މިމަހުގެ ފުރަތަމަ ދުވަހު ކޮވިޑްގައި ހަތަރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ބަލީގައި ހުޅުމާލެ ފެސިލިޓީއިން ތިން މީހަކު މަރުވެފައިވާއިރު ބ. އޭދަފުށިން އެކަކު މަރުވެފައިވާ ކަމަށެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ ރ. އަތޮޅު ހުޅުދުއްފާރު މީހެކެވެ. އޭނާ މަރުވީ ރޭ ފަތިހު 4:40 ގަ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މޭ މަހުގަ އެވެ. އެގޮތުން މިދިޔަ މަރުވި މީހުންގެ އަދަދު ވަނީ 88 އަރައިފަ އެވެ.

ކޮވިޑް ޖެހިގެން މިއަދު މަރުވި މީހުންނާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 165 އަށް އަރާފަ އެވެ.