ކޮވިޑު-19އާ ދެކޮޅަށް ޗައިނާއިިން އުފެއްދި އެއްވެސް ވެކްސިނެއް ނުގަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ"އަށް ނަސީމު އިންޓަވިިއުު ދެމުން ވިދާޅުވީ، ރާއްޖެ މި ވަގުތަށް ވެކްސިނަށް ޖެހިފައި އޮތް ނަމަވެސް ޗައިނާއިން އެއްވެސް ވަރަކަށް ވެކްސިން ގަތުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ޗައިިނާ ސަރުކާރުން ވަނީ ރާއްޖެއަށް އެގައުމުން އުފެއްދި ސައިނޯފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ވެކްސިންގެ ފުރަތަމަ ޑޯޒް 78،000 އަށް ވުރެ މީހުން ޖަހައިފައިވާއިރު ދެވަނަ ޑޯޒް 45،000 އެއްހާ މީހުން ޖަހައިފައި ވެެއެވެ.

ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން ތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނަ މީހުން ޖަހައިފައިވަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދައިފައިވާ ކޮވިޑް ޝީލްޑް ވެކްސިނެވެ. ނަމަވެސް ރާއްޖެއަށް އެކަށީގެންވާ އަދަދަށް ސިރަމްއިން ވެކްސިން ފޯރުކޮށްދޭގޮތް ވަނީ ނުވެފަ އެވެ. އެކަމުގެ ކަންބޮޑުވުން ނަސީމު ވަނީ ހިއްސާ ކުރައްވައިފަ އެވެ.

" ކޮވިޑް ޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ބައެއް މީހުންނަށް ދެވަނަ ޑޯޒް ނުދެވި 12 ހަފްތާވެސް ވެއްޖެ. މިހާތަނަށް ކޮވިޑް ޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް 228،653 މީހުންނަށް ވަނީ ދެވިފައި. އަދި ދެވަނަ ޑޯޒް 117،342 މީހުންނަށް ދެވިއްޖެ. އަދި ބާކީ އެބަތިބި 109،737 މީހުންނަށް ދެވަނަ ޑޯޒް ދޭން ޖެހޭ" ޓައިމްސް އޮފް އިންޑިއާ ނޫހަށް މައުލޫމާތު ދެމުން ނަސީމު ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ކޮވިޝިލްޑު ވެކްސިން ފޯރުކޮށް ނުދެވުމުން ރާއްޖެއިން މިހާރު ނިންމާފައި ވަނީ އޮކްސްފޯޑް އެކްސްޓަރަޒެނެކާ ވެކްސިންގެ 700،000 ޑޯޒް ސިންގަޕޫރުން ގެންނާށެވެ. އެ ވެކްސިން މި މަހު ކުރީކޮޅު ލިބޭނެކަމަށް އުއްމީދުކުރެވޭ ކަަމަށް މީގެ ކުރިން ނަސީމު ވަނީ ވިދާޅުވެފަ އެވެ.

ބޭނުންވާ އަދަދަށް ރާއްޖެއަށް ވެކްސިން ނުލިބޭތީ މިހާރު ރަޝިއާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ސްޕަޓްނިކް-ވީ ގެ 200،000 ޑޯޒް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ނެވެ. އެ ވެކްސިން ރާއްޖެ އަށް ވީހާވެސް އަވަހަށް ލިބޭނެ ކަމުގެ ޔަގީން ކަން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއާ މިދިޔަ ހަފްތާގައި ވަނީ ދެއްވައިފަ އެވެ.