ބުނެފާނެ އެވެ. ވީމަ އެކަން ވާގޮތް އެނގިފައި އޮތުން މުހިންމެވެ.

ރައީސް މުހައްމަދު ނަޝީދު ދައުރުގައި ހުޅުމާލެ ފޭސް އެކެއްގެ ފްލެޓުތައް އަޅާފައި ހުރީ ޔުނިޓެއް ގާތްގަނޑަކަށް 899،500 ރުފިޔާއަށެވެ. ހިޔާ ފްލެޓު އަޅާފައި ހުރީ ޔުނިޓެއް 956،000 ރުފިޔާއަށެވެ. ވީމާ ހިޔާ ފްލެޓު އަޅާފައި ހުރީ އަގު ބޮޑުކޮށް ނޫންހެއްޔެވެ؟؟؟

މިއަދަދުތައް މިހެން ކިޔުމުން މިީހަކަށް މިކަން ވަރަށް ފަސޭހައިން ގަބޫލު ކުރެވިދާނެ އެވެ. އެހެނަސް މިއީ މުޅިއަކަން ރަނގަޅު ވާހަކައެއް ނޫނެވެ.

ބޭންކުން ރޭނުމަށް ދޭ ލޯނުގެ ރޭޓު މިއީ އިންޓަރނޭޝަލަން ސްޓެންޑާޑެވެ. ބަދަލު ވެސް ވަމުންދާ އެއްޗެކެވެ. މި ހުރިހާ ލޯނެއް ނަގަނީ ޑޮލަރުންނެވެ. އަގު ހަދަނީ ވެސް ޑޮލަރުންނެވެ. އެގޮތުން ބަލާއިރު ކުރީގެ ފްލެޓުތައް އަޅާފައި ހުރީ ޔުނިޓެއް އެވްރެޖް ކޮށް 70،000 ޑޮލަރަށެވެ. ހިޔާ ފްލެޓު އަޅާފައި ހުރީ ޔުނިޓެއް 62،000 ޑޮލަރަށެވެ. އެހެނަސް ހިޔާ ފްލެޓު އަގު ބޮޑު ހެން ހީވެގެން އުޅެނީ ޑޮލަރުގެ ރޭޓަށް އައިސްގެން އުޅޭ ބަދަލާ ހެދި އެވެ. ޔުނިޓެއް 70،000 ޑޮލަރަށް ރޭނިއިރު ޑޮލަރު ހުރީ 12.85 ގަ އެވެ. ހިޔާގެ ޔުނިޓެއް 62،000 ޑޮލަރަށް ރޭނިއިރު ޑޮލަރު ހުރީ 15.42 ގަ އެވެ. ވީމާ އޭރާއި މިހާރުގެ ރޭޓަށްއައި ބަދަލު ނުބަލާ ރުފިޔާއިން އަގު ކީމާ ހިޔާގެ އަގު ބޮޑު ހެން ހީވަނީ އެވެ. އެކަމަކު ހިޔާ ފްލެޓުތަކުގެ އަސްލު އަގު ކުރީގެ ފްލެޓުތަކަށް ވުރެ މާކުޑަ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަންގެ އަގު 2011 ގެ ފަހުން ބޮޑު ތަނުން ބޮޑު ވެގެން އުޅެނީ ވެސް މިހެންވެ އެވެ. ޑޮލަރުގެ ރޭޓު މަތިވީމަ އެވެ. ވީމާ ބޯހިޔާވަހިކަމުގެ އަގު އުފުލިގެން އުޅެނީ ޗައިނާއަކާއި ހެދިއެއް ނޫނެވެ. ލޯނު ދިން ބޭންކާއި ހެދިއެއް ވެސް ނޫނެވެ. އަގު ބޮޑު ވެގެން އުޅެނީ ޑޮލަރުގެ އަގު ހިފަހައްޓަން ސަރުކާރަކަށް ނޭނގި ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ޑޮލަރުގެ އަގު ބޮޑުތަނުން ބޮޑުވީމަ އެވެ. އޭގެ ގެއްލުން ވެސް އާހިރުގައި މިވީ އަގު ހެޔޮކޮށް ބޯހިޔާވަހިކަން ބޭނުންވާ ނިކަމެތި މީހާއަށެވެ.

އެޑިޓަރުގެ ނޯޓް: މިއީ މިދުއަމް ސައުދު ކޮތަރުކޮށި ޑޮޓްކޮމްއަށް ލިޔުނު ލިޔުމެއްގެ ކޮޕީ އެކެވެ. މި ލިޔުން "ހުރިހާ"ގެ ކިޔުންތެރިންނާ ހަމަޔަށް ގެނެސްދޭން ނިންމީ "ހިޔާ" މަޝްރޫގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކަކީ އެތައް ހާސް ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، އެކަން އާއްމުންގެ ސަމާލުކަމަށް ގެނައުމަށެވެ.